Roadha Mihaaru
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

އެންމެ މޮޅު އެތުލީޓުންގެ މަގާމު ސާއިދާއި ހިމްނާ ދިފާއުކޮށްފި

21 ނޮވެމްބަރ 2021

ގައުމީ އެތުލެޓިކްސް މުބާރާތުގައި އެންމެ މޮޅު އެތުލީޓުންގެ މަގާމު ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން މިއަދު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އެތުލެޓިކްސް މުބާރާތުގައި އެންމެ މޮޅު އެތުލީޓުންގެ މަގާމު ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން މިއަދު ހޯދައިފި އެވެ.

މީގެ ކުރިން ގައުމީ މުބާރާތް ބޭއްވީ 2019 ގަ އެވެ. އެފަހަރުގެ މުބާރާތުގައި ވެސް އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދީ ހިމްނާ އާއި ސާއިދު އެވެ. ފިރިހެން އެންމެ މޮޅު އެތުލިޓުގެ މަގާމުގައި ސާއިދުއާ ވާދަކުރީ ފީލްޑް އިވެންޓްތަކުން ތިން ރަން މެޑަލް ހޯދި ހަސަން ޝަމްއޫން އެވެ. ސާއިދު ވަނީ ޓްރެކް އިވެންޓްތަކުން ތިން ރަން މެޑަލް ހޯދައިފަ އެވެ. ޝަމްއޫން ވަނީ ޖެވެލިން ތުރޯ، ޑިސްކަސް ތުރޯ އަދި ޝޮޓްޕުޓްއިން ރަން މެޑަލް ހޯދައިފަ އެވެ. ހަމަ އެ ތިން ކެޓެގެރީން ރަން މެޑަލް ހޯދައިގެން އޭނާ ވަނީ 2016 ގައި ވެސް އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދައިފަ އެވެ.

އެންމެ މޮޅު އެތުލީޓުގެ މަގާމު ހޮވުމުގައި ބަލާނީ އިންޑިވިޖުއަލް އިވެންޓްތަކުން ހޯދާ ރަން މެޑަލް އަށެވެ. އަދި ހޯދާ ޕޮއިންޓަށެވެ. ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ވާދަކުރި ސާއިދު އަށް އެއްވަނަ ލިބުނީ ޝަމްއޫން އަށް ވުރެ އޭނާ ޕޮއިންޓް މަތިވުމުންނެވެ. ސާއިދު ވަނީ 100، 200 އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މިއަދު 400 މީޓަރުގައި ވާދަކޮށް ސާއިދު އެއްވަނަ ހޯދީ 50.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދީ ޑީއެސްސީން ވާދަކުރި އަބްދުﷲ ރަޝީދު އިސްމާއީލް އެވެ. އޭނާ ރޭސް ނިންމީ 51.65 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ސާއިދުގެ ކްލަބު ސާއިދު ސްޕޯޓްސް އިން ވާދަކުރި އަހްމަދު ވިސާމް އެވެ. އޭނާ ރޭސް ނިންމީ 52.17 ސިކުންތުންނެވެ.

ސާއިދު މިއަދު 400 މީޓަރުގެ ރޭހުން އެއްވަ ހޯދުމަށް ފަހު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސާއިދު މިއަދު 400 މީޓަރުގެ ރޭހުން އެއްވަ ހޯދުމަށް ފަހު --- ފޮޓޯ: ނިޝާން އަލީ | މިހާރު

މީގެ އިތުރުން ސާއިދު ވަނީ ޑީއެސްސީން ވާދަކުރި ރިލޭގެ ފައިނަލު 4 ގުނަ 400 މީޓަރުގައި ވެސް ދުވެ އެއްވަނަ ހޯދައިފަ އެވެ. އެކަމަކު އެންމެ މޮޅު އަންހެން އަދި ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމު ހޮވާ މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމަށް، މިއަދުގެ އިވެންޓްތައް ފެށުމުގެ ކުރިން އޮތީ ވާދަވެރިކަން ބޮޑުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި އެންމެ މޮޅު ފިރިހެން އެތުލީޓަށް ވާދަ ކުރާ ލިސްޓްގައި މުހައްމަދު ރަޝީދު (މޯޑް) ވެސް އޮތެވެ.

