Roadha Mihaaru
ޓެން ހަގް އެންމެ ފަހުން ވެން ހާލް އަށް ރައްދު ދީފި

ޔުނައިޓެޑުގެ ކޯޗު ޓެން ހަގް އެންމެ ފަހުން ވެން ހާލްގެ ވާހަކަތަކަށް ރައްދު ދީފި

23 މެއި 2022

މެންޗެސްޓާ (މެއި 23) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަކީ ކޮމާޝަލް ކުލަބެއް ގޮތުގައި އެ ޓީމުގެ ކުރީގެ ކޯޗު ވެން ހާލް މިދިޔަ މާޗު މަހު ދެއްކި ވާހަކަތަކަށް، ޔުނައިޓެޑުގެ އާ ކޯޗު އެރިކް ޓެން ހަގް ރައްދު ދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މެއި 23) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަކީ ކޮމާޝަލް ކުލަބެއް ގޮތުގައި އެ ޓީމުގެ ކުރީގެ ކޯޗު ވެން ހާލް މިދިޔަ މާޗު މަހު ދެއްކި ވާހަކަތަކަށް، ޔުނައިޓެޑުގެ އާ ކޯޗު އެރިކް ޓެން ހަގް ރައްދު ދީފި އެވެ.

ނެދަލެންޑްސްގެ ވެން ހާލް ބުނެފައި ވަނީ، ޓެން ހަގް ކޯޗު ކޮށްދޭން އިހުތިޔާރު ކުރަން ވާނީ ފުޓުބޯޅަ ކުޅޭ ކުލަބަކަށް ކަމަށާއި ޔުނައިޓެޑަކީ ވިޔަފާރިއަށް ވިސްނާ، ކޮމާޝަލް ކުލަބެއް ކަމަށެވެ.

"އަހަރެން އަޑު އެހިން (ވެން ހާލްގެ ކޮމެންޓުތައް)، އެކަމަކު އަހަރެން ގޮތް ނިންމާނީ. އަހަރެން ޔަގީންކަން ދެން ކަންތައްތައް އެހެން ނުވާނެ ކަމަށް،" ޓެން ހަގް ބުންޏެވެ.

"އަހަރެން ވާހަކަ ދެއްކިން ކުލަބުގެ ޑިރެކްޓަރުންނާ ވެސް. މި ކުލަބުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ކަމަކީ ވެސް ފުޓުބޯޅަ. މިދުވަސްވަރު ކޮންމެ ކުލަބަކީ ވެސް ކޮމާޝަލް ކުލަބެއް. އެއީ ކޮންމެ ކްލަބަކަށް ވެސް އާމްދަނީ މަތިކޮށް ފައިސާގެ ގޮތުން ފުދުންތެރިވާން އެއީ މުހިއްމު ކަމެއް. އެކަމަކު މި ކުލަބުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ކަމަކީ ވެސް ފުޓުބޯޅަ."

ޓެން ހަގް، 52، އަކީ 2013 ވަނަ އަހަރު ޔުނައިޓެޑުގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރި ފަހުން އެ ކުލަބުން ދާއިމީކޮށް ހަމަޖެސްސި ފަސްވަނަ ކޯޗެވެ. އޭނާ ބުނީ، ޔުނައިޓެޑަކީ މުއްސަނދި ތާރީހެއް އޮތް ކުލަބެއް ކަމަށާއި، މިހާރު ވަނީ މުސްތަގުބަލެއް ބިނާކުރަން ޖެހިފައި ކަމަށެވެ.

ޔުނައިޓެޑުން ސީޒަންގެ ފަހު މެޗު ރޭ ކުޅެފައިވާއިރު ޓެން ހަގް ވެސް ވަނީ މެޗު ބަލާލަން ލަންޑަނަށް ގޮސްފަ އެވެ. އަދި ރަސްމީކޮށް ޔުނައިޓެޑުގެ މަގާމާ ހަވާލުވެފައި ވަނީ މިއަދު އެވެ.

ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ މާ ކުރިން ގެއްލިފައިވާއިރު، ރޭގެ މެޗުން ބަލިވެގެން ވެސް އެޓީމަށް ޔޫރޮޕާ ލީގުގެ ޖާގައެއް ލިބުނީ ނަސީބު ވެސް އެހީ ވެގެންނެވެ. ހަމަ އެއާ އެކު ފަހު މެޗު ފަށަން ކުޑަތަން ވެފައި ވަނިކޮށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އަނިޔާއެއްގެ ސަބަބުން ސްކޮޑުން ބާކީ ކުރަން ޖެހުނެވެ.

