Roadha Mihaaru
149 ކިލޯގެ ޑްރަގް: އަސްލު މަންޒަރު މާ ހުތުރު!

149 ކިލޯގެ ޑްރަގް: އަސްލު މަންޒަރު މާ ހުތުރު!

28 ނޮވެމްބަރ 2021

ގދ. ހުޅުވާރުލުގައި ފޮރުވާފައި ހުއްޓާ ފެނުނު 149 ކިލޯ ޑްރަގްސް މިހާރު ވެފައި ވަނީ ނުފެންނަ އެއްޗަކަށެވެ. ރާއްޖެ އަށް އެ ތަކެތި އެތެރެކުރި މީހުންނާއި ފަޅުރަށަށް އެ ގެންދިޔަ މީހުންނާއި އެކަމުގައި ޝާމިލުވާ އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގި މައްސަލައިގެ ފައިލް ބަންދުކޮށްލާފައި ތިބީ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ގދ. ހުޅުވާރުލުގައި ފޮރުވާފައި ހުއްޓާ ފެނުނު 149 ކިލޯ ޑްރަގްސް މިހާރު ވެފައި ވަނީ ނުފެންނަ އެއްޗަކަށެވެ. ރާއްޖެ އަށް އެ ތަކެތި އެތެރެކުރި މީހުންނާއި ފަޅުރަށަށް އެ ގެންދިޔަ މީހުންނާއި އެކަމުގައި ޝާމިލުވާ އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގި މައްސަލައިގެ ފައިލް ބަންދުކޮށްލާފައި ތިބީ އެވެ.

ޑްރަގްސް އެތެރެކުރިކަމާއި އެކަމުގައި އުޅުނު މީހުން ފާޅުކަން ބޮޑުކޮށް އެނގުނަސް "ކުށްވެރިވީ" މި ވާހަކަ ދެއްކި މީހުންނެވެ. ތަހުގީގު ކަމަކު ނުދިޔަ އެވެ. ދައުވާ އުފުލަންވީ ކޮން ކޯޓެއްގައި ކަމެއް ނޭނގި ދެ ކޯޓު ދޭތެރޭ ދުވަން ޖެހުނީ އެވެ. ދައުވާކުރަން އޮތް މުއްދަތު ވެސް ފަހަނަޅައި ދިޔައީ އެވެ. ހަތް ބަސްތާ ފުރާ ހުރި 149 ކިލޯ ޑްރަގްސް ވެސް "ގެއްލުނީ" އެވެ. އެންމެން މިނިވަންވީ އެވެ.

މި ހިނގި ކަންކަމުގެ ހުލާސާއަކީ މިއީ އެވެ؛

ދައުވާކުރުމުގެ މުއްދަތު ޖޫން 28، 2019 އަށް ހަމަވާން އޮއްވައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ އޭގެ ކުރީ ދުވަހު އެވެ. ކޯޓުން ޖޫން 30 ގައި އެންގީ ތަހުގީގު ފުރިހަމަނުވާ ކަމަށާއި އެ ކޯޓަށް މައްސަލަ ބެލުމުގެ އިހްތިސާސް ވެސް ނެތް ކަމަށާއި މައްސަލަ ބެލޭނީ ގދ. ގައްދޫ ކޯޓަށް ކަމަށެވެ. ރެޖިސްޓްރާގެ މި ނިންމުން މުރާޖައާކޮށްދޭން ޖުލައި ދެ ވަނަ ދުވަހު އެދުމުން ޖުލައި 31 ގައި އެންގީ އެ ނިންމުމަށް ބަދަލެއް ގެނެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނިންމަވާފައިވާ ކަމަށެވެ. އޭގެ ފަހުން ގައްދޫ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 10 ގައި ނިންމީ ދައުވާކުރުމަށް އޮންނަ މުއްދަތުގެ ފަހުން ހުށަހަޅާފައި ވާތީ މައްސަލަ ބާތިލްކުރާ ކަމަށެވެ.

