Roadha Mihaaru
އިކޮނޮމިސްޓެއްގެ ކެއްކުމާ ބެހޭ ފޮތެއް

ނޯބެލްގެ އިނާމު ހޯދި އިކޮނޮމިސްޓެއްގެ ކެއްކުމާ ބެހޭ ފޮތެއް

16 ނޮވެމްބަރ 2021

މިއީ އަބިޖީތު ބެނަޖީ، 60، އެވެ. އިންޑިއާގެ މި މީހާ އަކީ މަޝްހޫރު އިކޮނޮމިސްޓެކެވެ. އެ ދާއިރާ އަށް އޭނާ އަށް 2019 ގައި ނޯބެލްގެ އިނާމު ވެސް ލިބިފައިވެ އެވެ. އިގުސާދީ ދާއިރާގެ ވަރުގަދަ ސިކުނޑިއަކަށް ވިޔަސް، އަބިޖީތު މިހާރު އާންމުންނާ ހަމައަށް މި ގެނެސްދެނީ އޭނާއާ ވަރަށް ނުގުޅޭ ކަހަލަ ފޮތެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކޮށްފާނެ އެވެ. ކެއްކުމަށް އަބަދު ވެސް ވަރަށް ބޮޑު ލޯތްބެއް އޮތް އަބިޖީތު މި ހަފުތާގައި ނެރުނު ފޮތަކީ "ކުކިން ޓު ސޭވް ޔޯ ލައިފް" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ އަބިޖީތު ބެނަޖީ، 60، އެވެ. އިންޑިއާގެ މި މީހާ އަކީ މަޝްހޫރު އިކޮނޮމިސްޓެކެވެ. އެ ދާއިރާ އަށް އޭނާ އަށް 2019 ގައި ނޯބެލްގެ އިނާމު ވެސް ލިބިފައިވެ އެވެ. އިގުސާދީ ދާއިރާގެ ވަރުގަދަ ސިކުނޑިއަކަށް ވިޔަސް، އަބިޖީތު މިހާރު އާންމުންނާ ހަމައަށް މި ގެނެސްދެނީ އޭނާއާ ވަރަށް ނުގުޅޭ ކަހަލަ ފޮތެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކޮށްފާނެ އެވެ. ކެއްކުމަށް އަބަދު ވެސް ވަރަށް ބޮޑު ލޯތްބެއް އޮތް އަބިޖީތު މި ހަފުތާގައި ނެރުނު ފޮތަކީ "ކުކިން ޓު ސޭވް ޔޯ ލައިފް" އެވެ.

ޗިކީ ސަރުކާރް ހިއްސާވާ ޖަގަނާތު ބުކްސްގެ ތައްގަނޑުގައި ނެރުނު އެ ފޮތުގައި ކެއްކުމަށް ލޯބި ޖެހުނު ގޮތާއި މިހާތަނަށް އައި އިރު، އެ ދާއިރާ އިން ކުރެވުނު ތަޖުރިބާތަކާއި އަމިއްލަ ރެސިޕީތަކާއި ކެއްކުމާއި ކާ އެއްޗިއްސާ ބެހޭ އެތައް ވާހަކައެއް އަބިޖީތުގެ ފޮތުގައި ހިމަނާފައިވެ އެވެ.

މުޅި ދުނިޔެ ވެސް ދަންނަ މަޝްހޫރު އިކޮނޮމިސްޓަކަށް ވެފައި ކެއްކުމާ ބެހޭ ފޮތެއް އޭނާ ނެރުމުން ޗިކީ މިކަން ސަމާސާކޮށް ސިފަކޮށްފައި ވަނީ މިހެންނެވެ. އޭނާ ބުނި ގޮތުގައި އަބިޖީތަކީ އިކޮނޮމިސްޓަކަށް ވުރެ ކުޅަދާނަ ކައްކާއެކެވެ.

އަބިޖީތު ބުނެފައިވާ ގޮތުގައި އޭނާ އެންމެ ފުރަތަމަ އަމިއްލަ އަށް ކައްކަން ފެށީ އުމުރުން 15 އަހަރުގަ އެވެ. އޭގެ ފަހުން ކެއްކުމާއި ތަފާތު އެކި ކަހަލަ ކާ އެއްޗެހި ތައްޔާރުކޮށް، އަމިއްލަ ރެސިޕީތައް އެކްސްޕެރިމަންޓްޗކުރަން ވަރަށް ބޮޑު ޝައުގުވެރި ކަމެއް އުފެދުނެވެ. އޭނާ ބުނީ ކެއްކުމަކީ އިޖުތިމާއި ހަރަކާތެއް އަދި އާޓެއް ކަމަށެވެ. އަދި މިއީ އެހެން މީހުންނަށް ތިމާގެ ޝުއޫރުތައް ވެސް ފާޅު ކޮށްދެވޭ ވަރަށް ވަރުގަދަ ހަތިޔާރެއް ކަމަށެވެ.

