މައްސަލަ ބޮޑުވި އިބާރާތްތަކަށް ބަދަލު ގެނެސް، އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި ބިލާއި ދީނަށް ފުރައްސާރަކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލު އެއްކޮށްލައިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
16 ނޮވެމްބަރ 2021
މައްސަލަ ބޮޑުވި އިބާރާތްތަކަށް ބަދަލު ގެނެސް، އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި ބިލާއި ދީނަށް ފުރައްސާރަކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލު އެއްކޮށްލައިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވީ 50 މެންބަރުންގެ އިއްތިފާގުންނެވެ.
މުސްލިމަކާ ދިމާލަށް ކާފަރަށް ގޮވުން ވެސް ކުށަކަށްވާ ގޮތަށް، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދެވަނަ ފަހަރަށް ދިރާސާކުރި އިރު ގެނެސްފައިވާ މައިގަނޑު ބަަދަލުތަކަކީ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ގޮވުުން، ކުށަކަށްވާ ގޮތް އިތުރަށް ތަފްސީލު ކުރުމެވެ. އެ ބިލާ މެދު އާއްމުންނާއި ބައެއް އިލްމުވެރިން ކުރިން ކަންބޮޑުވުން ފާޅުކުރީ މާބޮޑު ތަފްސީލެއް ނެތި، ފުޅާ ދާއިރާއެއްގައި މީހުން ކުށްވެރި ކުރެވޭ ގޮތަށް އޮތުމުންނެވެ.
ބިލާ ދެކޮޅު ހެދި ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްލާމީ އުސޫލުތައް މީހުންނަށް އޮޅުންފިލުވައިދިނުމުގެ ގޮތުން ދައްްކާ ވާހަކަތައް ވެސްް ކުށަކަށް ހަދަން ބިލުން ޖާގަ ލިބޭ ކަަމަށް ބެލެވުމެވެ. ޖުޑިޝަރީ ކޮމިޓީން މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިންމައި، މަޖިލީހުގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން، އިސްލާމްދީނުގެ އުސޫލުތައް ބަޔާންކޮށްދިނުމަކީ ކުށަކަށް ނުވާނެކަން، ސާފުކޮށް ބަޔާންކުރާ މާއްދާއެއް ބިލަށް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 124 ވަަނަ މާއްދާއަށް ބިލުގައި ހުށަހަޅާފައިވާ އިސްލާހުގެ ފަހަތަށް، އިސްތިސްނާގެ އަކުރެއް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
"އެކިއެކި ކަންކަމާ މެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މިމާއްދާ ހުރަހެއް ނާޅަ އެވެ،" 124 ވަނަ މާއްދާއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ފަހަތަށް އެ މާއްދާގެ (ށ)ގެ ގޮތުގައި ކޮމިޓީން އިތުރުކުރި އަކުރުގައި ވެ އެވެ.
ތަކްފީރުކުރުމަކީ ކޮބައިކަން އިތުރަށް ތަފްސީލުކޮށްދިނުމުގެ ގޮތުން ބިލުގައިވާ އިބާރާތް، ކޮމިޓީން ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. އެ އިބާރާތް މިހާރު އޮތް ގޮތުން ޖިނާއީ ކުށަަކަށް ވާނީ ވަކި ޝަރުތުތަކެއް ހަމަނުވާ ހާލަތްތަކުގައި ކުރާ ތުހުމަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަނީ. ނަފުރަތުގެ ބިލު ފާސްކުރީ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތަށް. ފޮޓޯ: މަޖިލިސް
އޭގެ ފުރަތަމަ ހާލަތަކީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލަައެއްގައި، އޭގެ ތެރެއިން އަހުލުއް ސުންނާ ވަލް ޖަމާއާގެ މުއުތަބަރު ރައުޔަކާ ޚިލާފު ނުވާ ގޮތަށް ދައްކާ ވާހަކައަކާ ގުޅުވައި، ތުހުމަތުކުރާ ހާލަތެވެ. އެ ހާލަތުގައި އެ މީހާ ދެއްކި ވާހަކަޔާ ގުޅުވައި، އޭނާ އަކީ އިސްލާމްދީނާ ޚިލާފަށް، އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ސިފަކުރުމަކީ ކުށެކެވެ.