ޗެމްޕިއަންސް ލީގު ޖާގައެއް ނުލިބުމާ އެކު ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަފާނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ޓެން ހަގް ވަނީ އޭނާގެ ކުރިމަގުގެ ޕްލޭންގައި، މި ސީޒަނުގައި 24 ލަނޑު ޖަހައި ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ އަކީ މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ. އޭނާ ވަނީ އަންނަ ސީޒަނުގައި ވެސް ރޮނާލްޑޯގެ ގޯލުތައް ޔުނައިޓެޑުން ފެންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ ކޮޅަށް ލަނޑު ޖަހައި ޔުނައިޓެޑަށް އެއްވަރު ކޮށްދިން މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާ ކޮޅަށް ލަނޑު ޖަހައި ޔުނައިޓެޑަށް އެއްވަރު ކޮށްދިން މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އަންނަ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކޮށްފި ނަމަ އެ ސީޒަން ވެގެންދާނީ 2009 ވަނަ އަހަރު ޔޫއެފާ ކަޕުގެ ނަން ޔޫރޮޕާ ލީގަށް ބަދަލުކުރި ފަހުން އޭނާ މުބާރާތުގައި ކުޅޭނެ ފުރަތަމަ ފަހަރަށެވެ. ޕޯޗުގަލްގެ ސްޕޯޓިންއާ އެކު ސީނިއާ ކެރިއަރު ފެށި ރޮނާލްޑޯ ވަނީ 2003/02 ގެ ސީޒަނުގެ ޔޫއެފާ ކަޕުގައި ކުޅެފަ އެވެ. އަދި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ވާނީ، 2004/03 ގެ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވެ، ޗެމްޕިއަންސް ލީގު ކުޅެން ފެށި ފަހުން އޭނާ ނުލައި ކުޅޭނެ ފުރަތަމަ ޗެމްޕިއަންސް ލީގަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލު ވެސް ޖަހާފައި ވަނީ ރޮނާލްޑޯ އެވެ. އޭނާ ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޓެން ހަގް ބުނީ ޔުނައިޓެޑާ ހަވާލުވުމަކީ ރިސްކެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި އޭނާ ދަނީ އަދިވެސް ޓީމުގެ ސްކޮޑް އެނަލައިޒް ކުރަމުން ކަމަށާއި، ބޮޑު ޕްލޭނެއް އޮތް ނަމަވެސް ލިބިފައިވާ ވަގުތު ވަރަށް ކުޑަ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ އަށް ވެސް ތައުރީފް ކޮށްފަ އެވެ.

ޕެލަސް އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ.-- ފޮޓޯ: އޭއެފްޕީ

ޕެލަސް އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ.-- ފޮޓޯ: އޭއެފްޕީ

"މި ކުޅުންތެރިންނާ އެކު މަސައްކަތް ކުރަން އަހަރެން ބޭނުން. ކުރީ ސީޒަނުގައި މި ސްކޮޑުން ވަނީ ލީގު ދެވަނަ ހޯދާފައި، އެހެންވެ ޕޮޓެންޝަލް އެބަހުރި ޓީމުގެ. ކުޅުންތެރިންނާ އެކު ރަނގަޅު މަސައްކަތެއް ކުރެވި، ކުރިއެރުން ހޯދޭ ނަމަ މި ސީޒަނުގެ ނަތީޖާއަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ވާނެ،" ޓެން ހަގް ބުންޏެވެ.

"އަންނަ ސީޒަން ތަފާތު ވާނެ. އެކަމަކު އޭނާ (ކެޕްޓަން ހެރީ މެގުއާ) ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި. އޭނާއަކީ މިހާރު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮޅު ކުޅުންތެރިއެއް. އެހެންވެ އޭނާއާ އެކު ވެސް މަސައްކަތް ކޮށްލަން ވަރަށް ބޭނުން."

އެންމެ ފަހު ފަސް ސީޒަނުގައި ވެސް ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދީ ވާދަވެރި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އެވެ. މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ޕްރިމިއާ ލީގު ނެގީ 2013 ވަނަ އަހަރު ފާގަސަންގެ ކޯޗު ކަމުގަ އެވެ.

ލިވަޕޫލާއި ސިޓީ ކުޅޭ ފުޓުބޯޅައަށް ތައުރީފް ކުރަމުން ޓެން ހަގް ބުނީ، ފުޓުބޯޅައިގައި އަބަދު އެއްބަޔަކު ކާމިޔާބީތައް ހޯދިޔަސް އެކަމަށް ވެސް ކޮންމެ ވެސް ދުވަހަކުން ނިމުމެއް އަންނާނެ ކަމަށެވެ.