Roadha Mihaaru
ކޮވިޑާ ހެދި "ބަންޓީ އޯރް ބަބްލީ 2" މަޑުޖައްސާލައިފި

ކޮވިޑް-19އާ ހެދި "ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރުން މަޑުޖައްސާލައިފި

28 މާޗް 2021

އިންޑިއާގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އަންނަ މަހުގެ 23 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެ ތާރީހުގައި ރިލީޒްނުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އަންނަ މަހުގެ 23 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެ ތާރީހުގައި ރިލީޒްނުކުރަން ނިންމައިފި އެވެ.

އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުންޏާ ހަވާލާދީ ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ. "ބަންޓީ އޯރް ބަބްލީ 2" އަކީ ކުރިން މިދިޔަ އަހަރުގެ ޖޫން 12 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު އޭރު ވެސް އެކަން ނުވީ ކޮވިޑާ ހެދި އެވެ.

މި ފިލްމަކީ ބަތަލާ ރާނީ މުކަރްޖީ 2005 ގައި ކުޅުނު "ބަންޓީ އޯރް ބަބްލީ" ގެ ސީކްއެލްއެކެވެ. މި ފަހަރު އާ ޑައިރެކްޓަރަކާއި ތަފާތު ކާސްޓަކާ އެކު ފިލްމު ގެނެސްދޭ އިރު މި ކްރައިމް ކޮމެޑީގައި ސައިފް އަލީ ޚާނާއި ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ އާއި އާ ބަތަލާ ޝަރްވާގީ ވާގް ހިމެނެ އެވެ.

"ބަންޓީ އޯރް ބަބްލީ 2" ލިޔެ، ޑައިރެކްޓްކުރީ ވަރުން ވީ ޝަރުމާ އެވެ. އަބީޝެކް ބައްޗަން ބަތަލުގެ ރޯލު ކުޅުނު ކުރީގެ ފިލްމު ލިޔެ، ޑައިރެކްޓްކުރީ ޝާދު އަލީ އެވެ.

"ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރުން މަޑުޖައްސައިލި އިރު ކަންގަނާ ރަނާވަތުގެ "ތަލައިވީ" އަކީ ވެސް އަންނަ މަހުގެ 23 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

ވައިއާރްއެފުން މި އަހަރު ސިނަމާތަކަށް ގެނައި ފުރަތަމަ ފިލްމަކީ މި މަހުގެ 19 ގައި ރިލީޒްކުރި އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" އެވެ.

ކޮވިޑާ ހެދި ސިނަމާތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވަމުންދާ އިރު މިދިޔަ އަހަރަކީ އަހަރުގެ ބޮޑު ބައިގައި ބައްޔާ ހެދި އިންޑިއާގެ ސިނަމާތައް ބަންދުކުރަން ޖެހުނު އަހަރެކެވެ.