Roadha Mihaaru
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ

ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔުން ބޮޑުވެއްޖެ

25 މާޗް 2024

ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ހާންއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.

ބޮލީވުޑްގެ އެކްޓްރެސް ސާރާ އަލީ ހާންއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ބޮޑުވެއްޖެ އެވެ.

މިފަހުން ވަނީ ސާރާގެ އާ ދެ ފިލްމު ނެރެފަ އެވެ. އެއީ މި މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފެށި "މާޑާ މުބާރަކް" އާއި ޕްރައިމް ވީޑިއޯ އަށް އައި "އޭ ވަތަން މޭރޭ ވަތަން" އެވެ. މި ދެ ފިލްމަށް ވެސް ކްރިޓިކްސް އާއި އާންމުންގެ ތަރުހީބެއް ނުލިބުނެވެ.

އައިއެމްބީޑީގައި "އޭ ވަތަން މޭރޭ ވަތަން" ރޭޓިން 4.7/10 އޮތް އިރު، "މާޑާ މުބާރަކް" އަށް ލިބިފައި ވަނީ 6.8/10 އެވެ.

މި ދެ ފިލްމުން ވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ، ބޮލީވުޑްގެ ތަރި ސައިފް އަލީ ހާންގެ ދޮށީ ދަރިފުޅު ސާރާ އަށެވެ. ބޮލީވުޑްގެ ފިލްމީ އާއިލާއަކަށް ނިސަބަތްވާ މީހަކަށް ސާރާ ވާތީ ވެސް އޭނާ އަށް ފާޑުކިޔުން ވަކިން ބޮޑެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ރެޑިޓްގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، "މާޑާ މުބާރަކް"ގައި ސާރާ ކުޅެފައިވާ މަންޒަރުތައް ބަލަން ނުކެރޭ ވަރަށް ހަޑި އެވެ. އަދި ޕަންކަޖު ތުރިޕާޓީ އާއި ވިޖޭ ވަރުމާ ކަހަލަ މޮޅު އެކްޓަރުންނާ އެކު އެއް ސްކްރީނަކުން ފެނުމުން އޭނާގެ އެކްޓިންގެ ހުނަރު ނެތްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށް ވެސް މީހުން ބުނެފައިވެ އެވެ. އަދި ސާރާއަށް އެކްޓިން ދަސްކޮށްދޭން ކުލާހަކަށް ފޮނުވަން ވެސް ބައެއް މީހުން ވަނީ ކޮމެންޓުތަކުގައި ގޮވާލައިފަ އެވެ.

"އެކްޓިންގެ ދާއިރާގައި ފަސް އަހަރުވީ އިރު ވެސް އެކްޓުކުރަން ނޭނގޭ،" މީހަކު ބުނެފައިވެ އެވެ.

އެކްޓުކުރަން ނޭނގުނަސް އަދި ފިލްމުތައް ފްލޮޕް ވިޔަސް، ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ދަރިންނަށް ބޮޑެތި ފިލްމުތަކުން ފުރުސަތު ދޭ މައްސަލާގައި އަބަދުވެސް ފާޑުކިޔުން އޮވެ އެވެ.

ސާރާގެ އިތުރު ދެ ފިލްމު މި އަހަރު ނުކުންނާނެ އެވެ. އެއީ "ލުކަ ޗުޕީ 2" އާއި "މެޓްރޯ އިން ދިނޯ" އެވެ.