Roadha Mihaaru
އަޖުފާނަށް ނުވަ ވަނަ ފަަހަރަށް ގައުމީ ޗެމްޕިއަންކަން

އަޖުފާން ނުވަ ވަނަ ފަަހަރަށް ގައުމީ ޗެމްޕިއަންކަން ހޯދައިފި

30 އޮކްޓޯބަރ 2019

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޒުވާން ތަރި ނިބާލް އަހުމަދުގެ މައްޗަށް ކުރިހޯދައި ބެޑްމިންޓަންގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ މުހައްމަދު އަޖުފާން މުބާރާތުގެ ތަށި ނުވަ ވަނަ ފަހަރަށް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޒުވާން ތަރި ނިބާލް އަހުމަދުގެ މައްޗަށް ކުރިހޯދައި ބެޑްމިންޓަންގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ މުހައްމަދު އަޖުފާން މުބާރާތުގެ ތަށި ނުވަ ވަނަ ފަހަރަށް ހޯދައިފި އެވެ.

މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް"ގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި އަޖުފާން ގައުމީ ތަށި އުފުލާލާފައިވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ވަނަ އަހަރު އެވެ. އަޖުފާން މި ފަހަރުގެ ކާމިޔާބީ އަށް ވުރެ މި ފަހަރު އެކަން ހާސިލްކުރީ އުނދަގޫ ހާލަތެއްގަ އެވެ. ސެމީ ފައިނަލުގައި ޒަޔާން ޒަކީ އަދި ފައިނަލުގައި ނިބާލް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި އަޖުފާނާ ވާދަކޮށް ނިބާލް ބަލިވީ ސީދާ ދެ ސެޓުންނެވެ. އެކަމަކު ރޭގެ ފައިނަލުގައި ނިބާލް ވަނީ އަޖުފާނަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އަޖުފާން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފަހު ވަގުތާ ހަމައަށް ދިޔައިރު ވެސް ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު ހިތްވަރެއް ފެނިގެންދިޔަ އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަށައިގެން އަޖުފާނާއި ނިބާލްގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެންދިޔައިރު، ޕޮއިންޓު ވެސް ދިޔައީ ވަރަށް އެއްވަރުކޮށެވެ. އެކަމަކު ސެޓުގެ މެދެއްހާ ހިސާބުން އަޖުފާން ރަނގަޅު ލީޑެއް ނަގައި އެ ފޯމުގައި ކުޅެ ސެޓު 21-16 އިން ގެންދިޔަ އެވެ. މި ސެޓު ނިބާލަށް ގެއްލުނީ މުހިއްމު ވަގުތުތަކުގައި ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.

ފިރިހެން ސިންގަލްސް ފައިނަލުގައި ނިބާލް (ވ) ފޮނުވާލީ ބޯޅައެއް ހުއްޓުވަން އަޖުފާން ތައްޔާރުވެގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިރިހެން ސިންގަލްސް ފައިނަލުގައި ނިބާލް (ވ) ފޮނުވާލީ ބޯޅައެއް ހުއްޓުވަން އަޖުފާން ތައްޔާރުވެގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ސެޓުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ނިބާލް ދެ ވަނަ ސެޓަށް ނުކުތީ ވަރަށް ރަނގަޅަށް ވިސްނައިގެންނެވެ. އަދި މި ސެޓު ފެށިގެން ހެދޭ ގޯސްތައް މަދުކޮށް އަޖުފާނަށް ރަނގަޅަށް ޕްރެޝަރު ކޮށްލި އެވެ. މުޅި ސެޓުގައި ނިބާލް ލީޑުގައި އޮތްއިރު ސެޓުގެ ފަހުކޮޅުގައި ތަޖުރިބާކާރު އަމްޕަޔަރު އަހުމަދު ޝިހާމް (ޕުޗު) ނިންމުމާ މެދު އަޖުފާން ހިތްހަމަ ނުޖެހުން ފާޅުކުރި ގޮތުން އޭނާ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ. އަޖުފާނަށް ހެދުނު ގޯސްތަކުގެ ފައިދާނަގައި ނިބާލް މި ސެޓު ގެންދިޔައީ 19-21 އިންނެވެ.