ދިގު ދުވުމަށް ހާއްސަ މޯޑް ވަނީ 10،000 މީޓަރާއި 5،000 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އިއްޔެ 5،000 މީޓަރު ފައިނަލުގައި މޯޑް ރޭސް ނިންމީ 16:46.35 މިނިޓުނެވެ. އެ އިވެންޓްގެ ދެވަނަ ހޯދީ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އޭނާ ރޭސް ނިންމީ 16:57.90 މިނިޓުންނެވެ. ޑީއެސްސީން ވާދަކުރި މޯޑް އާއި ފްލޭޝްގެ ފަހަތުން ތިންވަނަ ހޯދީ މެރެތަން ރަނާސް މޯލްޑިވްސްއިން ވާދަކުރި މުހައްމަދު އިރުފާން އެވެ. އޭނާ ރޭސް ނިންމީ 17:06.47 މިނިޓުންނެވެ. އެކަމަކު މިއަދު މޯޑް ވާދަކުރި 15،000 މީޓަރު ރޭހުން އޭނާ އަށް ލިބުނީ ދެވަނަ އެވެ. އެ ރޭހުން އެއްވަނަ ހޯދީ ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ.

ދެ ރަން މެޑަލް ހޯދި ހުސައިން ރިޒާ އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެ ރަން މެޑަލް ހޯދި ހުސައިން ރިޒާ އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯޑް އަށް މިއީ ބިޒީ އަހަރެކެވެ. އޭނާ ވަނީ މި އަހަރުގެ މިހާތަނަށް އިންޓަނޭޝަނަލް ދެ މެރެތަންގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ބާލިން މެރެތަން އަކީ އޭނާ ކުރިއެރުން ހޯދި މެރެތަން އެކެވެ. ރިޒާ ވެސް ވަނީ ދެ ރަން މެޑަލް ހޯދައިފަ އެވެ. އޭނާ އިއްޔެ ވަނީ 800 މީޓަރުގެ ރޭހުން ރަން މެޑަލް ހޯދައިފަ އެވެ.

މިއަދު މޯޑް ދުވަނީ: އޭނާ ވަނީ ދެ ރަން މެޑަލް ހޯދާފައި. --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު މޯޑް ދުވަނީ: އޭނާ ވަނީ ދެ ރަން މެޑަލް ހޯދާފައި. --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދުގެ އިވެންޓްތަކަށް ނުކުތުމުގެ ކުރިން ވެސް ހިމްނާ ވަނީ 100 އަދި 200 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އިއްޔެ 100 މީޓަރުގެ ރޭސް އޭނާ ކާމިޔާބު ކުރީ 12.45 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި މަރްޔަމް ރޫޔާ އަލީ ރޭސް ނިންމީ 12.54 ސިކުންތުންނެވެ. ތިން ވަނަ ހޯދީ އަހްނާ ނިޒާރު ރޭސް ނިންމީ 12.88 ސިކުންތުންނެވެ.

ހިމްނާ: އެންމެ މޮޅު އެތުލީޓްގެ ޓްރޮފީއާއެކު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހިމްނާ: އެންމެ މޮޅު އެތުލީޓްގެ ޓްރޮފީއާއެކު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީމު އިވެންޓްގައި ޗެމްޕިއަނުންނަކީ ޑީއެސްސީ އާއި ޓްރެކް އެންޑް ފީލްޑް

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ކްލަބުގެ މަގާމު އެހެން ކްލަބަކަށް ފުރުސަތު ނުދީ ދިވެހި ސިފައިންގެ ކްލަބު ހޯދަމުން އަންނަތާ 16 އަހަރު ވީ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ގައުމީ މުބާރާތުގެ އެންމެ މޮޅު ކްލަބުގެ މަގާމު ހޯދީ 2005 ގަ އެވެ. އޭގެ ފަހުން މުބާރާތް ބޭއްވި ކޮންމެ އަހަރަކު އެންމެ މޮޅު ކްލަބުގެ މަގާމު ގެންދަނީ ޑީއެސްސީ އެވެ. މިދިޔަ 16 އަހަރުގެ މުއދަތުގައި ގައުމީ މުބާރާތް ބާއްވާފައި ނުވަނީ ދެ އަހަރު އެވެ. އެއީ 2009 އަދި 2020 ގަ އެވެ. މިދިޔަ އަހަރު މުބާރާތް ބާއްވާފައި ނުވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ.

