Roadha Mihaaru
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން

އިތުރަށް އެއް ކުޅުންތެރިއަކު ހުރެގެން ވެސް ލަނޑު ނުޖެހުމަކީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން

17 އޮކްޓޯބަރ 2023

ބަންގްލަދޭޝް އަށް ވުރެ އިތުރަށް ކުޅުންތެރިޔަކު ހުރެގެން ވެސް ދިވެހި ޓީމަށް ލަނޑު ނުޖެހުމަކީ ރާއްޖޭގެ ފެއިލިޔާއެއް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބަންގްލަދޭޝް އަށް ވުރެ އިތުރަށް ކުޅުންތެރިޔަކު ހުރެގެން ވެސް ދިވެހި ޓީމަށް ލަނޑު ނުޖެހުމަކީ ރާއްޖޭގެ ފެއިލިޔާއެއް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ރައުންޑްގައި، މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ބޮޑު ބައެއް އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ މުހައްމަދު ސުހޭލް ރާނާ އަށް 59 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ރަތް ކާޑު ދެއްކި އިރު ބަންގްލަދޭޝް އޮތީ ލީޑް ނަގައިފަ އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް އެ ޓީމަށް ކުޅެން ޖެހުމުން ރާއްޖެ އަށް އޭގެ ފައިދާ ނެގޭނެ ކަމަށް ބެލެވުނަސް އެކަން ކާމިޔާބެއް ނުވި އެވެ. މެޗުން ދިވެހި ޓީމު ބަލިވީ 2-1 އިންނެވެ. އެއާ އެކު، ރާއްޖެ އަށް ވަނީ ވޯލްޑް ކަޕް ކޮލިފައިން އިން ޖާގަ ގެއްލިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ވެސް ބުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ބަންގްލަދޭޝް އިން ލީޑް ދަމަހައްޓަން ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ. ލީޑް އެ ޓީމު އަތުގައި ދެމެހެއްޓުމަށް ލަސް ކުރުމުގެ އުކުޅުތައް ބޭނުން ކުރި ކަން އޭނާ ފާހަގަ ކުރި އެވެ.

"ބަންގްލަދޭޝް އިން ވަރަށް އޮގަނައިޒް ގޭމެއް ކުޅުނު. އެ މީހުން އަތުގައި ޕްލޭނެއް އޮތް. އެ ޕްލޭނާ އެއްގޮތަށް އެ ޓީމު ކުޅުނު. ލީޑް ލިބުމުން އެ ޓީމުން މެޗު ލަސް ކުރުމުގެ އުކުޅު ބޭނުން ކުރި. ލީޑްގައި އޮންނައިރު އެހެން ޓީމުތަކުން ވެސް ލަސްކުރުމުގެ އުކުޅުތައް ބޭނުންކުރާނެކަން ގަބޫލުކުރަން،" ސުޒޭން ބުންޏެވެ.

މި ފަހަރުގެ ކޮލިފައިން އަށް ގައުމީ ޓީމުގެ ހެޑް ކޯޗު ކަމާ ހަވާލުވި ސުޒޭން ބުނީ ރާއްޖޭން ރަނގަޅު ފުޓްބޯޅައެއް ކުޅެން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ބަންގްލަދޭޝް އިން ކުޅެން މަސައްކަތް ކުރީ، އެ ޓީމުން މިދިޔަ ތިން އަހަރު ތެރޭ ވެސް ކުޅުނު ގޭމް ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"ބަންގްލަދޭޝްއިން ދޭއް ނުވަތަ ތިން އަހަރެއް ވެއްޖެ މި ގޭމް ކުޅެން މަސައްކަތް ކުރާތާ. އިދިކޮޅު ޓީމުގެ ފަހަތަށް ދިގު ބޯޅައެއް ޖަހައިގެން ސްޓައިކަރުން އެ ބޯޅަ އަށް ދުވެގެން ބޯޅަ ހޯދާތަން. މިއަދު ވެސް ފެންނާނެ ރާކިބް [ހުސައިން] އެ ބޯޅަ އަށް ދުވެގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރިތަން،" ސުޒޭން ބުންޏެވެ.

"އެކަމަކު އަހަރެމެންނަކީ ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެން މަސައްކަތް ކުރާ ޓީމެއް. އަހަރެމެން ކުޅެން މަސައްކަތް ކުރަނީ މި ގޭމް. އަދި މި ގޭމް ކުޅެގެން އަހަރެމެން ވަރަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިން."

ބަންގްލަދޭސް އަށް ވުރެ އިތުރަށް އެއް ކުޅުންތެރިޔަކު ހުރެގެން ކުޅުނު ނަމަވެސް ރާއްޖެ އަށް އޭގެ ފައިދާ ނުނެގުނު އެންމެ ބޮޑު ސަބަބަކީ އުފެއްދި ހުސް ފުރުސަތުތައް ބޭނުން ނުކުރެވުން ކަމަށް ރާއްޖޭގެ ކޯޗުގެ މަގާމުގައި ހުރެ ބަންގްލަދޭޝްއާ ދެކޮޅަށް ތިން ފަހަރު ނުކުތް ސުޒޭން ބުންޏެވެ.

"ހަމަ ޔަގީނުން ވެސް އެއީ [ބަންގްލަދޭޝް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެނު އިރު ވެސް ލަނޑު ނުޖެހުމަކީ] ރާއްޖޭގެ ފެއިލިޔާއެއް،" މެޗަށް ފަހު ބަންގްލަދޭޝްގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

"އެކަމަކު ކީއްވެ އެ ރަތް ކާޑު ބަންގްލަދޭޝް ކުޅުންތެރިޔާ ހޯދަން ޖެހުނީ؟ ސަބަބަކީ އަހަރެމެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެން ފެށީމާ އެ ޓީމުން ވަރަށް ބޮޑަށް ހާސްވެ، ނުރައްކާތެރި ޓެކްލެއް ކުރަން ޖެހުނީ.

"... ފެންނާނެ އަހަރެމެން ވަރަށް ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސް ކުރިން ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނީ. މާލޭގައި ވެސް ވީ ހަމަ އެހެން. ފެންނާނެ އެ މެޗުގައި ވެސް އަހަރެމެން ލިބުނު ފުރުސަތުތައް. އަދި މިއަދު ވެސް ކިހާ ރަނގަޅު ފުރުސަތުތަކެއް އަހަރެމެން އުފެއްދިން. މިއީ ފުޓްބޯޅައިގައި ދިމާވެދާނެ ގޮތެއް. އަހަރެމެން ޖެހޭނެ މިކަން ގަބޫލުކުރަން."

ރާއްޖެ އާއި ބަންގްލަދޭޝްގެ ފުޓްބޯޅަ ހަމަހަމަ

މި އަހަރު ރާއްޖޭން ބަންގްލަދޭޝްއާ ދެކޮޅަށް ތިން މެޗު ކުޅުނެވެ. އޭގެ ތެރެއިން ދެ ފަހަރު ބަންގްލަދޭޝްއިން ކާމިޔާބު ހޯދި އެވެ. މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗު އެއްވަރުވުން ފިޔަވައި ލިބުނު އެހެން ހިތްހަމަޖެހުމެއް އެ ތިން މެޗުން ރާއްޖެ އަކަށް ނެތެވެ.

ބަންގްލަދޭޝްއިން އަނެއްކާ ވެސް ރާއްޖެ ބަލި ކުރުމުން، ރާއްޖޭގެ ފުޓްބޯޅަ އަށް ވުރެ އެ ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅުކަން ފާހަގަކޮށް އެ ގައުމުގެ ނޫސްވެރިން ސުޒޭނާ ސުވާލު ކުރި އެވެ.

އެކަމަކު އޭނާ ބުނީ ބަންގްލަދޭޝް އާއި ރާއްޖޭގެ ފުޓްބޯޅައިގައި މާ ބޮޑު ތަފާތެއް ފެންވަރުގެ ގޮތުން ނެތް ކަމަށެވެ. އޭނާ ސިފަކުރި ގޮތުން ދެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރު ވެސް ދާދި ހަމަހަމަ އެވެ.

"ބައެއް މީހުން ވާހަކަ ދައްކާ ގޮތުން ހީވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ އޮތީ މާ ފެންވަރު މަތިކޮށްހެން. އެކަމަކު މި ދެ ގައުމުގެ ފުޓްބޯޅަ ވެސް ގާތްގަނޑަކަށް ހަމަހަމަ. އެހެން ދުވަހެއްގައި އަހަރެމެންނަށް ދެން ވެސް ބަންގްލަދޭޝް ބަލި ކުރެވިދާނެ. މިއަދު މީ ބަންގްލަދޭޝްގެ ދުވަސް ވީމަ އެ ޓީމު އަހަރެމެން އަތުން މޮޅުވެއްޖެ،" ދިވެހި ޓީމު ގޮވައިގެން ބަންގްލަދޭޝްއާ ދެކޮޅަށް 2021 ގައި ނުކުމެ ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.

"އަހަރެންގެ އެބަހުރި ބަންގްލަދޭޝް އާއި ރާއްޖޭގެ ފުޓްބޯޅައިގެ އެކި ހަނދާންތައް. ސާފް ޗެމްޕިއަންޝިޕް 2003 ގައި (ފައިނަލު ރާއްޖެ އާ ދެކޮޅަށް ކުޅެ) ބަންގްލަދޭޝް މުބާރާތް ކާމިޔާބު ކުރި. އެ ދުވަހު ބަންގްލަދޭޝް ކުޅުނު ރަނގަޅު ގޭމެއް. އެކަމަކު އޭގެ ފަހުން ރާއްޖެ އަތުން ބަންގްލަދޭޝް ދެތިން ހަތަރު ފަހަރެއްގެ މަތިން ބަލި ވެއްޖެ. މިއީ 2003 ގެ ފަހުން ޑާކާގައި ބަންގްލަދޭޝް އަތުން އަހަރެމެން ބަލިވި ފުރަތަމަ ފަހަރު."