Roadha Mihaaru
18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ

13 ނޮވެމްބަރ 2021

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން 2-1 އިން ރާއްޖެ ބަލި ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން 2-1 އިން ރާއްޖެ ބަލި ވެއްޖެ އެވެ.

މިއީ 18 އަހަރުތެރޭ ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 2003 ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.

މެޗުން ބަލިވުމުން މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާން ދިވެހި ޓީމަށް ވަނީ އުނދަގޫވެފަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާ އަތުން އެއްވަރުވީ 4-4 އިންނެވެ. ރާއްޖެ އަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ބަންގްލަދޭޝްއިންނެވެ. އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާއިން ކެޕްޓަން ޖަމާލް ބުޔާން ލަނޑު ޖެހީ މެޗުގެ 11 ވަނަ މިނިޓްގަ އެވެ. ބަންގްލަދޭޝް އަށް ލިބުނު އެއްލުމެއްގައި އޭރިއާ ތެރެއަށް ނެގުމުން ރާއްޖޭގެ ކުޅުންތެރިންގެ ބޮލުގައި ޖެހިފައި ދިޔަ ބޯޅަ ޖަމާލް ވަނީ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.

ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ކެޕްޓަން ޖަމާލް ބުޔާން --- ފޮޓޯ: ފުޓްބޯލް ސްރީ ލަންކާ

ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ކެޕްޓަން ޖަމާލް ބުޔާން --- ފޮޓޯ: ފުޓްބޯލް ސްރީ ލަންކާ

އެކަމަކު ލައިސްމަން އޮފްސައިޑަށް ދިދަ ނަގައިގެން ހުރުމުން، ލަންކާގެ ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެެވެ. އެކަމަކު ލައިސްމަންއާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ވަނީ ލަނޑެއް ކަމަށް ނިންމައިފަ އެވެ.

ލީޑް ނެގުނު ހިސާބުން ބަންގްލަދޭޝް މަސައްކަތް ކުރީ ގޭމް ލަސްކުރުމަށެވެ. އަދި މުޅި ޓީމް ފަހަތަށް ފަހައިގެން ތިބެ ކުޅެން މަސައްކަތް ކުރި އެވެ. އޭގެ ސަބަބުން ހުސް ފުރުސަތުތައް ތަނަވަސް ކުރަން ދިވެހި ކުޅުންތެރިންނަށް އުނދަގޫވި އެވެ.

އެންމެ ރަނގަޅު އޯޕަން ޗާންސެއް ލިބުނީ ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) އަށެވެ. އޭނާ ފޮނުވާލަން އުޅުނު ބޯޅަ ބަންގްލަދޭޝްގެ ޑިފެންޑަރު ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ރާއްޖެއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އަލީ އަޝްފާގް (ދަގަނޑޭ) ނަގައިދިން ކޯނަރުން ތަނަވަސްވި ބޯޅައިންނެވެ. ކޯނަރު ގޯލް ހުރަސްކޮށް ދިއުމުން ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ވަނީ ގޯލް ކުރިމައްޗަށް ބޯޅަ ކޮށްޕާލައިފަ އެވެ. މުހައްމަދު އުމޭރު ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ރާއްޖޭގެ ޓީމު ގައުމީ ސަލާމަށް ހުއްޓިގެން. --- ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ރާއްޖޭގެ ޓީމު ގައުމީ ސަލާމަށް ހުއްޓިގެން. --- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގެ ފަހުކޮޅު ފިޓްނަސްގެ މައްސަލަ ދެ ޓީމަށް ވެސް ކުރިމަތިވި އެވެ. ގެނައި ބަދަލުތަކުން ރާއްޖެ އަށް ނަތީޖާ ނުނެރެވުނެވެ. ބަންގްލަދޭޝްއިން އަލުން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ބަންގްލަދޭޝްގެ ޖުވެލް ރާނާ އަށް ރާއްޖޭގެ ކީޕަރު އަލީ ނާޖިހް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ރާނާ އަތުގައި އޮތް ބޯޅަ ހޯދަން ނާޖީ ޑައިވް ކުރުމުން އޭނާގެ އަތުގައި ޖެހިފައި ރާނާ އޭރިއާ ތެރެއަށް ވެއްޓުނެވެ. ރެފްރީ ވަނީ ޕެނަލްޓީއެއް ކަމަށް ދައްކައި ނާޖީ އަށް ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

ބަންގްލަދޭޝްގެ ޕެނަލްޓީ 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓޯޕޫ ބާމަން އެވެ. ސާފް ޗެމްޕިއަންޝިޕްގައި ވެސް ބަންގްލަދޭޝް އަށް ލިބުނު ޕެނަލްޓީތައް ވެސް ކާމިޔާބު ކުރީ އޭނާ އެވެ.

މެޗުން މޮޅުވެ ބަންގްލަދޭޝް ވަނީ ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ސީޝެލްސް އާއި ލަންކާ އެވެ.