Roadha Mihaaru
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް

ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް

24 އޮކްޓޯބަރ 2023

ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ވަރުގަދަ ހަނގުރާމައެއް ފަށައި، 5000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވަނިކޮށް، އިޒްރޭލަށް ހިތްވަރު ދިނުމުގެ ގޮތުން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން މިއަދު އިޒްރޭލަށް ވަޑައިގެންފި އެވެ.

ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ވަރުގަދަ ހަނގުރާމައެއް ފަށައި، 5000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވަނިކޮށް، އިޒްރޭލަށް ހިތްވަރު ދިނުމުގެ ގޮތުން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން މިއަދު އިޒްރޭލަށް ވަޑައިގެންފި އެވެ.

މީގެ ކުރިން މި މަހުގެ 17 ވަނަ ދުވަހު ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލާފް ޝޯލްޒް، 18 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި 19 ވަނަ ދުވަހު އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވެސް އިޒްރޭލަށް ވަޑައިގެން، ޔަހޫދީ ސިފައިންގެ އުދުވާންތަކަށް ހިތްވަރު ދެއްވި އެވެ. އޭގެ ފަހުން އިޓަލީ ވިލާތުގެ ބޮޑުވަޒީރު ޖޯޖިއޯ މެލޯނީ މިމަހުގެ 21 ވަނަ ދުވަހު އިޒްރޭލަށް ވަޑައިގެން ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރައްވައި، އިޒްރޭލުގެ އުދުވާންތަކަށް ހިތްވަރު ދެއްވި އެވެ.

ފަރަންސޭސި ވިލާތުގެ ރިއާސީ ގަނޑުވަރު އެލީޒޭ އިން ބުނި ގޮތުގައި މެކްރޯން އިޒްރޭލަށް މި ވަޑައިގަތީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން، ފަރަންސޭސި ވިލާތް އިޒްރޭލާ ފުރިހަމައަށް ބައިވެރިވާ ކަން ހާމަކުރުމުގެ ގޮތުންނެވެ. މެކްރޯންގެ މި ދަތުރުގައި އިޒްރޭލުގެ އިސް ވެރިންނާ އެކުގައި ކުރައްވާ މަޝްވަރާތަކުގައި، ގާޒާގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ފުރާނައަށް ރައްކާތެރިވުމަށް ގޮވައިލައްވާނެ ކަމަށް، ރިއާސީ ގަނޑުވަރުން ބުންޏެވެ.

ވަކިން ޚާއްސަ ގޮތެއްގައި ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެސް މެކްރޯން ގޮވައިލައްވާނެ ކަމަށް އޭނާގެ ފަރަންސޭސި ސަރުކާރުން ބުންޏެވެ. އޭގެ އިތުރުން މެކްރޯން އެންމެ ބޮޑަށް ބާރު އަޅުއްވާނީ ހަމާސް އިން ރަހީނުކޮށްފައިވާ އެންމެހައި އަސީރުން މިނިވަންކުރެވޭނެ ގޮތެއް ހޯއްދެވުމަށެވެ.

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް ބަލައިލުމަށް ފަލަސްތީނުގެ ބަޔަކު އެސަރަހައްދުގައި.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް ބަލައިލުމަށް ފަލަސްތީނުގެ ބަޔަކު އެސަރަހައްދުގައި.-- ފޮޓޯ: އޭއެފްޕީ

ގުދުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އަދި އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގްއާ ބައްދަލުކުރެއްވުމަށް ފަހު ތަލް އަބީބަށް ވަޑައިގެން، ހަމާސްގެ ހަމަލާތަކުގައި މަރުވި އަދި އަސީރުކޮށްފައިވާ ފަރަންސޭސި ރައްޔިތުންގެ އާއިލާތަކާ ބައްދަލުކުރައްވާނެ އެވެ. މި މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި ފަރަންސޭސި ވިލާތުގެ މީހަކު މަރުވި އެވެ.

އޭގެ އިތުރުން އެ ދުވަހުގެ ހަމަލާތަކުގައި ޔަހޫދީ އާބާދީތަކުން ހަމާސްގެ ހަނގުރާމަވެރިން އަސީރުކުރި 200 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި، ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަރަންސޭސި ވިލާތުގެ އަށް މީހަކު ވެސް ހިމެނޭ ކަމަށް ބެލެވެ އެވެ. އެ އަށް މީހުންގެ ތެރެއިން އެކަކު ހަމާސްގެ ބެލުމުގެ ދަށުގައި ހުރިކަން ވަނީ ކަށަވަރުވެފަ އެވެ.

އެލީޒޭ ގަނޑުވަރުން ބުނި ގޮތުގައި މެކްރޯންގެ މިދަތުރުގައި އިޒްރޭލުގެ ވެރިންނާ އެކުގައި ކުރައްވާ މަޝްވަރާތަކުގައި، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މަގުފަހިކުރުމުގެ ގޮތުން ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް އޭނާ ހުށަހަޅުއްވާނެ އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވޭ އިރު، އަވައްޓެރި ގައުމުތަކުން އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް ވެސް މެކްރޯން ދެކެވަޑައިގަންނަވަ އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 18 ދުވަސް ވެގެން ދިޔަ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 5080 އަށް ވުރެ މަތިވެފަ އެވެ. ގާޒާ އިން ޝަހީދުވި މީހުންގެ ތެރޭގައި 2050 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1120 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

މި ހަނގުރާމައިގައި ގާޒާ އިން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 15200 އަށް ވުރެ މަތިވެފަ އެވެ. ބިމާ ހަމަކޮށްލި އިމާރާތްތަކުގެ އަދަދު 20000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިމާރާތްތަކުގެ އަދަދު ވަނީ 181000 އަށް އަރައިފަ އެވެ. ގެދޮރު ސުންނާފަތިވުމުގެ ސަބަބުން، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1.5 މިލިއަނަށް (ގާޒާގެ އާބާދީގެ 70 އިންސައްތަ) އަރައިފަ އެވެ.

ގާޒާގައި ހުންނަ ފަލަސްތީނު ސަރުކާރުގެ 72 އޮފީސް އިމާރާތެއް ވަނީ ހަލާކުކޮށްލައިފަ އެވެ. 177 މަދަރުސާ އަށް ގެއްލުން ލިބިފައިވާ އިރު، އޭގެ ތެރެއިން 32 މަދަރުސާއެއް ވަނީ އަލުން އިމާރާތްކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިކޮށްލައިފަ އެވެ. އޭގެ އިތުރުން 32 މިސްކިތެއް ގޮއްވާލައި ނަޞާރާއިންގެ ތިން ފައްޅިއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 23 އެމްބިއުލާންސެއް، ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ އިރު، ހަތް ހޮސްޕިޓަލެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ސަލާމަތުން ހުރި ހޮސްޕިޓަލުތަކުގައި ވެސް، ކަރަންޓާއި ފެން ލިބެން ނެތުމުން، އެކަށީގެންވާ ގޮތުގައި ފަރުވާ ދެވޭނެ އިންތިޒާމެއް ނެތެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގާ އުދުވާންތަކުގައި، މިދިޔަ 16 ދުވަސް ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ އަދަދު ވެސް މިހާރު ވަނީ 110 އަށް އަރައިފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.