ގާނޫނީ އެތައް ސަބަބުތަކާ އެކު ޕީޖީ ނިންމެވީ މި މައްސަލާގައި އިސްތިއުނާފަށް ވެސް ނުދާށެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހުސެން ޝަމީމް: ޑްރަގްގެ ބޮޑު މައްސަލަ އިބްތިދާއީ މަރުހަލާއިން ބޭރުކޮށްލުމުން އެ ނިންމުން އިސްތިއުނާފެއް ނުކުރޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕްރޮސިކިއުޓަ ޖެނެރަލް ހުސެން ޝަމީމް: ޑްރަގްގެ ބޮޑު މައްސަލަ އިބްތިދާއީ މަރުހަލާއިން ބޭރުކޮށްލުމުން އެ ނިންމުން އިސްތިއުނާފެއް ނުކުރޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މަސްތުވާތަކެއްޗަކީ މި ގައުމަށް ޖެހިފައި އޮތް އެންމެ ބޮޑު އެއް މުސީބާތަށް ވާތީ އެފަދަ ކަމެއްގައި ކުރި ދައުވާއެއް މިހާ ތާކުންތާކު ނުޖެހޭ ގޮތަކަށް ދިއުމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ޖޮއިންޓް ކޮމިޓީއަކުން ކުރި ދިރާސާ އަށް ފަހު ނެރުނު ރިޕޯޓުން ލިބެނީ ނާއުންމީދީ މެސެޖެކެވެ. - މި މައްސަލާގައި ކަން އޮތީ، މިއީ މިއީ މާބޮޑު ކަމެއްގެ ގޮތަކު ނޫން ކަމެވެ. މުޅި ރިޕޯޓް ކިޔާލުމުން ހީވީ، އެހާވަރުން ކީއްކުރަން ކުރާ ދައުވާއެއް ހެއްޔޭ ހިތަށް އަރާފައި ތިބިހެންނެވެ.

ވީ ގޮތާއި ކޮމިޓީ އަށް ފެނުނު މުހިންމު ކަންކަން

ރާއްޖޭން ބޭރުން ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ފުލުހުން އެތައް ދުވަހަކު ކަނޑުމަތީ ތިބެގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދުނީ ޑްރަގްސް ބަލައި ދިޔަ ލޯންޗު އެނބުރި އައިސް ބަނދަރުކުރުމުން އޭގައި ތިބި މީހުންނާ ސުވާލުކޮށް އެ މީހުންގެ ދިން މައުލޫމާތަށެވެ. އެ މީހުން ބުނީ ހުޅުވާރުލު ބޭރުގައި އޮތް ޑިންގީއެއްގައި ތިބި ބަޔަކާ ހަތް ގޯނި ޑްރަގްސް ހަވާލުކޮށްފައިވާނެ ކަމަށެވެ. ފުލުހުން ގޮސް އެ އެއްޗެހި ހޯދި އެވެ.

ގާނޫނީ މައްސަލަތަކުގެ ފެށުމަކީ ޑްރަގްސް ހޯދަން މައުލޫމާތު ދިން މީހުން ހައްޔަރު ނުކޮށް އެ މީހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ ބޭނުމުގައި އެ މީހުން ހައްޔަރު ނުކޮށް އެތައް ގަޑިއިރަކު ގެންގުޅެފައި ވުމެވެ. އަދި ތުހުމަތުކުރެވޭ ބައެއް މީހުންގެ ގެ ފާސްކުރި އިރު ކޯޓު އަމުރު ހޯދާފައި ނުވުން ހިމެނެ އެވެ. މި ކަންކަން މިހެން ދިމާވި ސަބަބުތައް ފުލުހުން ކޮމިޓީއާ ހިއްސާކޮށްފައިވެ އެވެ.

ދައުވާ ލިބޭ މީހުން އެ މީހުންގެ ތަހުގީގު ބަޔާންތަކުގައި ސޮއިކުރާނީ ވަކީލުންގެ ހާޒިރުގައި ކަމަށް ބުނެ، އަދި ވަކީލުންނަށް އެކަމުގައި ފުލުހުން ގުޅުމުން އެކި ސަބަބުތައް ދައްކައި ބަޔާންތަކުގައި ސޮއިނުކޮށް ދިގު ދަންމާފައިވެ އެވެ. އެންމެ ފަހުން ސޮއި ލިބުމުން އެއާ އެކު އަލުން ބަޔާން ފޮނުވާނެ ކަމަށް ބުނެ، ސޮއި ނުކޮށް ހުރި ބަޔާންތައް ދައުވާކުރަން ފޮނުވީ ތަހުގީގުގެ ރެކޯޑިންތަކާ ވެސް އެކުގަ އެވެ.

