Roadha Mihaaru
ފިޓްކޮށް ހުންނަން މިނެކިރައިގެން ނުކަން: ވަރުން

ފިޓްކޮށް ހުންނަން މިނެކިރައިގެން ނުކަން: ވަރުން

19 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން މަސައްކަތުގައި އުޅޭއިރު ކެއުމުގެ އާދަ ގެންގުޅޭ ގޮތް ފެނި އެކަމާ ހައިރާންވެގެން، މަޝްހޫރު ލަވަކިޔުންތެރިޔާ/ރެޕާ ބާދްޝާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެންމެ ފިޓް އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން ދަވަން މަސައްކަތުގައި އުޅޭއިރު ކެއުމުގެ އާދަ ގެންގުޅޭ ގޮތް ފެނި އެކަމާ ހައިރާންވެގެން، މަޝްހޫރު ލަވަކިޔުންތެރިޔާ/ރެޕާ ބާދްޝާ ބުނެފި އެވެ.

ޒީޓީވީގެ "ކޮމެޑީ ޝޯ" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ބާދުޝާ ބުނީ ފިލްމެއްގެ ސެޓަށް ގޮސް އުޅެނިކޮށް، ލިބުނު 15 މިނިޓްގް ބްރޭކެއްގެ ތެރޭގައި ވަރުން، ހަތަރު ނާން އާއި ބަޓަ ޗިކެން ތައްޓެއް ކާލިތަން ފެނިގެން އެކަމާ ސުވާލުކުރުމުން ކެއުމުގެ އާދައާ ބެހޭ ގޮތުން ޖަވާބު ދިން ކަމަށެވެ.

ބާދުޝާ ބުނީ އެހާ ފިޓްކޮށް ހުންނަ އެކްޓަރަކު އެހާ ވަރަށް ކަނިކޮށް ފެނުމުން ވަރަށް ހައިރާންވި ކަމަށެވެ. އަދި އެވަރަށް ކައިގެން ވެސް ވަރުން ސެޓްގައި އުޅުނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށް ބުންޏެވެ.

"އެކަމާ އަހަރެން ސުވާލުކުރީމާ ވަރުން ބުނަނީ ތިމަންނަ އަކީ ޕަންޖާބީއެކޭ. ޕަންޖާބީންނަކީ މިނެކިރައިގެން ކާ ބައެއް ނޫނޭ. ކައިގެން ކުރާ ކަމަކީ ކެލަރީ އަންދަން ގަވައިދުން ކަސްރަތުކުރުމޭ،" ބާދުޝާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަރުން، 34، ގެ ފަރާތުން ފާހަގަކުރެވުނު އެކަމަކީ ދުޅަހެޔޮކޮށް ހުންނަން ބޭނުންވާ މީހަކަށް ކެއުމާ އެކު ކަސްރަތު ވެސް މުހިއްމުކަން ހާމަކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑު ޓޯންކޮށް، ބައްޓަން ރީތިކޮށް ބަހައްޓަން ބައެއް މީހުން ކަންތައް ކުރާ ގޮތަށް ހުސްބަނޑާ ހުންނަން ނުޖެހޭކަން ވަރުން ގެންގުޅޭ ރޫޓިން އިން އެނގޭ ކަމަށް ބާދުޝާ ބުންޏެވެ. އޭނާ ބުނީ ފިޓްނެސް ދާއިރާ އިން ވަރުން އަކީ ނަމޫނާއަކަށް ބަލަން ވަރަށް ރަނގަޅު މިސާލެއް ކަމަށެވެ.

"އަސްލު ވަރުން އަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެއް. އެހެންވީމާ ކިތަންމެ ގިނައިން ކެޔަސް އޭނާއަކަށް މައްސަލައަކަށް ނުވޭ. ސަަބަބަކީ ވޯކައުޓްކޮށްގެން ކެލަރީތައް އަންދާލުމުގެ ހިތްވަރު އޭނާގެ ބޮޑުކަމުން،" އޭނާ ބުންޏެވެ. "އަހަރެމެން ގިނަ މީހުންގެ ނުހުންނަ ހިތްވަރަކީ އެއީ."

ދެހާސް ބާރައިގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އިރު ވެސް ވަރުން އަކީ ވަރަށް ފިޓްކޮށް ހުރި އެކްޓަރެކެވެ. އަދި މިހާރު ވެސް ބޮލީވުޑްގައި ތިބި އެންމެ ފިޓް އެކްޓަރުންގެ ލިސްޓްގެ ކުރީގައި އޭނާ ހިމެނެ އެވެ. މި އަހަރުގެ ކުރީކޮޅު ކައިވެނިކުރި ބަތަލަކީ އަބަދު ވެސް ކަސްރަތަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ އަދި ޒުވާނުންގެ މެދުގައި ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރަން އިސްކަންދޭ ފަންނާނެކެވެ.

ބާދުޝާ އަކީ މިދިޔަ އަހަރު ރިލީޒްކުރި ވަރުންގެ ފިލްމު "ސްޓްރީޓް ޑާންސާ" އިން އެންމެ މަގުބޫލުވި ލަވަ "ގަރްމީ" ގެ ފިރިހެން އަޑެވެ.