އަބިޖީތު ކެއްކުމާއި ކެއުން ސިފަކުރަނީ ގުޅުން ބަދަހިކޮށްދީ ލޯބީ އާލާކޮށްދޭ ކަމެއްގެ ގޮތުގަ އެވެ. އެގޮތުން ކައްކާފައި އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތުދީ، އެއް ސުފުރާމަތިން ކެއުމަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ.

އޭނާ ބުނި ގޮތުގައި އިކޮނޮމިނިސްޓަކަށްވެ ހުރެ، މީހުން ވަރަށް އުންމީދު ނުކުރާ ކަހަލަ ދާއިރާކުން ފޮތެއް ލިޔެ، ނެރުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ ކެއްކުން މިހާރު ހަޔާތުގެ މުހިއްމު ބަޔަކަށް ވެފައި އޮތުމެވެ. އެހެންވެ، ދުވަހަކު ވެސް އެކަން ދޫކޮށްނުލާނެ ކަމަށް އަބިޖީތު ބުންޏެވެ.

މުޅި ދުނިޔޭގައި އިންޑިއާގެ ކެއުންތައް ކިތަންމެ މަޝްހޫރަ ވިޔަސް، އަދި އިންޑިއާ މީހަކަށް ވެސް ވިޔަސް އޭނާގެ "ކުކިން ޓު ސޭވް ޔޯ ލައިފް" ގައި ހުރީ މުޅިން އިންޑިއާގެ ކެއުންތަކުގެ ވާހަކަތަކެއް ނޫނެވެ. އެއާހިލާފަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ހާއްސަ ކެއުންތަކުގެ ވާހަކަ ފޮތުގައި ހިމަނާފައިވެ އެވެ.

އަބިޖީތުގެ މި ފޮތުގެ ހާއްސަ އަނެއް ސިފަ އަކީ އާންމުކޮށް ކައްކާ ފޮތުގައި ހިމަނާފައި ހުންނަ އަޅައިގަންނަ ކަހަލަ ކުލަގަދަ ކެއުންތަކުގެ ފޮޓޯތަކުގެ ބަދަލުގައި ކެއްކުމާއި ކާނާ ސިފަކޮށްދޭ ގޮތަށް ޖިއޯމެޓްރިކަލް އިލަސްޓްރޭޝަންތައް ހިމަނާފައި ވުމެވެ. އެއިން ކޮންމެ އެއްޗަކީ ކެއުންތަކާ ބެހޭ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭނެ އެއްޗެކެވެ.

ފޮތުގެ އިލަންސްޓްރޭޝަން ހެދީ އަބިޖީތުގެ އާއިލާއާ އަބަދު ވެސް ވަރަށް ހާއްސަ ގުޅުމެއް އޮންނަ ޝޭނީ އޮލިވާ އެވެ.

"ހަމައެކަނި ރެސިޕީތައް ކިޔައިދީފައި ހުންނަ ކައްކާ ފޮތަކަށް ވުރެ ބޮޑަށް އަހަރެން ބޭނުންވީ ކެއްކުމާއި ކާނާއާ ގުޅުން ހުރި ވާހަކަތައް ކިޔައިދޭ ފޮތަކަށް އަހަރެންގެ ފޮތް ހަދަން. އެހެންވެ އުންމީދަކީ މި ފޮތަކީ ކެއްކުމަށް ލޯބިކުރާ މީހުންނަށް މުޅިން ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް." އަބިޖީތު ބުންޏެވެ.

"ކުކިން ޓު ސޭވް ޔޯ ލައިފް" ގެ ހާއްސަ ސިފަތަކުގެ ތެރޭގައި އެއް ބާވަތަކުން ތަފާތު އެތައް ވައްތަރެއްގެ ކާނާ ތައްޔާރު ކުރެވޭނެ ގޮތް ވެސް ފޮތުގައި ކިޔައި ދީފައި ހުންނާނެ އެވެ.

އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ އަދި އެ ގައުމުގެ ހާވާޑް ޔުނިވަސިޓީން ޕީއެޗްޑީ ހާސިލު ކޮށްފައިވާ އަބިޖީތަކީ މެސެޗޫސެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފޯޑް ފައުންޑޭޝަންގެ އިންޓަނޭޝަނަލް ޕްރޮފެސަރެވެ. އޭނާ އަށް 2019 ގައި އިކޮނޮމިކް ސައިންސެސް އިން ނޯބެލް ސުލްހައިގެ އިނާމު ލިބުނު އިރު އޭގައި އަންހެނުން އެޒްތާ ޑަފްލޯ ވެސް ހިއްސާވެ އެވެ. އޭނާ އަކީ ފްރާންސް ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެކެވެ.

އަބިޖީތު ކުރިން ލިޔެފައިވާ ފޮތްތަކުގެ ތެރޭގައި އަންހެނުންނާ ގުޅިގެން ލިޔުނު 2019 ގެ "ގުޑް އިކޮނޮމިކްސް ފޯ ހާޑް ޓައިމްސް" އާއި 2011 ގެ ""ޕުއާ އިކޮނިމިކްސް: އަ ރެޑިކަލް ރީތިންކިން އޮފް ދަ ވޭ ޓު ފައިޓް ގްލޯބަލް ޕަވަޓީ" ހިމެނެ އެވެ.