މި މައްސަލަތާ އެކު، ދެ ކޯޓު ދެމެދުގައި ހިނގަނިކޮށް މުއްދަތު ހަމަވީ އެވެ. އެކަމަކު މިއީ ދައުވާ ނުކޮށް މި ހިސާބުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށް ކޮމިޓީން ދެކޭ ސަބަބުތައް ގިނަ އެވެ.

241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ބައްދަލުކުރަނީ: މި ކޮމިޓީން ގަބޫލުކުރަނީ 149 ކިލޯގެ ޑްރަގް މައްސަލާގައި އަލުން ދައުވާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް. -- ފޮޓޯ: މަޖިލިސް

241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ބައްދަލުކުރަނީ: މި ކޮމިޓީން ގަބޫލުކުރަނީ 149 ކިލޯގެ ޑްރަގް މައްސަލާގައި އަލުން ދައުވާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް. -- ފޮޓޯ: މަޖިލިސް

- ފަޅުރަށުގައި ވަޅުލާފައިހުރި (މަސްތުވާ) ތަކެތި ދެއްކުމަށް ތުހުމަތުކުރެވޭ މީހުން ފުލުހުންނާ އެކު ގޮސް އުޅެފައިވަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައިކަން ފުލުހުން ބުނާކަން އަދި އެމީހުން ވެސް އެ ނޫން ގޮތަކަށް ނުބުނާކަން.

- މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން އަދި ގާނޫނީ އިންޒާރުދީ އިޖުރާއަތްތައް ފުރިހަމަކޮށް ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކޮށްފައިވާކަން.

- ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރި އިރު، ފުލުހުން އެއްވެސް އަނިޔާއެއް ކުރިކަމަށް ވެސް ނުވަތަ ބިރުދެއްކުމުގެ އަމަލެއް ކުރިކަމަށް ވެސް ނުވަތަ ގަދަބާރުން ނުވަތަ މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ކުރުވިކަމަކަށް ވެސް، އެއިން އެކަކު ވެސް ކޯޓުގައި ބުނެފައިވާކަން އެނގޭކަށް ނެތް.

- ތުހުމަތުކުރެވޭ މީހުންގެ ބަޔާންތައް ނަގާފައިވަނީ ވެސް ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރުމަށް ފަހު.

- މަސްތުވާ ތަކެތި ފުލުހުންނަށް ދައްކާފައިވަނީ ވެސް ތުހުމަތުކުރެވޭ މީހުން ފުލުހުންނާ އެކު ފަޅު ރަށަށް ގޮސްގެންކަން އެނގެން އޮތުމާއި އެތަކެތި އެމީހުން އަމިއްލައަށް ދައްކާފައިވާ ކަމާ މެދު އަދިވެސް އިންކާރުނުކުރުން.

- ތުހުމަތުކުރެވޭ ބައެއް މީހުން ތިބި ގެއަށް ފުލުހުން ގޮސް ވަދެފައިވަނީ އެ މީހުންގެ ހުއްދައާ އެކު ފުލުހުން ބުނާއިރު ތުހުމަތުކުރެވޭ މީހުން ބަންދު މަޖިލީހުގައި ވެސް އެކަމަށް އިންކާރު ނުކޮށް ތިބުމަށް ފަހު ހުއްދަ ނެތި ވަތް ކަމަށް ބުނަން ފެށީ ވަކީލުން އައްޔަންކުރި ފަހުންކަން. ވަކީލުން ވެސް ބޮޑަށް ފާހަގަކުރީ ގެޔަށް ވަންނަން ރުހުން ދިން ކަމުގެ ލިޔުމެއް ނޯންނާނެ ކަމަށް ބުނެ.

- ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހެއްކާއި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅިފައިވާ މިންވަރާ މެދު އެއްވެސް ސުވާލެއް އުފެދިފައިނުވާކަން.

ބޮޑު ކަމެއް މިހާ ފަސޭހައިން ދޫކޮށްލި ސަބަބަށް ދިން ޖަވާބު

ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވުމުން އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނުމުން އެކަމުގައި ކޮޅެއްމެދެއް ނުފެނި އެންމެ ފަހުން ގައްދޫ ކޯޓަށް ހުށަހެޅި އިރު ދައުވާކުރުމުގެ މުއްދަތު އޮތީ ހަމަވެފަ އެވެ.

