Roadha Mihaaru
ރޯހިތުގެ ފުރަތަމަ އުޖޫރަ އަކީ 35 ރުޕީސް

ޑައިރެކްޓަރު ރޯހިތުގެ ފުރަތަމަ އުޖޫރަ އަކީ 35 ރުޕީސް

24 ނޮވެމްބަރ 2021

ކުރިން ފިލްމީ ސެޓްތަކުގައި މަސައްކަތް ކޮށްލައިގެން އުޖޫރައިގެ ގޮތުގައި ލިބެމުން އައީ އެންމެ 35 ރުޕީސް ކަމަށާއި އޭގެ ސަބަބުން ބައެއް ދުވަސް ދުވަހު ނުކައި ވެސް ހުންނަން ޖެހޭ ކަމަށް މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ފިލްމީ ސެޓްތަކުގައި މަސައްކަތް ކޮށްލައިގެން އުޖޫރައިގެ ގޮތުގައި ލިބެމުން އައީ އެންމެ 35 ރުޕީސް ކަމަށާއި އޭގެ ސަބަބުން ބައެއް ދުވަސް ދުވަހު ނުކައި ވެސް ހުންނަން ޖެހޭ ކަމަށް މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.

މި މަހުގެ 5 ގައި ރިލީޒްކޮށް މިހާރު ބްލޮކްބަސްޓާއަކަށް ވެފައިވާ ފިލްމު "ސޫރިޔަވަންޝީ" ގެ ޑައިރެކްޓަރު ކާލީ ޓޭލްސް އަށް ދިން އިންޓަވިއުއެއްގައި ބުނި އޭނާ މިހާރު ހުރި ހިސާބަށް އާދެވުނީ ގިނަ އަަޑިގުޑަންތަކާއި ގޮންޖެހުންތަކާ އެކީގައި ކަމަށެވެ.

"އުޖޫރައަކަށް އެންމެ ތިރީސް ފަސް ރުޕީސް ލިބުނު ދުވަސްވަރު ގެއާ ހަމައަށް ދާން ދަތުރުކުރަން އެ ފައިސާކޮޅު ހޭދަކުރަން މަޖުބޫރުވާތީ އެތައް ދުވަހަކު ބަނޑަށް ވެސް ހުންނަން ޖެހުނު ހަނދާންތައް ހިތަކުން ނުފިލާނެ." ރޯހިތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާއިލާގެ ތެރޭގައި ފިލްމީ މަސައްކަތްކުރި ބަޔަކު އުޅުނަސް، އެއް އިރަކު ވެސް އުޅުނީ މާ ފުދިގެނެއް ނޫމެވެ. އެހެންވެ ހަޔާތުގައި މިހާތަނަށް ކުރި ދަތުރު އެއްގޮތަކަށް ވެސް ފަސޭހަވެފައި އޮމާން ނޫން ކަމަށް ބުންޏެވެ. ރޯހިތުގެ ބައްޕަ އެމްބީ ޝެޓީ (މުއްޑޫ ބާބޫ ޝެޓީ) އަކީ 1950-1980 ދޭތެރޭގައި ފިލްމުތަކުގައި ސްޓަންޓްމޭން އަދި އެކްޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ވަރަށް ގިނަ އަދަދެއްގެ ފިލްމުގައި މަސައްކަތްކޮށްފައިވާ ފަންނާނު ވަނީ 1982 ގައި މަރުވެފަ އެވެ.

ރޯހިތު، 48، ބުނި ގޮތުގައި ކިތަންމެ އުނދަގޫ ދަތި ހާލުގައި އުޅެން ޖެހުނަސް އޭނާ އަކީ އަބަދު ވެސް ވަރަށް ހިތްވަރާ އެކު މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި ބުރަކޮށް މަސައްކަތް ނުކުރި ނަމަ އިންޑަސްޓްރީގައި އޭނާ އަކީ ބަޔަކު ބަލައިގެންފައިވާ ނީހަކަށް ނުވީސް މީހަކަށް ކަމަށް ބުންޏެވެ.

ރޯހިތަކީ މި ވަގުތު ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ހަދާ ކޮންމެ ފިލްްމެއް ބޮޑު ހިޓަކަށް ހަދައިދޭނެކަމުގެ ގެރެންޓީ ޕްރޮޑިއުސަރުންނަށް އަބަދު ވެސް އޮންނަ އެއް ޑައިރެކްޓަރެވެ. ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން 100 ކްރޯޑް ކުލަބްގެ ފިލްމުތައް ވެސް އެންމެ ގިނައީ ވެސް އޭނަގަ އެވެ، އެ އަދަދު "ސޫރިޔަވަންޝީ" އާ އެކު މިހާރު 9 އަކަށް އަރަ އެވެ.

ރޯހިތަކީ އަބަދު ވެސް މަސާލާ ފިލްމުތައް ނުވަތަ ހުރިހާ ރަހައެއް ހެޔޮވަރު ފިލްމުތައް ގެނެސްދޭން މަޝްހޫރު ޑައިރެކްޓަރެކެވެ. ގާތް އެކުވެރިޔާ އަޖޭ ދޭވްގަންގެ ފުރަތަމަ ފިލްމު 1991 ގެ "ޕޫލް އޯރް ކާންޓޭ" ގައި އުމުރުން 17 އަހަރުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ރޯހިތުގެ ފުރަތަމަ ޑައިރެކްޝަނަކީ އަޖޭއާ އެކު 2003 ގެ "ޒަމީން" އެވެ. އޭގެ ފަހުން މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ހަދާފައިވެ އެވެ. އޭގެ ތެރޭގައި "ގޯލްމާލް" ސީރީޒް އާއި "ސިންގަމް" ސީރީޒް އާއި "ޗެންނައި އެކްސްޕްރެސް" އަދި "ސިމްބާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ރޯހިތު ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާނެ ކޮމެޑީ ފިލްމު "ސާކަސް" އެވެ. އޭނާ ދެން ހަދަން އޮތް ފިލްމަކީ "ސިންގަމް 3" އެވެ.

އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް، ރޯހިތު ޝެޓީ ފިލްމްސް ނަމުގައި އޮންނަ ރޯހިތު އާންމުކޮށް ޑައިރެކްޓްކުރާ ފިލްމަކުން އުޖޫރައެއްގެ ގޮތުގައި ނަގަނީ 25-30 ކްރޯޑް ރުޕީސް (3.35-4.03 މިލިއަން ޑޮލަރު) އެވެ. ރޯހިތަކީ ކަލާޒް ޗެނެލްގެ "ހަތުރޯން ކޭ ކިލާޅީ" ގެ ހޯސްޓް ވެސް މެ އެވެ. މިހާރު ފުރާވަރަށް އަރާފައިވާ ފިރިހެން ދަރިޔަކު ވެސް ހުރި ރޯހިތަކީ މިހާރު އިންޑިއާގެ ބްރޭންޑް ނަމެކެވެ. ވަރަށް ގިނަ ފިލްމީ ތަރިން އެ ޑައިރެކްޓަރަކާ އެކީ އެންމެ މަސައްކަތް ކުރަން ބޭނުންވާ އެކަކީ ވެސް ރޯހިތެވެ.