Roadha Mihaaru
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން

ދިވެހިންގެ ތަނަވަސްކަން ހޯދޭނީ އިންޑިއާގެ ޒަމާންވީ ގުޅުން ވިސްނުންތެރިކަމާ އެކު ދަމަހައްޓައިގެން: ނަޝީދު

02 ސެޕްޓެމްބަރ 2020

ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި އަޑުތައް ގަދަވެފައިވަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުން އެކަން ކުރައްވާނެ ކަމަށް ޝައްކުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކި ނަން ނަމުގައި ދަރަނީގެ ލޯނުތައް ނަގައި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައި އެ ގައުމަށް ރާއްޖެ ވިއްކާލަން އުޅޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ އަޑު އުފުލަން ފަށައިފަ އެވެ. އެކަމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓުގައި ވަނީ، އިންޑިއާއާ އެންމެ ވާދަވެރި ޗައިނާ އިން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން ވެސް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ޑީލްގެ ސަބަބުން ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖެހިފައިވާ ކަމަށެވެ. ރައްޔިތުންނަށް އެކަމުގެ ތެދު މައުލޫމާތު ހާމަކުރެވިފައިނުވާތީ ގައުމު ވިއްކާލިކަމުގެ ދޮގު ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތައް ވަނީ ނިމިފަ އެވެ. އަދި އެ ގައުމުން ދޭ ކްރެޑިޓް ލައިންގެ ދަށުން މިހާރު ވެސް ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައިފައިވެ އެވެ.

ސަރުކާރުގެ އެކި މަގާމުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން މިހާރު އަންނަނީ އިންޑިއާ ބޭރުކުރުމާ ދެކޮޅަށް ތެދުވެ، އެ ގައުމުން ރާއްޖެ އަށް ކޮށްދީފައިވާ ބައެއް ކަންތައްތަކާއި ދީފައިވާ އެހީތަކާ ގުޅޭ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.