ތުހުމަތުކުރެވޭ މީހުންގެ ވަކީލުން ގަސްތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ތަހުގީގުގެ ބައެއް ކަންކަން ފުރިހަމަކުރަން ހުރަސް އެޅުނު ކަމަށް ކޮމިޓީގެ ރިޕޯޓުން މާނަކުރެވެ އެވެ. ތަހުގީގު ފުރިހަމަ ނުވުމުން މިއީ ކޯޓުން މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލި އެއް ސަބަބު ވެސް މެ އެވެ. އެހެން އޮތް އިރު މި މައްސަލާގައި އަލުން ދައުވާ ނުކުރެވޭނެ ކަމަށް ފުލުހުންނާއި ޕީޖީން ދެކެނީ ގާނޫނީ ގޮތުން އެކަން އެގޮތަށް ކުރެވެން ނެތުމުން ކަމަށް ފުލުހުންނާއި ޕީޖީން ކޮމިޓީގައި ބުނެފައިވެ އެވެ.

އެކަމަކު މިއީ ކޮމިޓީން ގަބޫލުކުރާ އުޒުރެއް ނޫނެވެ.

އެންމެ ބޮޑު ސަބަބަކީ މިއީ ޝަރީއަތް ހިންގައި ހެކި ވަޒަންކުރުމަށް ފަހު ހުކުމެއް ކޮށްފައިވާ މައްސަލައަކަށް ނުވުމެވެ. މައްސަލަ ބޭރުކޮށްލީ އިބްތިދާއީ މަރުހަލާއިން ކަމަށް ވާއިރު، "އިބްތިދާއީ އަޑުއެހުމެއްގެ ތެރެއިން ދަޢުވާއެއް ބާތިލުކަމަށް ކޯޓުން ކަނޑައެޅުމަކީ އިތުރު ހެއްކާ އެކު، ނުވަތަ ދައުވާގެ ލިޔުމަށް ބަދަލުގެނެސް، ހަމަ އެ ދައުވާ އަލުން އުފުލުމަށް އޮތް ހުރަހެއް ނޫން" ކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ވެސް އެބަ އޮތްކަން ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"މި މައްސަލައަކީ ޝަރީއަތް ހިންގައި، ހެކި ވަޒަންކޮށް، ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ނެތްކަމަށް ނިންމައި، ތުހުމަތުކުރެވިފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ މައްސަލައެއް ނޫނެވެ. އެއާ ޚިލާފަށް މި މައްސަލަ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވަނީ، މިހިނދަށް އެ ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ބަޔާންކޮށް، އިބްތިދާއީ އަޑުއެހުމުގެ މަރުޙަލާގައި ދައުވާ ފޯމު ބާޠިލުކުރުމާއެކުއެވެ." ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން، އިބްތިދާއީ މަރުހަލާއިން ބޭރުކޮށްލާ މައްސަލަތަކުގައި އަލުން ދައުވާކުރުމަކީ "އަދުލުއިންސާފުގެ ހަރުދަނާ ނިޒާމުތައް ގާއިމުވެފައިވާ ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އާންމުކޮށް އަމަލުކުރެވެމުންދާ އުސޫލް" ކަމަށް ބަޔާންކޮށްފައިވެ އެވެ.

އަލުން ދައުވާ ނުކުރުމަށް ދައްކާ އަނެއް ސަބަބަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކި ހުރުން ކަމަށް ބުނާތީ އެކަމަށް ވެސް ކޮމިޓީން ޖަވާބު ދީފައިވެ އެވެ.

"ގިނަ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ހެއްކެއް، ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިނުގަންނަ އިސްތިސްނާ ހާލަތްތަކެއް ވީނަމަވެސް، ކޯޓަށް ބަލައިގަނެވޭ، މައްސަލައާ ގުޅުންހުރި އަދި އެ މައްސަލައަކަށް މުހިންމުވާ އަދި ހެއްކެއްގެ ގޮތުގައި އިތުބާރުހިފޭ، ކޮންމެ ހެއްކަކީ ހެއްކެއްކަމަށް ބަލައިގަންނަމުން ދިއުމަކީ އާންމު އުސޫލެކެވެ. އަދި އެއީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއްކަމުގައި ވީނަމަވެސްމެއެވެ." އެކި ގައުމުތަކުން މިސާލު ދައްކަމުން ކޮމިޓީން ބުނެފައިވެ އެވެ.

