Roadha Mihaaru
"އިންޑިއާ އައުޓް" ގައި ފަތުރަނީ ދޮގު: ސަރުކާރު

"އިންޑިއާ އައުޓް" ގައި ފަތުރަނީ ދޮގު: ސަރުކާރު

17 ނޮވެމްބަރ 2021

"އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި ސަރުކާރުގެ އަގުވައްޓާލަން ކުރާ މަސައްކަތެއް ކަމަށް ބުނެ ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އޮންނަ ގާތް ގުޅުމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި ސަރުކާރުގެ އަގުވައްޓާލަން ކުރާ މަސައްކަތެއް ކަމަށް ބުނެ ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، "އިންޑިއާ އައުޓް" ނަމުގައި ޝިއާރެއް ބޭނުންކޮށްގެން ފަތުރަނީ ދޮގު މައުލޫމާތު ކަމަށެވެ. އަދި އެކަމާ ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.

ކޮންމެ ގައުމަކާ އެކު ވެސް ރާއްޖޭން ގުޅުން ގާއިމްކުރަނީ އެކަމުގައި އަމަލުކުރަން ޖެހޭ އެންމެހާ ހަމަތަކާއި އުސޫލުތަކުގެ މަތިން ކަމަށާއި މި ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ މިނިވަން ކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ބަޔާނުގައިވެ އެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ މުހިންމު އެއް ގައުމު ކަމަށްވާއިރު، އެ ގައުމާ ގުޅޭ ގޮތުން ފަތުރަމުންދަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ރާއްޖެއާ އެ ގައުމާ ދެމެދު އޮތް ޒަމާންވީ ގުޅުން ހީނަރުކޮށް، ބަދުނާމުކުރުމަށް މަދު ބަޔަކު އަޑީގައި ތިބިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ބަޔާނުގައި ސިފަކޮށްފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގާއިމްވެފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ ތާރީހީ އަދި ސަގާފީ ގުޅުމެއްގެ މައްޗަށް ކަމަށެވެ. އަދި އިންޑިއާ އަބަދު ވެސް ދެމިއޮތީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި ގައުމުގެ ގޮތުގައި ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އަބަދު ވެސް އެ ގައުމުން އެހީތެރިކަން ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ)، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ސަލާމްކުރައްވަނީ.-- ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ)، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ސަލާމްކުރައްވަނީ.-- ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ

ހާއްސަކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި އެއީ އިންޑިއާ ކަނޑުގައި ދެ ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ގޮތުން މިކަހަލަ އެހެން ދާއިރާތަކުން ވެސް އެހީތެރިކަން ހޯދުމަށް އެކި ގައުމުތަކާ އެކު ދިވެހި ސަރުކާރުން އެއްބަސްވުން ހަދާފައި ވާނެ އެވެ.

ޓެރަރިޒާމާއި ކަނޑުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މޫސުމަށް އަންނަ ބަދަލުތަކާއި ސައިބަ ސެކިއުރިޓީ އާއި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ހުއްޓުވުމުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށާއި މި ކަންކަމަކީ އެއްވެސް ގައުމަކަށް އަމިއްލަ އަށް ހައްލުކުރެވޭނެ ވަރަށް ވުރެ މާ ބޮޑެތި ކަންކަން ކަމަށް ބަޔާނުގައިވެ އެވެ.

އެހެންވެ، ސަރުކާރުން އެދިފައި ވަނީ ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ގުޅުންތަކަށް އަސަރުނުކުރާނެ ގޮތަށް ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށެވެ.

"އިންޑިއާ އައުޓް" އަކީ އިދިކޮޅު ކޯލިޝަނުން އެ މީހުންގެ ކެމްޕެއިންތަކުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ބޭނުންކުރަމުން އަންނަ ޝިއާރެކެވެ. މި ޝިއާރު ބޭނުންކޮށްގެން އިދިކޮޅުން ވަނީ ބޮޑު ޖަލްސާއެއް ވެސް ބާއްވައިފަ އެވެ. ސިޔާސީ އިދިކޮޅު އެއްވުންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މި ޝިއާރު ދަނީ ބޭނުންކުރަމުންނެވެ.