Roadha Mihaaru
ޕޫޖާ އާއި ސުނިލް އެކުގައި ފިލްމެއް ކުޅެނީ

ޕޫޖާ އާއި ސުނިލް 27 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެނީ

13 މެއި 2024

ބޮލީވުޑްގެ ތަރިން ކަމަށްވާ ޕޫޖާ ބަޓް އާއި ސުނިލް ޝެޓީ 27 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ޕޫޖާ ބަޓް އާއި ސުނިލް ޝެޓީ 27 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.

ޕޫޖާ އާއި ސުނިލް އެކުގައި ފިލްމަކުން އެންމެފަހުން ފެނުނީ 1997 ގަ އެވެ. އެއީ އެ އަހަރު ގެނެސްދިން ފިލްމު "ބޯޑާ" އިންނެވެ. އެއީ އެ ދެމީހުން އެކުގައި ފެނުނު ހަމައެކަނި ފިލްމު ވެސް މެ އެވެ. އެކަމަކު އެ ފިލްމުގައި ވެސް އެމީހުން ކުޅުނީ ކޯ-ސްޓާރުންގެ ރޯލެއް ނޫނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޕޫޖާ އާއި ސުނިލް ދެން ފެންނާނީ އެކްޝަން ތުރިލާ ފިލްމަކުންނެވެ. ނަމަވެސް އެ ފިލްމުގެ ނަން އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އެ ފިލްމަކީ ލަޔަންސްގޭޓް އިންޑިއާ އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އެ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު، ޕޫޖާ ވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ އޭނާގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ޕޫޖާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގެ ކެޕްޝަންގައި ވަނީ ސުނިލްއާ އެކު މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށް ލިޔެފަ އެވެ.

ސުނިލް މިހާރު އާންމުކޮށް ފެންނަނީ ބައެއް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުންނެވެ. ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގައި އޭނާ ކުޅޭނީ ލީޑު ރޯލެވެ. އޭނާގެ އިތުރު ދެ ފިލްމެއް މިހާރު ވެސް އަންނަނީ ޝޫޓްކުރަމުންނެވެ. އެއީ "ހީރާ ޕޭރީ 3" އާއި "ވެލްކަމް ޓު ދަ ޖަންގަލް" އެވެ.

ޕޫޖާ ވެސް މިފަހުން ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭނާ އާންމުކޮށް ކުޅެނީ ވެބް ސީރީޒްތަކެވެ. އޭގެ ތެރޭގައި "ބޮންބޭ ބޭގަމްސް" އާއި "ބިގް ގާލްސް ޑޯންޓް ކްރައި" އަކީ ފާހަގަކޮށްލެވޭ ސީރީޒްތަކެވެ.

ސުނިލް އާއި ޕޫޖާ އެކުގައި ކުޅޭ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ނޭނގެ އެވެ.