އިނގިރޭސި ވިލާތުގެ މިސާލުގައި ބުނެފައިވަނީ ގާނޫނާ ޚިލާފަށް ހެކި ހޯދުމުގެ ސަބަބުން އެ ހެއްކެއް، ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައިނުގަންނަ އާންމު ހާލަތްތަކަކީ، އެ ހެކި ހޯދުމުގައި އަމަލުކުރި ގޮތުން އެ ހެކީގެ ރިލަޔަބިލިޓީ ނުވަތަ އިތުބާރަށް ނުރަނގަޅު އަސަރުކޮށްފައިވާ ނުވަތަ އެއްވެސް ހަމައެއް ނެތްކަމަށް ބެލެވޭ ހާލަތް ކަމަށެވެ. ނުވަތަ އިއުތިރާފެއްކަމަށް ބެލެވިދާނޭ ފަދަ ހެއްކެއް މަކަރުވެރިކޮށް އޮޅުވާލުމެއްގެ ތެރެއިން ހޯދައިގެން އެ މީހަކާ ދެކޮޅަށް އެ އެއްޗެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރުމާއި އޮޕްރެސްކޮށްގެންނާއި، ފޯލްސް ރެޕްރެޒެންޓޭޝަންސްގެ ތެރެއިންނާއި ބިރުދައްކައިގެންނާއި ނުވަތަ ރިޝްވަތުދީގެން ހެކި ހޯދުން ކަމަށެވެ.

އިބްތިދާއީ މަރުހަލާއިން ބޭރުކޮށްލާ މައްސަލަތަކުގައި އަލުން ދައުވާކުރުމަކީ އަދުލުއިންސާފުގެ ހަރުދަނާ ނިޒާމުތައް ގާއިމުވެފައިވާ ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އާންމުކޮށް އަމަލުކުރެވެމުންދާ އުސޫލް: ރިޕޯޓް

އިންޑިއާގައި، މައްސަލައާ ގުޅުންވާ ނަމަ ނުވަތަ ހެކީގެ ސައްހަކަން އޮތް ނަމަ، ގާނޫނާ ޚިލާފަށް ބަލައިފާސްކުރުމުގެ ތެރެއިން ހެކި ހޯދި ނަމަވެސް އެ ހެއްކެއް، ހެއްކެއްގެ ގޮތުގައި ބަލައިގަންނަމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަ އެގޮތަށް އެމެެރިކާ އިން ވެސް މިސާލު ދައްކަމުން ރާއްޖޭގައި ސުޕްރީމް ކޯޓާއި ހައި ކޯޓުން ނިންމާފައިވާ ބައެއް ނިންމުތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމެއްގައިވާ ގޮތުން؛

- އިޖުރާއަތާބެހޭ ގާނޫނެއްގައި ކަނޑައެޅިފައިވާ އުސޫލީކަމަކާ ޚިލާފުވުމުން ނުވަތަ އެ އިޖުރާއަތު އެއްވެސް މިންވަރަކަށް ނުހިންގައި މުޅި އެ އިޖުރާއަތު ބޮލާލައި ޖެހުމުން މެނުވީ، މުޅި އެ ޢަމަލު ޣައިރު ގާނޫނީ އަމަލަކަށް ވެގެން ނުދާނެ.

- ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާތިލުވުންކަމުގައި ނުވަތަ ބަންދުގައި ހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމައުގެ ހައްގަށް ނުބައި އަސަރުތަކެއް ކުރާނޭ ކަމެއް.

- އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ގަސްތުގައި، އިޖުރާއަތާ އެއްގޮތަށް ކުރަންޖެހޭކަމެއް އެ ނޫން ގޮތަކަށް ކުރުމުގެ ސަބަބުން، މީހަކު ކުށްކުރިކަން ޔަގީންވާ ހާލަތުގައި ވެސް އެފަދަ އިޖުރާއީ އުނިކަމަކާ ހުރެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުށްވެރިން ވީއްލިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލެއް ނުކުރެވޭ.

