Roadha Mihaaru
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް

ފަސް އަހަރަށް ފަހު ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް

07 ސެޕްޓެމްބަރ 2024

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހަސަން ސައީދު އަތުން ގެއްލި، އިބާދުﷲ އާދަމް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހަސަން ސައީދު އަތުން ގެއްލި، އިބާދުﷲ އާދަމް ހޯދައިފި އެވެ.

މިއަދު ހަވީރު ނިމުނު، މި އަހަރުގެ ގައުމީ މުބާރާތުގައި ފިރިހެން ސްޕްރިންޓްގެ 100 އާއި 200 މީޓަރުން ރަންވަނަ ގެންދިޔައީ އިބާދުﷲ އެވެ. ސަތޭކަ މީޓަރުގެ ރޭސް، އޭނާ ކާމިޔާބު ކުރީ ފައިނަލުގައި ސާއިދު ވެސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

މީގެ ކުރިން ސާއިދު އަށް ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ގެއްލުނީ 2018 ގަ އެވެ. އެ އަހަރު އެންމެ މޮޅު އެތުލިޓްގެ އެވޯޑް ހޯދީ ހުސައިން ފަޒީލް ހާރޫނެވެ.

އޭގެ ފަހުން ވިދިވިދިވިދިގެން ފަސް އަހަރު، އެންމެ މޮޅު އެތުލީޓްގެ އެވޯޑް ސާއިދު ހޯދި އެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދި އިބާދުﷲ އާއި ފަސޫހާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދި އިބާދުﷲ އާއި ފަސޫހާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިން އޭނާ ވަނަ، ހޯދާ 200 މީޓަރުގެ ރޭހުގައި މިފަހަރު ވާދައެއް ނުކުރެ އެވެ. އެކަމަކު 4 ގުނަ 100 މީޓަރު ރޭހުގައި ވާދަކޮށް، ދިވެހި ސިފައިންގެ ކްލަބަށް އެއްވަނަ ހޯދައި ދިނުމުގައި ހިއްސާވި އެވެ.

މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ފަސޫހާ އަހްމަދެވެ.

ފިރިހެން ޑިވިޝަނުން އެންމެ މޮޅު ކްލަބްގެ އެވޯޑް ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ކްލަބުން އެންމެ މޮޅު ކްލަބްގެ އެވޯޑް މި ހޯދީ މެދުކަނޑުމަކަށް ފަހު، ޖުމުލަ 17 ވަނަ ފަހަރަށެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކްލަބަކީ ޓްރެކް އެންޑް ފީލްޑެވެ.