ނަތީޖާ ނެރުނު ސެޓަށް ނުކުތްއިރު ދެ ކުޅުންތެރިން ވެސް ފެނުނީ ރަނގަޅު ރޫހެއްގައި ތިބިތަނެވެ. ލިބޭ ކޮންމެ މުހިއްމު ޕޮއިންޓެއްގައި އުފާފާޅުކުރަމުންދިޔަ އެވެ. ސެޓުގެ އެންމެ އުނދަގޫކޮށް ދިޔަ ވަގުތުތަކުގައި އަޖުފާން ދިޔައީ އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ނެގެން އޮތް އެޑްވާންޓޭޖެއް ނަގަމުންނެވެ. ނަތީޖާ އަކަށްވީ ނިބާލަށް ޕްރެޝަރުގައި ކުޅުނު ވަގުތުތަކުގައި ހެދުނު ގޯސްތަކުގެ ފައިދާނަގައި އަޖުފާން މި ސެޓު 21-17 އިން ގެންގޮސް މެޗުން މޮޅުވުމެވެ. ފަހު ޕޮއިންޓް ލިބުމާ އެކު އަޖުފާން ވަނީ އުފާފާޅުކުރުމުގެ ގޮތުން ޖޯޒީ ބާލައި އޭނާ އަށް ގައުމީ ތަށި ލިބުނު އަަދަދު އަތުގެ އިނގިލީގެ އިޝާރާތުން ކުޅި ބެލުންތެރިންނަށް ދައްކާލައިފަ އެވެ. އަޖުފާން އުފާފާޅުކުރި ގޮތުން އޭނާ އަށް އަމްޕަޔަރު ޝިހާމް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އަޖުފާން ބުނީ މިހާ ވަރުގެ ކާމިޔާބީ ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ފަހަތުގައި ތިބޭ އެންމެންގެ އެއްބާރުލުން އެންމެ ފުރިހަމަ އަށް ލިބުން ކަމަށެވެ.

"ކެރިއަރުގެ މި ހިސާބަށް އައިސްފައި އެކްސްޕީރިއަންސާ އެކު ކުޅޭއިރު މި ވަގުތު ބޭނުންވާ ހުރިހާ ސަޕޯޓެއް ރަށްޓެހިންނާއި އާއިލާ ދެން ބެޑްމިންޓަން ދެކެ ލޯބިވާ ހުރިހާ އެންމެނާ އެސޯސިއޭޝަންގެ ފަރާތުން ވެސް ލިބޭ. އަޅުގަނޑަށް މިހާރު ވެސް އެބަ ފެނޭ 29 އަހަރުގައި ވެސް އަޅުގަނޑުގެ ހިތްވަރު އެބަހުރިކަން. ވަރަށް މޮޓިވޭޓެޑް އަދިވެސް. އިންޓަނޭޝަނަލީ އިތުރު ކާމިޔާބީ ހޯދަން ވެސް ވަރަށް ބޮޑަށް ބޭނުން،" އަޖުފާން ބުންޏެވެ.

ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ބައެއް އިސްވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ބައެއް އިސްވެރިން ފޮޓޯ އަކަށް ހުއްޓިލައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މި ފަހަރު ހޯދީ އަހުމަދު ތޯއިފް މުހައްމަދާއި ޒަޔާންގެ ޕެއާ އިންނެެވެ. ފައިނަލުގައި ޒަޔާން އާއި ތޯއިފްްގެ ޕެއާ ވާދަކުރީ އިބްރާހިމް ރާޝިހު އާއި ރިޝްވާން ޝިޔާމްގެ ޕެއާއާ އެވެ. ޒަޔާން އާއި ތޯއިފްގެ ޕެއާ މޮޅުވީ 21-14، 21-17 އިންނެވެ. މުބާރާތުގެ ޓީމް އިވެންޓް ބައިން ގައުމީ ޗެމްޕިއަންކަން ހޯދި މި އަހަރު ޖޫން މަހު ޒަޔާން އުފެއްދި ރިވައިވަލް ސްޕޯޓްސް ކްލަބް އެވެ. ގައުމީ ކެޕްޓަންކަން ކުރި ޒަޔާން މި އަހަރު ފެބްރުއަރީ މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ހަމަހަމަ ފުރުސަތުތަކެއް ނެތްކަމަށް އިޝާރާތްކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު އިކުރާމް ބަލިކުރުމަށް ފަހު ހުސެއިން މުހައްމަދު އެވެ. ފިރިހެން ޑަބަލްސް ތަށި ހޯދީ ހުސެއިން އާއި އިކުރާމްގެ ޕެއާ އެވެ. އެއީ އަހުމަދު ނަދީމް އާއި ނާތިޖު އަލީގެ ޕެއާ ބަލިކުރުމަށް ފަހު އެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމްގެ އިތުރުން ކުޅިވަރުގެ އެކި އިސް މީހުން ބައިވެރިވި އެވެ.