މައްސަލައެއްގެ މައުލޫއަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއްކުރާނެ ބާވަތުގެ އިޖުރާއީޚިލާފުވުންތަކާއި އަސަރެއްނުކުރާނެ ބާވަތުގެ އިޖުރާއީ ޚިލާފުވުންތައް ހުންނަކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވާކަން ފާހަގަކުރުމާ އެކު ހައި ކޯޓުން ނިންމާފައިވާ މައްސަލަތަކާއި އެހެން ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކެއް ވެސް ރިޕޯޓްގައި ވަނީ ހިމަނައިފަ އެވެ.

އިޖުރާއީ ކަންކަމާ ހެދި ބޭރުކޮށްފައިވާ ބޮޑެތި މައްސަލަތައް މުރާޖައާކުރަންޖެހޭ

މި ކަންކަމަށް ބަލައި މަޖިލީހުގެ ކޮމިޓީން ބުނެފައި ވަނީ ޑިމޮކްރަޓިކް މުޖުތަމައުތަކާއި އަދި ރާއްޖޭގައި މަތީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު "މި މައްސަލައިގެ މުޅި ތަހުގީގު އޭގެ ޒާތުގައި ބާތިލުކަމަށް ބަލައި، އަދި ތުހުމަތުކުރެވޭ މީހުން އަމިއްލައަށް ގޮސް ދައްކާފައިވާ، އެ މީހުން ފަޅުރަށުގައި ވަޅުލާފައިވާ 149 ކިލޯގެ މަސްތުވާތަކެއްޗަކީ ކޯޓަށް ބަލައިގަނެވޭނެ ހެކި ނޫންކަމަށް ކަނޑައެޅުމުގެ ގާނޫނީ ހަމައެއް ނެތް" ކަމަށެވެ. އަދި ޖިނާއީ މިފަދަ ބޮޑު މައްސަލައެއްގައި އާންމު މަސްލަހަތުގައި އަލުން ދައުވާނުކޮށް ދޫކޮށްލެވިގެންނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިއީ އަލުން މުރާޖައާކޮށް ދައުވާކުރެވިދާނެ މައްސަލައެއް ކަމުގައި ދެކޭ ކަމަށް ނިންމައި އެގޮތަށް އަމަލުކޮށްދިނުމަށް ޕީޖީގައި އެދެން ނިންމި އިރު ފުލުހުންނާއި ޕީޖީގެ ޕްރޮސިކިއުޓަރުންނާ ގުޅޭ ގޮތުން އުފެދުނު ސުވާލުތަކަށް ޖަވާބެއް ހޯދަން ވެސް ވަނީ ހުށަހަޅައިފަ އެވެ. ޖިނާއީ އިޖުރާއަތާއި ފުލުހުންގެ ޕްރޮޓޮކޯލްތަކާއި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާތަކާ ހިލާފުވެފައި ވޭތޯ އާއި އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ގަސްދުގައި ޚިލާފުވެފައިވޭތޯ ދެނެގަނެ، އެފަދައިން ޚިލާފުވެފައިވާ ފުލުހަކު ހުރި ނަމަ ފިޔަވަޅު އެޅުމަށް ފެންނަކަމަށް ފުލުހުންގެ ޚިދުމަތުގައި އެދެން ހުށަހެޅި އެވެ. އަދި ހަމަ މިގޮތަށް ޕްރޮސިކިއުޓަރުންގެ މެދުގައި ކަން ހިނގި ގޮތް ބަލައި އަމަލުކުރުމަށް ޕީޖީ އޮފީހުގައި އެދެން ވެސް ހުށަހެޅި އެވެ.

މި މައްސަލައިގެ އިތުރުން ވެސް ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތަކުގައި، އިޖުރާއީ ނުކުތާ އަކާ ހުރެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގެ ނިންމުންތަކުން ކޯޓުން ބޭރުކޮށްލާފައިވާ އެހެން މައްސަލަތަކުގެ ތެރެއިން އަލުން ކޯޓަކަށް ހުށަހެޅިފައިނުވާ މައްސަލަތައް މުރާޖަޢާކުރެއްވުމަށް ފެންނަ ކަމަށާއި އަލުން ދައުވާކުރެއްވުމާ މެދު ގޮތް ނިންމެވުމަށް ފެންނަ ކަމަށް ޕީޖީ އަށް ދަންނަވަން ވަނީ ކޮމިޓީން ނިންމައިފަ އެވެ.