Roadha Mihaaru
ސޯލްޝެއާ ވަކިކުރަން ޔުނައިޓެޑްގެ ބޯޑުން ނިންމައިފި

ސޯލްޝެއާ ވަކިކުރަން ޔުނައިޓެޑްގެ ބޯޑުން ނިންމައިފި

21 ނޮވެމްބަރ 2021

މެންޗެސްޓާ (ނޮވެމްބަރު 21) - ޕްރެޝަރަށް ވެއްޓިފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް އޮލޭ ގުނާ ސޯލްޝެއާ މަގާމުން ވަކި ކުރުމަށް ޔުނައިޓެޑުގެ ބޯޑުގެ ކުއްލި ބައްދަލުވުމަކުން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ނޮވެމްބަރު 21) - ޕްރެޝަރަށް ވެއްޓިފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް އޮލޭ ގުނާ ސޯލްޝެއާ މަގާމުން ވަކި ކުރުމަށް ޔުނައިޓެޑުގެ ބޯޑުގެ ކުއްލި ބައްދަލުވުމަކުން ނިންމައިފި އެވެ.

ގިނަ އިރުތަކަކަށް ދެމިގެން ދިޔަ ބޯޑު ބައްދަލުވުން ބޭއްވީ ވަޓްފޯޑް އަތުން 4-1 އިން ރޭ ޔުނައިޓެޑް ބަލިވުމުންނެވެ. އޭއެފްޕީން ބުނިގޮތުގައި ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާ ވަނީ ސޯލްޝެއާ ވަކިކުރަން ބޯޑުން ފާސްކުރި ނިންމުމަށް ތާއިދުކޮށްފަ އެވެ.

ގްލޭޒާ ވަނީ މިދިޔަ މަހު ލިވަޕޫލް އަތުން 5-0 އިން ލިވަޕޫލް ބަލިވި މެޗަށް ފަހު ސޯލްޝެއާ އަށް އިތުބާރު ކުރާކަން ހާމަކޮށްފަ އެވެ. އެކަމަކު އޭނާގެ ވިސްނުން ބަދަލުވީ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅެއް ނުހޯދި ދިއުމުންނެވެ.

ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުނީ އޭނާގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑު ނުވާ ކަމަށެވެ. އޭނާ ބުނިގޮތުގައި ކަންބޮޑު ވަނީ ޓީމުގެ ކުޅުން ދަށް ވެފައިވުމުންނެވެ.

ޔުނައިޓެޑްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލު ކުރަނީ އެސިސްޓެންޓް ކޯޗު މައިކަލް ކެރިކް ނުވަތަ ޓެކްނިކަލް ޑައިރެކްޓަރު ޑަރެން ފްލެޗާއާ އެވެ.

ޔުނައިޓެޑްގެ ކޯޗްކަމާ ސޯލްޝެއާ ހަވާލުވީ ޑިސެމްބަރު 2018 ގައި ވަގުތީ ކޯޗެއްގެ ގޮތުންނެވެ. އެއީ އޭރު އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމުންނެވެ. މާޗް 2019 ގައި އޭނާ ވަނީ ޔުނައިޓެޑާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސީޒަންގެ މެދުތެރެއިން ދާއިމީ ކޯޗަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޔުނައިޓެޑުގެ ކޯޗުގެ މަގާމަށް އެކި ކޯޗުންނާ ގުޅުވައި ދަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ލެސްޓާ ސިޓީގެ ކޯޗް ބްރެންޑެން ރޮޖާސް، އަޔެކްސްގެ ކޯޗް އެރިކް ޓެންހެގް، ލައިޕްޒިގްގެ ކުރީގެ ކޯޗް ރާލްފް ރަންގްނިކް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިިދާން ހިމެނެ އެވެ.