Roadha Mihaaru
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!

މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!

17 ނޮވެމްބަރ 2021

އިންތިހާބުތަކާ ދިމާކޮށް އެތައް ހާސް ވައުދެއް ރައްޔިތުންނަށް ބަންޑުންކޮށްލަ އެވެ. އެކަމަކު ކޮންމެ ވެރިކަމެއް ވެސް ނިންމާލަނީ ރ. އަނގޮޅިތީމު ކަހަލަ އާބާދީ މަދު ރަށްތަކަށް އެއްވެސް ކަމެއް ނުކޮށްދީ އެވެ. އެ ރަށްތައް އޮންނަނީ ދައުރު ނިމޭއިރު ވެސް އެކަހެރިވެ، ބާކީވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންތިހާބުތަކާ ދިމާކޮށް އެތައް ހާސް ވައުދެއް ރައްޔިތުންނަށް ބަންޑުންކޮށްލަ އެވެ. އެކަމަކު ކޮންމެ ވެރިކަމެއް ވެސް ނިންމާލަނީ ރ. އަނގޮޅިތީމު ކަހަލަ އާބާދީ މަދު ރަށްތަކަށް އެއްވެސް ކަމެއް ނުކޮށްދީ އެވެ. އެ ރަށްތައް އޮންނަނީ ދައުރު ނިމޭއިރު ވެސް އެކަހެރިވެ، ބާކީވެފަ އެވެ.

މި ސަރުކާރުގެ ވައުދުތައް އިއުލާންކުރިއިރު އަނގޮޅިތީމުގައި މަޝްރޫއެއް ހިންގާނެ ކަމުގެ ޔަގީންކަމެއް އަހްމަދު ނިޔާޒަކަށް ނެތެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ވެރިކަންތަކުގައި އޭނާއަށް ކުރެވުނު ތަޖުރިބާތަކުންނެވެ.

އެކަމަކު ވައުދުތަކަށް އިތުބާރު ނެތިފައި ހުރި ނިޔާޒު 58، މިހާރު ދައްކާ ވާހަކަ ތަފާތެވެ.

މި ވެރިކަމަށް ތިން އަހަރު މިއަދު ފުރުނުއިރު އިރު އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ. އާބާދީ މަދުވުމުގެ ބަދުނަސީބު ފިލައި ހިނގައްޖެ ކަމުގެ އިހްސާސް ކުރެވުމުންނެވެ. އެއްފަހަރާ އެ ރަށުގައި ވެސް ރަނގަޅު އަދަދަކަށް މަޝްރޫއުތައް ހިންގާއިރު އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްވެ ނިމޭތީ އެވެ.

މިއީ އެތައް ޒަމާނެއް ކުރިން އެ ރަށުގައި ވެސް ނިމިފައި އޮންނަން ޖެހޭނެ އެންމެ އަސާސީ ހިދުމަތެވެ.

"މި ރަށުގައި މަސައްކަތް ފެށުމާ ހަމައަށް އުއްމީދެއް ނުކުރަން އަހަރެމެން ދުނިޔޭގައި ތިއްބައި މި ކަހަލަ ކަމެއް ވެދާނެ ކަމަކަށް. ސާޅީސް އަަހަރުގެ ވެރިކަން ނިމި ދިޔައީ މި ރަށުގައި ސާފު ބޯފެނުގެ ނިޒާމެއް ނުލިބި. ގައިން ތާހިރުވަނީ ތަޣައްޔަރުވެފައި ހުންނަ ފެނުން. އެ ތަކުލީފު މި ރަށުގައި ދެން މި ނިމެނީ،" ނިޔާޒް ބުންޏެވެ.

ފެނާއި ނަރުދަމާއަކީ އެންމެ އަސާސީ ހިދުމަތަކަސް މި ވެރިކަން ފެށުނުއިރު އެ ނަސީބު ލިބިފައި އޮތީ އެންމެ 30 ޕަސެންޓު ރަށަށެވެ. ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

ސަރުކާރުގެ މަޝްރޫއުތަކުގެ ހިސާބުތައް ދައްކާ ގޮތުގައި ފެނާއި ނަރުދަމާ ގާއިމްކުރަން ސަރުކާރުން ކަމެއް ނުކުރާ އެންމެ ރަށެއް ވެސް މިހާރަކު ނެތެވެ. ހުރިހާ ރަށެއްގައި އަމަލީ މަސައްކަތް އަދި ނުފެށުނަސް ޓެންޑާކުރުމާ ހަމައަށް ހުރިހާ ރަށެއްގެ މަސައްކަތް ވަނީ ކުރެވިފަ އެވެ.

