Roadha Mihaaru
ކްރިޕްޓޯ މުސްލިމުންނަށް ހުއްދައެއް ނޫން: އިންޑޮނީޝިއާ

ކްރިޕްޓޯ މުސްލިމުންނަށް ހުއްދައެއް ނޫން: އިންޑޮނީޝިއާ

14 ނޮވެމްބަރ 2021

ޑިޖިޓަލް ފައިސާގެ ގޮތުގައި ކޮރިޕްޓޯ ކަރަންސީ ބޭނުން ކުރުމާއި އެއިން މުދާ އަގު ކުރުން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށް އެ އިންޑޮނީޝިއާގެ ދީނީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޖިޓަލް ފައިސާގެ ގޮތުގައި ކޮރިޕްޓޯ ކަރަންސީ ބޭނުން ކުރުމާއި އެއިން މުދާ އަގު ކުރުން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށް އެ އިންޑޮނީޝިއާގެ ދީނީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގެ ނެޝަނަލް އުލެމާ ކައުންސިލް (އެމްޔޫއައި) އިން ބުރާސްފަތި ދުވަހު ބުނީ ކްރިޕްޓޯ އަކީ މުސްލިމުންނަށް އޭގެ މުއާލަމާތް ހުއްދަ ނޫން އެއްޗެއް ކަމަށް ކަނޑައެޅީ ދީނީ އިލްމުވެރިން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ދީނީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލީހުގެ ވެރިޔާ އަސްރޯރުން ނިއާމް ޝޮލޭ ވިދާޅުވި ގޮތުގައި ކްރިޕްޓޯގެ މުއާމަލާތް އެއްވެސް ގޮތަކަށް ހިންގޭނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އޭގެ މުއާމަލާތްކުރެވޭ ނަމަ އެވެ. އޭރުން އެފަދަ މުއާމަލާތްތައް ޝަރީއަތާ ފުރުނާރާ ގޮތަށް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ ދީނީ ކަންތައްތަކާ ބެހޭ މަތީ މަޖިލިސްގެ ބައްދަލުވުމެއް.

އިންޑޮނީޝިއާގެ ދީނީ ކަންތައްތަކާ ބެހޭ މަތީ މަޖިލިސްގެ ބައްދަލުވުމެއް.

ކްރިޕްޓޯ މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށް ކަނޑައެޅި އިރު، އެ ގައުމަކީ މިހާރު ވެސް އޭގެ މުއާމަލާތް ކުރެވޭ ގައުމެކެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަހު އެކަނި ވެސް ކްރިޕްޓޯ އިން 370 ޓްރިލިއަން ރުޕިއާ (26 ބިލިއަން ޑޮލަރު) ގެ ޓްރާންސެކްޝަން އިންޑޮނީޝިއާގައި ހަދާފައިވެ އެވެ. އަދި އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އިންޑޮނީޝިއާ އިން ވެސް އަންނަނީ ޑިޖިޓަލް ފައިސާ ބޭނުން ކުރުމާ މެދު ސީރިއަސްކޮށް ވިސްނަމުންނެވެ.

މިހާރު ކްރިޕްޓޯގެ މަގުބޫލުކަން އެކި ގައުމުތަކުގައި ބޮޑުވަމުން އަންނަ އިރު، އެކި ގައުމުތަކުގައި އެކި ފެންވަރުގައި ކްރިޕްޓޯކަރަންސީގެ މުއާމަލާތް ހިންގަ އެވެ. މިހާތަނަށް ރަސްމީ ފައިސާއެއްގެ ގޮތުގައި ކްރިޕްޓޯގެ ބާވަތެއް ކަމަށްވާ ބިޓްކޮއިން ބަލައިގެންފައި ވަނީ އަލް ސަލްވެޑޯއިން އެކަންޏެވެ.

އިންޑޮނީޝިއާގެ މަރުކަޒީ ބޭންކް.

އިންޑޮނީޝިއާގެ މަރުކަޒީ ބޭންކް.

ކްރިޕްޓޯގެ މަގުބޫލުކަން ބޮޑުވެ، ވަކިން ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި އެ ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔަޔަސް އޭޝިއާގެ އެންމެ ބޮޑެތި ގައުމުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކަކީ ކްރިޕްޓޯއާ ވަރަށް ދެކޮޅު ގައުމުތަކެވެ.

އެކަމަކު އަރަބި ގައުމުތައް ނިސްބަތްވާ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ޔޫއޭއީ އާއި ބަހްރައިން ފަދަ ގައުމުތަކުގައި ކްރިޕްޓޯގެ މުއާމަލާތް ކުރެވެ އެވެ.

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ދުނިޔޭގެ މާލީ ބޮޑެތި އިދާރާތައް ކްރިޕްޓޯއާ ވަރަށް ދެކޮޅެވެ.