Roadha Mihaaru
ޔާމީންގެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަނީ

ޔާމީންގެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

16 ނޮވެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހު ސުޕްރީމް ކޯޓުން ނިންމާލައި، އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.

އެހެން ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ އިތުރު ކަމެއް ސާފުކުރުމަށެވެ.

އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކުރަން އެދުނަސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކަފާލާތު ނުދެވޭނެ ކަމަށެވެ. އެކަމަކު ފަސް މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

މި ވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.