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފަށަނީ: މި ވެރިކަން ފެށިއިރު ފެނާއި ނަރުދަމާ ގާއިމްވެފައި އޮތީ 30 ޕަސެންޓް ރަށުގައި.

ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފަށަނީ: މި ވެރިކަން ފެށިއިރު ފެނާއި ނަރުދަމާ ގާއިމްވެފައި އޮތީ 30 ޕަސެންޓް ރަށުގައި.

ފެނާއި ނަރުދަމާގެ މަޝްރޫއު

- އަމަލީ މަސައްކަތް 56 ރަށެއް.

- ކޮންޓްރެކްޓް ހަވާލުކޮށްފައި 62 ރަށެއް.

- ކޯޓު މަރުހަލާއާ ހެދި 23 ރަށެއް ހަވާލުނުކުރެވި

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ދެކެވަޑައިގަންނަވާ ގޮތުގައި ތިން އަހަރާ އަޅާބަލާއިރު ހުރިހާ ރަށެއްގެ މަސައްކަތް ވެސް އެކަށީގެންވާ މިންވަރަށް ކުރެވިފައި އޮތުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

"ހައްގެއްގައި ތަފާތު ކުރުން ނައްތާލުމެއް"

ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގާ ބައެއް ރަށްތަކުގެ ކައުންސިލްތަކުން ބުނީ އެންމެ ބޮޑު ތަފާތަކަށް ވީ ބާކީ ކުރުން ނައްތާލައިފި ކަމަށް ރަށުގެ ރައްޔިތުންނަށް ކުރެވުނު އިހްސާސް ކަމަށެވެ. އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގެ ފެން ފަށަލަ ވަނީ ތަޣައްޔަރުވެފަ އެވެ. އެހެންވިޔަސް ކެއިންބުއިމާއި އެހެން ބޭނުންތަކަށް ބައެއް ރަށްތަކުގައި މިއަދާ ހަމައަށް ވެސް ބޭނުންކުރަނީ ބިމުން ނަގާ ފަނެވެ.

"ރައްކާތެރި ބޯފެނުގެ ނިޒާމެއް ނެތީމަ ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ވެސް މި ލިބެނީ ހައްލެއް. ގޭގޭގެ ޖަންކްޝަންތައް ފުރިގެން މަގުމައްޗަށް ބަންޑުންވުން ވެސް ހުއްޓޭނެ," އަނގޮޅިތީމުގެ ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

"މިއީ، ވަރަށް ބޮޑު ލުޔެއް. ކުރީގެ 40 އަހަރުގެ ވެރިކަންތަކުގައި މި ރަށަށް ނާންނަ ތަރައްގީ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަތުވެއްޖެ. އެހާ ވެސް ގިނަ ޕްރޮޖެކްޓްސް މި ރަށުގައި ހިނގަމުން އެބަދޭ."

އާބާދީގައި 400 މީހުން ހިމެނޭ ހއ. މުރައިދޫގައި ވެސް ރައްޔިތުން ބޯން ބޭނުންކުރާ ފެން ރައްކާތެރިއެއް ނޫނެވެ. ފުރާޅަށް ވެހޭ ފެން ނަގައިގެން ބޯން ކުރާއިރު ބައެއް ފަހަރަށް ސިއްހީ ގޮތުން ނުރައްކާތަކާ ކުރިމަތިލާން ޖެހެ އެވެ.

ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ ގިނަ ދުވަސްތަކެއް ނުވެ އެ ތަކުލީފަށް ނިމުން އަންނާނެ ކަަމަށެވެ. ނަޖިސް ފެނުން ފެންވެރުން އެ ރަށުގައި ހުއްޓާލުމަކީ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނާއި ނަރުދަމާއަށް ރައްޔިތުން ކުރަން ޖެހޭ ހޭދައަށް ވެސް ނިމުމެއް މިއައީ،" އޭނާ ވިދާޅުވި އެވެ.

