Roadha Mihaaru
އިނގިރޭސި ސަރުކާރުގެ ނިންމުމަށް ހަމާސް ރައްދު ދޭނެ

އިނގިރޭސި ސަރުކާރުގެ ނިންމުމަށް ހަމާސް ރައްދު ދޭނެ

21 ނޮވެމްބަރ 2021

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތަކީ، ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިނގިރޭސި ވިލާތުން ކަނޑައެޅުމުން އެކަމާ ކުރިމަތިލުމަށް، ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރުވަމުން އަންނަ ކަމަށް އެ ޖަމާއަތުން އިއްޔެ ބުނެފި އެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވި ގޮތުގައި އިނގިރޭސި ދާހިލީ ވަޒީރު ޕްރިތީ ޕަޓޭލް އިއުލާން ކުރެއްވި އިނގިރޭސި ސަރުކާރުގެ ނިންމުމަކީ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ނިންމި ވަރަށް އުދުވާނީ ނިންމުމެއް ކަމަށެވެ.

ހަމާސް ޖަމާއަތުގެ ފަރާތުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ސަހްޔޫނީ ދައުލަތުގެ އަޅުވެތިކަމާ އެއްކޮޅަށް އިނގިރޭސި ދައުލަތް ޖެހިފައިވާ ކަން ހާމަކޮށްދޭ އެ ނިންމުން، އެ ޖަމާއަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ނިންމުމާ ދެކޮޅު ހަދާ ކަމަށެވެ. އަދި އިނގިރޭސި ވިލާތުގައި ދިރިއުޅޭ ޔަހޫދީންނަށް، ހަމާސް ޖަމާއަތުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އިނގިރޭސި ސަރުކާރުން ބުނާ ވާހަކައަކީކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ހަމާސްގެ ބަޔާނުގައިވެ އެވެ.

ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިންތިޒާމުކުރާ ކޭމްޕެއްގައި ބައިވެރިވުމަށް، ފަލަސްތީނުގެ ކުޑަކުދިންތަކެއް ރަޖިސްޓްރީ ވުމަށް ކިޔޫގައި މަޑުކޮށްލައިގެން. --ފައިލް ފޮޓޯ އޭއެފްޕީ

ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިންތިޒާމުކުރާ ކޭމްޕެއްގައި ބައިވެރިވުމަށް، ފަލަސްތީނުގެ ކުޑަކުދިންތަކެއް ރަޖިސްޓްރީ ވުމަށް ކިޔޫގައި މަޑުކޮށްލައިގެން. --ފައިލް ފޮޓޯ އޭއެފްޕީ

"މި ހަރަކާތުން ދެކޭ ގޮތުގައި، އިނގިރޭސި ސަރުކާރުގެ އެ ނިންމުމަކީ، އަހަރެމެންގެ ހަރަކާތްތަކަށް ހުރަސްއެޅުމަށް ނުވަތަ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތް ހީނަރުކޮށްލުމަށް ކޮށްފައިވާ އެއްވެސް ބޭނުމެއް ނެތް ނިންމުމެއް. ފަލަސްތީނުގެ ބިން އަނބުރާ ހޯދުމަށާއި، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރުމަށް ލިބިފައިވާ ހައްގާއި، ބައިނަލްއަގުވާނީ ގާނޫނުތަކާ ވެސް ހިލާފު ނިންމުމެއް،" ހަމާސްގެ ބަޔާނުގައިވެ އެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި އިންތިހާބީ އުކުޅެއްގެ ގޮތުން، އިޒްރޭލުގެ އަޅުވެތިކަމާ އެއްކޮޅަށް ޖެހިގެން ނިންމާ މިފަދަ ސިޔާސީ ނިންމުންތަކަކީ، އާންމު ރައްޔިތުންނާއި މިނިވަންކަމުގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި، އިނގިރޭސި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އުފެދިފައިވާ އެއްބައިވުމުގެ ޝުއޫރުތަކަށް، އެ ނިންމުމުގެ ސަބަބުން ބަދަލެއް ނާންނާނެ ކަމަށް ވެސް އިސްމާއީލް ހަނިއްޔާ ވިދާޅުވި އެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ސިޔާސީ އަދި ޖިހާދީ ޖަމާއަތްތަކުން ބުނި ގޮތުގައި، އިނގިރޭސި ވިލާތުގެ މި ނިންމުމުގެ ސަބަބުން، ފަލަސްތީނުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލަން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސަށް ދަތިވާނެ އެވެ. އަދި މި ނިންމުމުގެ ގެއްލުން ލިބޭނީ އިނގިރޭސި ވިލާތަށާއި ހުޅަނގުގެ ގައުމުތަކަށް ކަމަށް ވެސް އެ ޖަމާއަތްތަކުން ބުންޏެވެ.