Roadha Mihaaru
ކޮވިޑަށް ފަހު ބެޑްމިންޓަން ހަރަކާތްތައް މިއަދު ފަށަނީ

ކޮވިޑަށް ފަހު ބެޑްމިންޓަން ހަރަކާތްތައް މިއަދު ފަށަނީ

22 ޑިސެމްބަރ 2020

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބެޑްމިންޓަން މުބާރާތް މިއަދު ފަށާނެ އެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބެޑްމިންޓަން މުބާރާތް މިއަދު ފަށާނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދަން ދީފައިވާ ހުއްދައިގެ ދަށުން ބާއްވާ ބީއޭއެމް މިކްސް ޓީމު ޗެމްޕިއަަންޝިޕުގައި އަށް ޓީމެއް ވާދަކުރެ އެވެ. އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ހަފްތާއެއްހާ ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ޓީމުތައް ގްރޫޕްތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، ގްރޫޕް އޭގައި އޮތީ އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)، ސައިރިކްސް ރެކްރިއޭޝަން ކްލަބް، ކްލަބް ސްޓެޓިކް އަދި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ އެެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް، ކްލަބް ސްކޯ ސްޕޯޓްސް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ދަ ގޯޅި ސްޕޯޓްސް ކްލަބް އެވެ.

މުބާރާތުގެ މެޗުތައް ރޭވިފައިވާ ގޮތަށް ބަލާއިރު ކޮންމެ ދުވަހަކު ދެ މެޗެއް ކުޅޭނެ އެވެ. ކޮންމެ މެޗެއްގައި އަށް ގޭމް ހިމެނޭނެ އެވެ. އެއީ ތިން ފިރިހެން ޑަބަލްސް، ދެ މިކްސް ޑަބަލްސް އަދި ދެ އަންހެން ޑަބަލްސް އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ކަންތައްތައް ކުރިއަށްދާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނުގެ ތެރެއިން ވީ އެންމެ ރައްކާތެރިކަމާ އެކުގައި ކަމަށެވެ.

އަޖުފާން އެކެޑަމީގެ ފުރަތަމަ މުބާރާތް

މި މުބާރާތް ވެގެންދާނީ ދާދި ފަހުން ފެށިގެންދިޔަ ގައުމީ ޗެމްޕިއަން އަޖުފާންގެ އެކެޑަމީ ވާދަކުރާ ފުރަތަމަ މުބާރާތަށެވެ. އަޖުފާން އެކެޑަމީން ޒުވާން ކުޅުންތެރިންގެ އިތުރުން ވާދަވެރިކޮށް ބެޑްމިންޓަން ކުޅެން ބޭނުންވާ ކުޅުންތެރިން ވެސް ތަމްރީނުކުރަން ވަނީ ނިންމައިފަ އެވެ. އަދި މިދިޔަ މަހު ފަހު ކޮޅު ވަނީ އެ އެކެޑަމީ އަށް ހާއްސަކޮށް ކުރިއަށް ގެންދާ ޔުނިޓީ ކަޕް ލޯންޗްކޮށްފަ އެވެ. އެ އެކެޑަމީގެ ވިސްނުން ހުރީ ސިލްސިލާކޮށް މި ކަހަލަ މުބާރާތްތައް ބާއްވައި ކުޅުންތެރިން އިވަލުއޭޓްކޮށް ވާދަވެރި މެޗުތަކަށް ވެސް ތައްޔާރުވެ ބެހެއްޓުމެވެ.

ފުރަތަމަ މުބާރާތުގައި ވެސް އަޖުފާން އެކެޑަމީގެ ފަރާތުން ބައެއް އާ ކުޅުންތެރިން ފެނިގެންދާނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މި އަހަރަށް ގިނަ ހަރަކާތްތަކެއް ރޭވި ނަމަވެސް ކޮވިޑް-19އާ ހެދި މާޗް މަހު ހުރިހާ ހަރަކާތެއް ހުއްޓާލަން ޖެހުނެވެ. އޭގެ ފަހުން މާލެ ސަރަހައްދުގައި މުބާރާތެއް ނުބޭއްވުނު ނަމަވެސް ބީއޭއެމްގެ އެހީތެރިކަމާ އެކު ބެޑްމިންޓަންގެ ފޯރި އޮންނަ އެކި ޒޯންތަކުގައި ވަނީ މުބާރާތްތައް ބާއްވައިފަ އެވެ.

މިދިޔަ މަހު ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީއޭއެމްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މި މަސް ތެރޭ ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ގަސްދުކުރާ އެންމެ ބޮޑު އެއް ސަބަބަކީ މާލެ ސަރަހައްދުގައި ތިބި ކުޅުންތެރިންނަށް ކޮމްޕެޓިޓިވް މެޗުތަކެއް ހޯދައިދިނުމުގެ އިތުރުން ކުޅުންތެރިންގެ އެންމެ ފަހުގެ ހާލަތު ވަޒަންކޮށްލުމެވެ. އެއީ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ވާދަވެރި މެޗެއް ނުކުޅެ ގިނަ ދުވަސްވެފައިވާތީ އެވެ.

ކޮވިޑް-19ގެ ސަބަބުން އައި ލޮކްޑައުން އަށް ފަހު ގިނަ ބަޔަކު ކަސްރަތު ކުރުމާ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްކަންދީގެން ކުޅިވަރުގެ ތެރެއަށް ވަނުމުގެ ޝައުގުވެރިކަން ވެސް ވަނީ އުފެދިފަ އެވެ. އޭގެތެރެއިން ގިނަ ބަޔަކު ބެޑްމިންޓަން ވެސް ކުޅެން ފެށި އެވެ. މޫސަ ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި ވާދަވެރި ރޫހެއްގައި ބެޑްމިންޓަން ކުޅޭ މީހުންގެ އަަދަދު އިތުރުވެފައިވާ މިންވަރު ދެނެގަތުން ވެސް މި މުބާރާތް ބޭއްވުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.