ފިރިހެން އެންމެ މޮޅު ކްލަބުގެ މަގާމު ހޯދި ދިވެހ ސިފައިންގެ ކްލަބު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިރިހެން އެންމެ މޮޅު ކްލަބުގެ މަގާމު ހޯދި ދިވެހ ސިފައިންގެ ކްލަބު --- ފޮޓޯ: ނިޝާން އަލީ | މިހާރު

މި އަހަރުގެ މުބާރާތުގައި އެންމެ މޮޅު ފިރިހެން ކްލަބުގެ މަގާމު ޑީއެސްސީން ހޯދީ 2003 ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދި ޓްރެކް އެންޑް ފީލްޑަށް ލިބުނީ 113 ޕޮއިންޓެވެ.

އަންހެން އެންމެ މޮޅު ކްލަބުގެ އެވޯޑް ހޯދީ ޓްރެކް އެންޑް ފީލްޑް އެވެ. އެ ޓީމު އެއްވަނަ ހޯދީ 243 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދި ކުޑަ ހުސައިން ސްޕޯޓްސް އަށް ލިބުނީ 121 ޕޮއިންޓެވެ.

އެންމެ މޮޅު އަންހެން ކްލަބުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެ މޮޅު އަންހެން ކްލަބުގެ މަގާމު ހޯދި ޓްރެކް އެންޑް ފީލްޑް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖައިޝާ އަށް ވެސް ތިން ރަން މެޑަލް

ގައުމީ މުބާރާތުގެ 2016 ގެ އެންމެ މޮޅު އެތުލީޓް މަރްޔަމް އަބްދުލް ކަރީމް (މަރީ) ބީޓްކުރުމަށް ފަހު އާމިނަތު ޖައިޝާ ޖުނީޒް މިއަދު ވަނީ 15،000 މީޓަރުން އެއްވަނަ ހޯދައިފަ އެވެ. ޖައިޝާ ރޭސް ނިންމީ 5:10.67 މިނެޓް އިންނެވެ. މަރީ ދެވަނައިގައި ރޭސް ނިންމީ 5:27.29 މިޓްއިން ނިންމައިގެންނެވެ. ތިން ވަނަ ހޯދީ މެރެތަން ރަނާސް އިން ވާދަ ކުރި އައިޝަތު ރާނިޔާ އެވެ. އޭނާ ރޭސް ނިންމީ 5:45.71 މިނެޓްއިން އިންނެވެ.

ޖައިޝާ

ޖައިޝާ

އިއްޔެ 5000 މީޓަރުގެ ރޭހުން ވެސް ޖައިޝާ ރަން މެޑަލް ހޯދީ މަރީ ބީޓްކޮށްލުމަށް ފަހު އެވެ. ޖައީޝާ އެއްވަނަ ހޯދީ 21:22.61 މިނެޓް އިން ރޭސް ނިންމައިގެންނެވެ. މަރީ ދެވަނަ ހޯދީ 21:30.71 އިން ރޭސް ނިންމައިގަންނެވެ. ތިންވަނަ ހޯދި އައަިޝަތު ރާނިޔާ ރޭސް ނިންމީ 22:05.36 އިންނެވެ. މަރީ އާއި ރާނިޔާ ވާދަކުރީ ކުޑަ ހުސައިން ސްޕޯޓްސްއިންނެވެ. ޖައީޝާ ވާދަކުރީ ޓްރްކް އެންޑް ފީލްޑްއިންނެވެ.

ޖައިޝާ ވަނީ 800 މީޓަރުގެ ރޭސް ވެސް ކާމިޔާބު ކޮށްފަ އެވެ. އެ ރޭހުގެ އެއްވަނަ އޭނާ ހޯދީ 2:30.95 އިންނެވެ. ދެވަނަ ހޯދީ ޝަމްހާ ޔޫސުފް އެވެ. އޭނާ ރޭސް ނިންމީ 2:43.66 އިންނެވެ. ތިން ވަނަ ހޯދި 2:46.53 އިންނެވެ.