ދެވަނަ ހާާލަތަކީ ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު ކާފަރެއް ނުވަތަ މުރުތައްދެއްގެ ގޮތުގައި ސިފަކުރާ ހާލަތެވެ.
މީގެ ކުރިން އިލްމުވެރިންނާއި އާއްމުން ވެސް ބިލާ މެދު ކަންބޮޑުވުން ފާޅުކުރީ އެފަދަ ބަަސްތަކާއި އަމަލުތައް މީހަކު ފާޅުކުރާ ހާލަތުގައި ވެސް އެ މީހަކީ ކާފަރެއް ކަމަށް ބުނެފި ނަމަ ކުށަކަށްވާ ގޮތަށް ބިލު އޮތް ކަމަށް ބެލެވިގެންނެވެ.
ކޮމިޓީން މިފަހަރު ބިލު ދިރާސާކޮށް ނިންމި އިރު، "އާއްމު ތަނެއްގައި ކުފުރުގެ ބަހެއް ބުނުން ނުވަތަ އެފަދަ އަމަލެއް ކުރުން" ވެސް އިތުރަށް ތަފްސީލުކޮށް މާނަކޮށްފައި ވެ އެވެ. އެ ބައިގައި މީޑިއާގެ ވަސީލަތްްތަކާއި އިންޓަނެޓްގެ ޒަރިއްޔާއިން ފާޅުކުރާ ޚިޔާލު ވެސް އޮތީ ހިމަނައިފަ އެވެ.
އިސްްލާމްދީނަށް ފުރައްސާރަކުރުން ނުވަތަ ތައުހީނުކުރުމަކީ ޖިނާއީ ކުށަކަށް ހަދަން، ސަރުކާރުން ހުށަހެޅި ބިލުގައި އޮތް މާއްދާ ވެސް، ކާފަރަކަށް ގޮވުން ކުށަކަށް ހަދަން ހުށަހެޅި ބިލާ އެއްކޮށްލައި، ކޮމިޓީން ނިންމި އިރު، އެކަން ވެސް ވަނީ ފުޅާ ދާއިރާއެއްގައި ތަފްސީލުކޮށްފަ އެވެ.
ކޮމިޓީ ރިޕޯޓްގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ކުށް މިހާރު މާނަކޮށްފައި އޮތީ "މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކަށް އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން މާތް ﷲ އާއި މެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާ މެދު ނުވަތަ އިސްލާމްދީނާ މެދު ދޮގު މައުލޫމާތެއް ފެތުރުން ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުން" މިހެންނެވެ.
ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލު، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ފުރަތަމަ ހުށަހެޅި ފަހުން ގިނަ މެންބަރުންނެއް ހިތްހަމަނުޖެހިގެން މިދިޔަ ޖުލައި މަހު ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލި އެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އެބިލާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު އެޓާނީ ޖެނެރަލްގެ އޮފީހުން އަލުން އިސްލާހުތަކެއް ފޮނުވި އެވެ.
އޭޖީ އޮފީހުން އޭރު ބުނި ގޮތުގައި އެ ބިލަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިސްލާހުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ވެސް މަޝްވަރާކޮށްފައިވެ އެވެ. އެއަށްފަހު އިބާރާތްތަކަށް ބަދަލު ގެނައުމަށްފަހު ޖުޑިޝަރީ ކޮމިޓީން އެންމެ ފަހުން ނިންމި ގޮތުގެ ރިޕޯޓު އާންމުކުރީ މި މަހު އެވެ.
ޔޯގާ ހަމަނުޖެހުން: މިނިސްޓްރީ އާއި ފުލުހުން މަޖިލީހަށް
ބެންޗު ކުޑަކުރާ ބިލް ކޮމިޓީން ފާސްކޮށްފި
އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ ހަތަރު ޒުވާނުން
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 13 ނަމެއް
ޕީޖީއަށް އައްބާސް އައްޔަންކުރަން ކޮމެޓީން ރުހުންދީފި
އަޅުގަނޑަކީ ނުފޫޒަކަށް ލެނބޭނެ މީހެއް ނޫން: އައްބާސް
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ހަތީބުންގެ ޕްރޮގްރާމް 209 މީހުން ފުރިހަމަކޮށްފި
ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި