Roadha Mihaaru
ކާމިޔާބު "ވޯ" އަށް ރިތިކް ފުރަތަމަ ބުނީ ނޫނެކޭ

ކާމިޔާބު "ވޯ" އަށް ރިތިކް ފުރަތަމަ ބުނީ ނޫނެކޭ

04 އޮކްޓޯބަރ 2021

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ވޯ" ގެ ސްކްރިޕްޓް އެންމެ ފުރަތަމަ ކީ އިރު އޭގައި ޝައުގުވެރިވާ ކަހަލަ އެއްވެސް ކަމެއް ނެތުމުން ފުރަތަމަ ބޭނުންވީ އެ ފިލްމު ނުކުޅެން ކަމަށް ރިތިކް ރޯޝަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ވޯ" ގެ ސްކްރިޕްޓް އެންމެ ފުރަތަމަ ކީ އިރު އޭގައި ޝައުގުވެރިވާ ކަހަލަ އެއްވެސް ކަމެއް ނެތުމުން ފުރަތަމަ ބޭނުންވީ އެ ފިލްމު ނުކުޅެން ކަމަށް ރިތިކް ރޯޝަން ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ލިޔެ، ޑައިރެކްޓްކުރި ފިލްމު ރިލީޒްކުރިތާ ހޮނިހިރު ދުވަހަށް ދެ އަހަރުވީ އިރު، އެ ފިލްމަކީ 2019 ގައި ރިލިޒްކުރި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމެވެ. "ވޯ" އާ ބެހޭ ގޮތުން ރިތިކް ބުނީ ފިލްމު ސްކްރިޕްޓް ކިޔާލައި، އޭނާ އަށް އެކަމުނުދާ ވާހަކަ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ އާއި ސިދާތު ގާތު ބުނިތާ ފަސް ވަރަކަށް މިނެޓްގެ ތެރޭގައި އެ މީހުން އޭނާގެ ގެއަށް ދިޔަ ކަމަށެވެ.

"އަދިތިޔާ ކޮންމެހެން ވެސް ބޭނުންވީ އަހަރެން ފިލްމަށް ގެންނަން. އެހެންވެ ތަކުރާރުކޮށް ބުނަމުން ދިޔަ ވޯ އަކީ އަހަރެން ކުޅުނު ދޫމް ދޭއް ކަހަލަ ވަރަށް އެންޓަޓައިނިން ފިލްމަކަށް ވާނެ ކަމަށް،" ރިތިކް ބުންޏެވެ.

އޭނާ ބުނީ ފިލްމަށް އެއްބަސްވުމާ ދޭތެރޭ އަލުން ވިސްނަން ފެށީ އަދިތިޔާ އާއި ސިދާތު ތިބެގެން ސްކްރިޕްޓް އަލުން ނެރޭޓްކޮށްދީ، އަމިއްލަ އަށް ބޭނުންވި ކުދިކުދި ބައެއް ކަންކަން ވެސް އޭގެ ތެރޭގައި ހިމަނައިގެން ގެނެސްދޭން ދެ މީހުން އެއްބަސްވުމުން ކަމަށެވެ.

"އަހަންނަށް ވޯ ހުށަހެޅި އިރު، އުޅުނީ ވަރަށް ރިއަލިޓިސްޓް ފިލްމެއް ކަމަށްވާ ސުޕަ 30 ގެ ވެސް މަސައްކަތުގައި. އެހެންވެ އޭރު ބޮޑަށް ޝައުގުވެރިކަން ހުރީ އެ ސްޓައިލް ރިއަލިސްޓިކް ފިލްމުތަކަށް. އެކަމަކު ފަހުން ވޯ އަށް އެއްބަސްވާން ނިންމީ އަދީ އާއި ސިދާތަށް ކުރެވޭ އިތުބާރެއްގެ ވެސް ބޮޑުކަމުން،" ފިލްމު "ކަހޯ ނާ...ޕިާރު ހޭ" އިން 2000 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ރިތިކް، 47، ބުންޏެވެ. "އަދި ހަމައެއާ އެކު އެ ފިލްމު ގަބޫލުކުރަން ނިންމުމަކީ އަހަރެން ވަރަށް ގަޓްގައި ނިންމި ނިންމުމެއް. އެކަމާ އުފާކުރަން މިހާރު."

"ވޯ" ގެ ކުރިން ސިދާތާ އެކު 2014 ގެ "ބޭންގް ބޭންގް" ގައި ރިތިކް މަސައްކަތްކުރި އެވެ. އެހެންވެ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ އަކީ ކޮން ފެންވަރެއްގެ މީހެއްކަން އެނގޭ ކަމަށް ރިތިކް ބުންޏެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ވޯ" އަކީ ރިތިކާއި ޒުވާން އެކްޓަރު ޓައިގާ ޝްރޮފްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދިޔަ ފިލްމެކެވެ. މީގެ ބަތަލާ އަކީ ކުޑަކުޑަ ރޯލެއް ކުޅުނު ވާނީ ކަޕޫރެވެ.

"ވޯ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އެ ފްރެންޗައިޒަކަށް ހަދަން ވެސް ވައިއާރްއެފުން ވަނީ ނިންމައިފަ އެވެ. އެކަމަކު ފިލްމުގެ ދެވަނަ ބައި ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ. ސައުވީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ވޯ" އަކީ ބޮކްސް އޮފީހުގައި 67 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ.

ރިތިކް މިހާރު އަންނަނީ ސިދާތާ އެކު "ފައިޓާ" ކިޔާ ފިލްމަކަށް ތައްޔާރުވަމުންނެވެ. އެ އޭރިއަލް އެކްޝަން ތުރިލާގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯން އެވެ.