"ވައުދާ އެއްގޮތަށް ހުރިހާ ރަށެއް ނިންމޭނެ"

މި ސަރުކާރުން އަމާޒު ހިފީ ފުރަތަމަ ތިން އަހަރު ނިމޭއިރު ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުރިހާ ރަށެއްގައި ފެށުމަށެވެ. އެކަމަކު އެ އަމާޒަށް ވާސިލްވުމުގައި ކުރިމަތިވި ގޮންޖެހުމަކީ ކޮވިޑުގައި މުޅި ގައުމު ހުއްޓި ކުރިމަތިވި ދަތި ހާލަތާ އެކު ބައެއް ރަށްތަކުގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމެވެ. ޓެންޑާ ބޯޑުން ބައެއް މަޝްރޫއުތައް އެވޯޑުކުރި ގޮތާ މެދު ކޯޓަށް މައްސަލަ ހުށަހެޅުމުން 22 ރަށެއްގެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ. އޭގެތެރެއިން 10 ރަށުގެ މައްސަލަ ނިމިފައި އޮތުމާ އެކު ގޮތެއް ނުނިމި މިހާރު އޮތީ މަދު ރަށެއްގައި ކަމަށް ހަމްދާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދިވެސް މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގެ މަސައްކަތް ހަވާލުކުރުމަށެވެ. ކޮވިޑުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން އެންމެ ބޮޑު އިސްކަމެއް މިދިޔަ އަހަރު ދިނުމާ އެކު ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައިވާ މިންވަރާ މެދު ސަރުކާރަށް ހިތްހަމަޖެހުން އެބައޮތް ކަމަށް ހަމްދާން ވިދާޅުވި އެވެ.

"ރަށެއްގައި ފެނާއި ނަރުދަމާއަކީ ރަށެއްގެ ބަނދަރަށް ވުރެން ވެސް މުހިއްމު ކަމެއް. އެއީ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ބޭނުންވާ އަސާސީ ހައްގެއް. ރައީސްގެ ވައުދުވެވަޑައިގަތް ގޮތަށް އެކަން ފުރިހަމަކޮށްދެއްވަން ވަރަށް މުހިއްމު އިސްކަމެއް ދެއްވާ،" ހަމްދާން ވިދާޅުވި އެވެ.

މި ވެރިކަމުގައި "ފެނާއި ނަރުދަމާގެ ގާނޫނު" އެކުލަވާލާފައިވާ އިރު އެ ގާނޫނުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެ އެވެ. މި ކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ އެއް އަހަރުގެ ކުރިން މަސައްކަތް ނިމޭނެ ގޮތަށް ސަރުކާރުން ވަނީ ސްޓްރެޓީޖިކް ޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ.

ހަމްދާން ވިދާޅުވި ގޮތުގައި ޓާގެޓަކީ ދައުރު ނިމެންވާ އިރަށް ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމެވެ. އެކަން ކާމިޔާބުވާނެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށް ވުރެން ބޮޑަށް ސަރުކާރަށް އޮތް ހިތްހަމަޖެހުމަކީ ތަރައްގީގެ ހުރިހާ މަޝްރޫއެއްގެ ކުރިއަށް އޮތީ ފެނާއި ނަރުދަމާގެ ހިދުމަތްކަން ރައްޔިތުން ބަލައިގަތުމެެވެ.

"ތަރައްގީ ގެނެވޭނީ ފުރަތަމަ ގައިން ތާހިރުވެގެން" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅަށް އަނގޮޅިތީމު ނިޔާޒަށް އިތުބާރު އޮތީ، އެނާ ބުނި ގޮތުގައި، އެންމެ އަސާސީ ކަންތައް ފުއްދައިދޭ މަންޒަރު ފެންނާތީ އެވެ. މަސައްކަތް ނިމުމާ އެކު މި ވައުދަށް އޭނާ ހުރީ 100 ޕަސެންޓް ދޭން ތައްޔާރަށެވެ.