Roadha Mihaaru
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް

މަސްތުވާތަކެޗާއެކު ހައްޔަރުކުރާ މީހުން ދޫވާތީ މަޖިލީހަށް ކުއްލި މައްސަލައެއް

19 އޮކްޓޯބަރ 2021

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ އަދި ކޯޓު މަރުހަލާގެ ތެރެއިން މިނިވަން ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ އަދި ކޯޓު މަރުހަލާގެ ތެރެއިން މިނިވަން ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަހުގީގީ މަރުހަލާ އާއި ކޯޓު މަރުހަލާގެ ތެރެއިން މިނިވަންވެ، އެފަދަ މީހުންނާ މެދު ފިޔަވަޅު ނޭޅި މުޖުތަމައުގެ ތެރެއަށް ދޫވަމުންދާ ކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ރާއްޖެ އިން ބޭރަށް ފުރައިގެންދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އާދަމް ޝަރީފު ވިދާޅުވި އެވެ.

އެފަދަ މީހުން ދުނިޔޭގައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިކުރާ ނެޓްވޯކުތަކާ ގުޅިގެން، ބޮޑެތި އަަދަދުތަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ވަރު އިތުރުވެ، އޭގެ ހަބަކަށް ރާއްޖެ ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރައްިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަދައްކަވަނީ. މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުންނަށް ފިޔަވަޅު ނާޅައި މިނިވަންވާތީ އޭނާ ކަންބޮޑުވުން ފާޅުކުރި. ފޮޓޯ: މަޖިލިސް

ރައްިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަދައްކަވަނީ. މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުންނަށް ފިޔަވަޅު ނާޅައި މިނިވަންވާތީ އޭނާ ކަންބޮޑުވުން ފާޅުކުރި. ފޮޓޯ: މަޖިލިސް

އާދަމް ޝަރީފު ވިދާޅުވިގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުން، ކަންބޮޑުވާ ވަރަށް އިތުރުވެ މަގުމަތީގައި ހިނގައިބިނގާވެ އުޅުމަށް ބިރު ގަންނަ ހިސާބަށް މަގުތަކާއި ގޯޅިތަކުގައި އެ ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެ ޒުވާން ޖީލުތައް ހަލާކުވެ، މުޖްތަމައުގެ ތެރޭގައި ބިރުވެރިކަން ވަނީ އުފެދިފަ އެވެ.

"ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކަމުން ދަނީ މުޅި ދައުލަތް ބައިވެރިވެގެން ހިންގާ، ސްޓޭޓް ސްޕޮންސާޑް ވިޔަފާރިއެއް ގޮތުގައި ކަަމަށް ބެލެވޭ މިންވަރަށް އެ ކަމަށް [މަސްތުވާތަކެތީގެ ވިޔަފާރި އަށް] ވާގިވެރިވޭ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ މަސްތުވާތަކެތި އެތެރެކުރާ ބައެއް މީހުންނާ މެދު ފިޔަވަޅު ނާޅާއި ފާޅުކަން ބޮޑު ގޮތެއްގައި ދޫވަމުންދާތީ އާއި މީހުން ކޯޓު މަރުހަލާ އިން ދޫވާ މައްސަލަ އިސްތިއުނާފު ނުކުރާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށައިފަ އެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން މިނިވަންވާ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މި ވަނީ މި ފަހުން ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެ މައްސަލައިގައި ހިމެނޭ އިސް ދެ މީހުން ދޫވުމާއެކު، ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާއިރު، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.