Roadha Mihaaru
4،000 ހައުސިން ޔުނިޓް ނޮވެމްބަރުގައި ފަށަނީ

4،000 ހައުސިން ޔުނިޓް ނޮވެމްބަރުގައި އަޅަން ފަށާނެ: ރައީސް

19 ސެޕްޓެމްބަރ 2019

ބޯހިޔާވަހިކަމުގެ ހައްލު ހޯދަން މި ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަމުގެ ހައްލު ހޯދަން މި ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި މާލެ ސަރަހައްދުގައި 4،200 ހައުސިން ޔުނިޓް އަަޅަން ވަނީ ނިންމައިފަ އެވެ. އަތޮޅުތަކުގައި އިމާރާތް ކުރަނީ 5،000 ހައުސިން ޔުނިޓެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް އެންމެ އަވަހަށް ފަށާނީ ކޮން އިރަކުތޯ "މިހާރު" އިން ދެންނެވުމުން ރައީސް ވިދާޅުވީ ލަހެއް ނުވެ އަމަލީ މަސައްކަތް ފެންނާނެ ކަމަށެވެ.

"ހިޔާ ޕްރޮޖެކްޓް" ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި 7000 ފްލެޓް ހިމެނޭ ޓަވަރުތަކެއްގެ ކައިރިން އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު ހިނގާފައިދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި މިހާރު ވެސް ބައެއް މަޝްރޫއުތައް ކުރިއަށް އެބަދެ އެވެ. ބޯހިޔާވަހިކަން ބޭނުން ވަނީ މާލެ އަށް އެކަނި ނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތަފްސީލް:

- ލ. ފޮނަދޫގައި 50 ހައުސިން ޔުނިޓް

- ގދ. މަޑަވެލީގައި 22 ޔުނިޓް

- ގދ. ހޯޑެއްދޫގައި 40 ޔުނިޓް

- ފުވައްމުލަކުގައި 200 ޔުނިޓް

- ސ. ހުޅުމީދޫގައި 48 ޔުނިޓް

- ގދ. ގައްދޫގައި 50 ޔުނިޓް

- ސ. ހިތަދޫގައި 264 ޔުނިޓް

- ގއ. ވިލިނގިލީގައި 52 ޔުނިޓް

މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ އިތުރުން ރަށްރަށުގައި ނުހެދި ހުރި ގޯތިތައް ހެދުމަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 6،860 ހައުސިން ޔުނިޓް ހެޔޮ އަގުގައި ދޫކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ. ވިސްނުންފުޅަކީ، ރައީސް ވިދާޅުވި ގޮތުގައި، 7،000ރ. އަށް ވުރެން ބޮޑު ނުވާނެ ގޮތަކަށް އެ ފްލެޓްތައް ދޫކުރުމެވެ.

"މުއްދަތު އިތުރުކޮށްގެން ނަމަވެސް ރައްޔިތުންނަށް އެ އަގުގައި ދެވޭނެ ގޮތެއް ހޯއްދަވައި ދެއްވަން އަޅުގަނޑުމެން ވާނީ އެޗްޑީސީގައި އެދިފައި،" ރައީސް ވިދާޅުވި އެވެ.