Roadha Mihaaru
ނެދަލެންޑްސް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް

ނެދަލެންޑްސް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް

17 ނޮވެމްބަރ 2021

ނޯވޭގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނޯވޭގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕަށް އުނދަގުލުން ކޮލިފައިވި އާޖެންޓީނާ ރޭ ވަނީ ބްރެޒިލްއާ އެއްވަރުކޮށް ދެކުނު އެމެރިކާ ސަރަހައްދުން ދެވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. މާކުރިން ވެސް ބްރެޒިލް އޮތީ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. ބްރެޒިލް އާއި އާޖެންޓީނާގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

އެ މެޗުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަށެވެ. އޭނާ އަށް ލިބުނު ބޯޅަ ހުސްކޮށް ހުރެ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ސީދާ ކީޕަރު އަތަށެވެ. އެ ބޯޅައަކީ އެއަށް ވުރެ ރަނގަޅަށް އޭނާ އަށް ފޮނުވާލެވޭނެ ބޯޅަ އެކެވެ.

ޔޫރަޕުގެ 10 ވަނަ ޓީމުގެ ގޮތުގައި ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނީ މެޗުގެ ފަހު ވަގުތު ސްޓީވަން ބާޖްވައިން އާއި މެންފިސް ޑިޕާއީ އެވެ.

ނެދަލެންޑްސް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ނެދަލެންޑްސް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

މިހާރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އާލިންގް ހާލަންޑްގެ ނޯވޭ އަށް ވޯލްޑް ކަޕުން ޖާގައެއް ނުލިބުނެވެ. އެ ގުރޫޕްގެ އެއްވަނަ ނެދަލެންޑްސް ހޯދީ 23 ޕޮއިންޓާއެކު އެވެ. އެއީ ރޭ މޮންޓަނީގްރޯ އަތުން މޮޅުވި ތުރުކީ އަށް ވުރެ ދެ ޕޮއިންޓް އިތުރުވުމެކެވެ. މެޗުން މޮޅުވެ ތުރުކީ ވަނީ އަންނަ އަހަރު މާޗް މަހު ކުޅޭ ޕްލޭއޮފް ބުރުން ޖާގަ ހޯދައިފަ އެވެ.

ޔޫރަޕްގެ ޕްލޭއޮފް ބުރު މިފަހަރު ވާދަވެރިކަން ބޮޑުވާނެ އެވެ. ޔޫރޯގެ އެންމެ ފަހު ދެ މުބާރާތުގެ ޗެމްޕިއަނުން ކަމަށްވާ އިޓަލީ އާއި ޕޯޗްގަލް ޕްލޭއޮފް ބުރުގައި ވާދަކުރާނެ އެވެ.

ވޯލްޑް ކަޕް 2022 އިން މިހާތަނަށް ޖާގަ ހޯދި ޓީމުތައް

- ގަތަރު (މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން)

- ޖަރުމަން

- ޑެންމާކް

- ބްރެޒިލް

- ފްރާންސް

- ބެލްޖިއަމް

- ކްރޮއޭޝިއާ

- ސްޕެއިން

- ސާބިއާ

- އިންގްލެންޑް

- ސްވިޒަލެންޑް

- ނެދަލެންޑްސް

- އާޖެންޓީނާ