Roadha Mihaaru
ރަންބީރާއި ޝްރަދާގެ ފިލްމަށް ދިގު އިންތިޒާރެއް

ރަންބީރާއި ޝްރަދާގެ ފިލްމަށް އަދިވެސް ދިގު އިންތިޒާރެއް ކުރަން ޖެހޭނެ

19 ނޮވެމްބަރ 2021

ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށް ކުރަން ޖެހޭ އިންތިޒާރު އަނެއްކާ ވެސް ދިގުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށް ކުރަން ޖެހޭ އިންތިޒާރު އަނެއްކާ ވެސް ދިގުވެއްޖެ އެވެ.

ކުރިން މިދިޔަ އަހަރު ގެނެސްދޭ ގޮތަށް 2019 ގައި އިއުލާންކުރި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 26، 2023 ގަ އެވެ. ކުރިން ބެލެވިފައި އޮތީ މިހާރު ޝޫޓިން އެއްކޮށްހެން ނިމިފައިވާ އެކަމަކު އަދި ނަން އިއުލާން ނުކުރާ ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ކަމަށެވެ.

މި ފިލްމަކީ 2018 ގެ އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެކެވެ. އޭނާގެ ފިލްމުތަކަކީ އަބަދު ވެސް ލައިޓްހާޓެޑް ކޮންސެޕްޓްތަކަށް އަދި އެހާމެ ކުލަގަދަކޮށް ގެނެސްދޭ ވަރަށް ހިތްގައިމު ފިލްމުތަކަކަށްވާތީ އާ ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.

ލަވްގެ އާ ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި ޝްރަދާ އާއި ރަންބީރްގެ ޖޯޑް އަލަށް ސްކްރީނަށް ގެންނަ ފިލްމަށް ވެފައި، ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ވެސް ބޮޑު ރޯލަކުން ފެނުން ހިމެނެ އެވެ. އޭނާ އަކީ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ އެވެ.

ފިލްމުގައި ބޯނީގެ އަންހެނުންގެ ރޯލުން ޑިމްޕަލް ކަޕާޑިއާ ވެސް ފެންނާނެ އެވެ.