Roadha Mihaaru
ޅިޔަނުގެ ހަށިގަނޑަށް ގެނައި ބަދަލަކީ ސަލްމާނަށް ޝޮކެއް

"އަންތިމް" ކުޅެން ޅިޔަނު އާޔޫޝްގެ ހަށިގަނޑަށް ގެނައި ބަދަލަކީ ސަލްމާނަށް ޝޮކެއް

18 ނޮވެމްބަރ 2021

މި މަހުގެ ފަހުކޮޅު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ކުޅެން ޅިޔަނު އާޔޫޝް ޝަރުމާ ހަށިގަނޑަށް ގެނައި ބޮޑު ބަދަލުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށް ސަލްމާން ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ފަހުކޮޅު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ކުޅެން ޅިޔަނު އާޔޫޝް ޝަރުމާ ހަށިގަނޑަށް ގެނައި ބޮޑު ބަދަލުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށް ސަލްމާން ޚާން ބުނެފި އެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަބަދުވެސް ހަށިގަނޑު ރީތިކޮށް، ބަހައްޓަން އިސްކަން ދޭ އެކްޓަރު ސަލްމާންގެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އާޔޫޝް އަށް ތައުރީފުކުރަމުން އޭނާ ބުނީ އޭގައި ކުޅެފައިވާ ގޭންގްސްޓާ ރަހޫލިޔާގެ ރޯލަށް އަޔޫޝްމަން ކުރި މަސައްކަތަކީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ.

"އޭނަ ހަށިގަނޑަށް ގެނައި ޓްރާންސްފޮމޭޝަނަކަކީ ފުރަތަމަ ގަބޫލުކުރަން ވެސް ވަރަށް ދަތިވި ކަމެއް. އަހަންނަށް އެއީ ހަމަ ބޮޑު ޝޮކެއް." ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔާތުރީ" ކުޅުނު އިރު ވަރަށް ހިކިކޮށް، ލީންކޮށް ހުރި އާޔޫޝްއާ ބެހޭ ގޮތުން ބުންޏެވެ.

ސަލްމާން ބުނި ގޮތުގައި މި ދެ ފިލްމުގައި އޭނާ ފެންނަލެއް އަޅާކިޔާ ނަމަ ފެންނަން އޮތީ ހައިރާންކުރުވާ ބޮޑު ތަފާތެކެވެ. އަދި ހަށިގަނޑު ބިޔަކޮށް، ވަރުގަދަ ކުރަން އަޔޫޝްމަން ކުރި ހިތްވަރަކީ ސާބަސް ދޭންޖެހޭ ވަރުގެ ކަމެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް އުންމީދުކުރަން އޭނަ މިއަށް [އަންތިމް] އަށް ކޮށްފައި އޮތް މަސައްކަތްތައް ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަންނާނެ ކަމަށް ވެސް. އާޔޫޝް އަކީ ހަގީގަތުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ އަދި ކުރިއަށް ދާން ވަރަށް ހިތްވަރު ލާ މީހެއް." ސަލްމާން ބުންޏެވެ.

އާޔޫޝް އަކީ ސަލްމާންގެ ހަގު އަންހެން ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ. މިހާރު ދެ ކުދިން ވެސް ތިބި އާ އެކްޓަރާ ބެހޭ ގޮތުން "އަންތިމް" ގެ ޑައިރެކްޓަރު މަހޭޝް މަންޖޭކަރް ބުނީ އާޔޫޝް އަކީ ވަރަށް އުންމީދީ އެކްޓަރެއް ކަމަށެވެ.

"އަހަންނަށް އޭނަގެ ފަރާތުން ފެނުނު އެންމެ ހާއްސަ ސިފަ އަކީ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަން. ވަރަށް ފޯކަސް އޭނަ. އަނެއްކޮޅުން ފިލްމަށް ތައްޔާރުވާން އާޔޫޝްކުރި މަސައްކަތް ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ އޭނަ އަކީ ކުރިއަށް ދިއުމުގެ ރޫހާއި ޖޯޝާއި ފޯރި ވަރަށް ބޮޑަށް ހުރި އެކްޓަރަކޭ." އޭނާ ބުންޏެވެ.

މަހޭޝް ބުނީ "އަންތިމް" ފެ ރަހޫލިޔާގެ ކެރެކްޓާ އާޔޫޝް، 31، ނޫން މީހަކަށް ނޫނީ ނުވެސް ކުޅެވޭނެ ކަމަށާއި އޭނާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

މި މަހުގެ 26 ގައި ރިލީޒްކުރާ މި ފިލްމަކީ އޭނާ އާއި ސަލްމާންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދާނެ އެކްޝަން ތުރިލާއެކެވެ. ސަލްމާންގެ "އަންތިމް" ގައި ފެންނާނީ ރަޖްވީރު ސިންގް ކިޔާ ފަގުޑި އެޅި ފުލުހެއްގެ ރޯލުންނެވެ.

އާޔޫޝް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަލްމާންގެ ކުރީގެ ލޯބިވެރިޔާ، ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފާ އެކު ކުޅެން ހަމަޖެހިފައިވާ "ކްވާތާ" ހިމެނެ އެވެ.