Roadha Mihaaru
ވޯލްޑް ބޭންކް ބިޓްކޮއިންއާ ދެކޮޅު

އަލް ސަލްވެޑޯއިން ބިޓްކޮއިން ބޭނުންކުރުމާ ވޯލްޑް ބޭންކް ދެކޮޅު

18 ޖޫން 2021

ބިޓްކޮއިން އަކީ އަލް ސަލްވެޑޯގެ ރަސްމީ ފައިސާއަކަށް ހަދަން މިދިޔަ ހަފުތާގައިި ފާސްކޮށް، އެކަން ކުރިއަށް ގެންދިއުމުގައި ބޭނުންވާ އެހީތެރިކަން ހޯދަން ވޯލްޑް ބޭންކަށް ހުށަހެޅުމުން އެތަނުން އެކަމާ ދެކޮޅު ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބިޓްކޮއިން އަކީ އަލް ސަލްވެޑޯގެ ރަސްމީ ފައިސާއަކަށް ހަދަން މިދިޔަ ހަފުތާގައިި ފާސްކޮށް، އެކަން ކުރިއަށް ގެންދިއުމުގައި ބޭނުންވާ އެހީތެރިކަން ހޯދަން ވޯލްޑް ބޭންކަށް ހުށަހެޅުމުން އެތަނުން އެކަމާ ދެކޮޅު ހަދައިފި އެވެ.

އެތަނުން ބުރާސްފަތި ދުވަހު މިކަމާ ދެކޮޅު ހަދާފައި ވަނީ ބިޓްކޮއިންގެ މުއާމަލާތް ފެށުމަށް ބޭނުންވާ ޓެކްނިކަލް އެހީ ހޯދުމަށް ވޯލްޑް ބޭންކަށް ހުށަހަޅާފައިވާ ކަމަށް އަލް ސަލްވެޑޯގެ ފިނޭންސް މިނިސްޓަރު އެލަޖެންދުރޯ ޒެލާޔާ ބުދަ ދުވަހު ވިިދާޅުވެފައި ވަނިކޮށެވެ.

ވޯލްޑް ބޭންކްގެ ތަރުޖަމާނު ރޮއިޓާސް އަށް ވިދާޅުވީ އެތަނުން އޮތީ އަލް ސަލްވެޑޯގެ އިގުތިސާދާއި އެތަނުގެ ފައިސާގެ މުއާމާލަތްތަކާ ގުޅޭ ގޮތުން ސަރުކާރާއި މާލީ އިދާރާތަކަށް ބޭނުންވާ އެހީ އެކި ގޮތްގޮތުން ދޭން ތައްޔާރަށް ކަމަށެވެ. ނަމަވެސް ބިޓްކޮއިން ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުންކުރަން ނިންމި ނިންމުމާ ދެކޮޅު ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްވެސް ގޮތަކުން އެހީ ނުވާނެ ކަމަށް ވިދާޅުވި އެވެ.

އަލް ސަލްވެޑޯ އިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ބިޓްކޮއިން ރަސްމީ ފައިސާއަކަށް ހަދަން ފާސްކުރި އިރު، ބުނެފައި ވަނީ ބޭނުމަކީ ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބިޓްކޮއިން ރަސްމީ ޓެންޑާއެއްގެ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމަށް އެތައް ކުރިއެރުމެއް އަންނާނެ ކަމަށް އެ ގައުމުގެ ރައީސް ނަޖީބު ބުކެލޭ ވިދާޅުވެފައިވެ އެވެ.

މެދުތެރޭ އެމެރިކާ އަށް ނިސްބަތްވާ އަލް ސަލްވެޑޯ އަކީ ބިޓްކޮއިން ރަސްމީ ފައިސާއަކަށް ހަދަން ފާސްކުރި ފުރަތަމަ ގައުމެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ބިޓްކޮއިންއާ ގުޅުން ހުރި ކަންކަމުގައި އަލް ސަލްވެޑޯގެ ސަރުކާރުން އެދުނު އެހީ ދޭން ބޭނުން ނުވަނީ ޑިޖިޓަލް ފައިސާއެއްގެ ގޮތުގައި ބޭނުންކުރާ ކްރިޕްޓޯކަރަންސީ ބިޓްކޮއިންއާ ގުޅުން ހުރި ކަންކަމުގައި ދެފުށްފެންނަ ހަރުދަނާ އުސޫލުތަކެއް ނެތުމާއި ބިޓްކޮއިން މައިންކުރަން ކުރާ މަސައްކަތުގެ ތެރޭގައި ތިމާވެއްޓަށް ވެސް ކުރާނެ ނޭދެވޭ އަސަރުތަކާ ހެދި ކަމަށެވެ.

އަލް ސަލްވެޑޯގެ ފިނޭންސް މިނިސްޓަރު.

އަލް ސަލްވެޑޯގެ ފިނޭންސް މިނިސްޓަރު.

"އަހަރެމެން ތިބީ ކަރަންސީ ޓްރާންސްޕޭރަންސީ އާއި ރެގިއުލޭޓަރީ ޕްރޮސެސްގައި އަލް ސަލްވެޑޯ އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭން ތައްޔާރަށް. އެކަމަކު ބިޓްކޮއިން އަކި އަހަރެމެން ބަލައިގަންނަ އެއްޗެއް ނޫން. އެއާ ގުޅޭ ކަމެއްގައި އަހަރެމެންގެ އެހީއެއް އެއްވެސް ގޮތަކަށް ނުލިބޭނެ،" ތަރުޖަމާނު ވިދާޅިވި އެވެ.

މީޑިއާތަކުން ބުނީ ވޯލްޑް ބޭންކްގެ އެ ނިންމުމާ ގުޅިގެން ބިޓްކޮއިން އަލް ސަލްވެޑޯގެ އިގުތިސާދުގެ ތެރޭގައި ރަސްމީކޮށް ދައުރުކުރަން އެ ގައުމުން ކުރާ މަސައްކަތްތަކަށް ދެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އެ ގައުމުގެ އަމާޒަކީ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ބިޓްކޮއިން ރަސްމީކޮށް ބޭނުންކުރަން ފެށުމެވެ.

އަލް ސަލްވެޑޯގެ ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ބިޓްކޮއިންގެ މުއާމަލާތްތަކާ ގުޅޭ ގޮތުން މިހާރު އަންނަނީ އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ވެސް މަޝްވަރާތައް ކުރަމުންނެވެ. އަދި އެތަނުން އެކަމާ ދެކޮޅު ނޫން ކަމަށާއި މިހާތަނަށް ކުރެވުނު މަޝްވަރާތައް ކާމިޔާބު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އައިއެމްއެފުން މިދިޔަ ހަފުތާގައި ބުނީ އަލް ސަލްވެޑޯ އިން ކުރަން އުޅޭ ކަމުގެ ސަބަބުން މައިކްރޯއިކޮނިމިކާއި މާލީ އަދި ގާނޫނީ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.