Roadha Mihaaru
ވަގުތީ ހިޔާގައި ތިބީ ފަސް މީހުން: އެންޑީއެމްސީ

ވަގުތީ ހިޔާގައި މިވަގުތު ތިބީ ފަސް މީހުން: އެންޑީއެމްސީ

10 ޑިސެމްބަރ 2016

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން، މިވަގުުތު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑްގެ ގުދަނުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން، މިވަގުުތު ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ ފަސް މީހުންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގައި ދެ ގެއަކުން މީހުން ހުސްކުރި އެވެ. އަދި އެވަގުތުން ފެށިގެން 24 މީހަކަށް އެ ސެންޓަރުން ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. ނަމަވެސް އޭގެ ތެރެއިން މިވަގުތު ވަގުތީ ހިޔާގައި ތިބީ ފަސް މީހުންނެވެ.

ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، އެ ސެންޓަރުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަނީ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު މއ. ލަކީވިއުގޭގެ ފަސް މީހުންނަށް ކަމަށެވެ.

"ލަކީވިއުގެ ތިން ބައިގެ ފަސް މީހުންނަށް މިހާރު މި އެހީތެރިކަން ފޯރުކޮށްދެނީ. އެ ގެއަކީ އަލިފާނުގެ ހާދިސާގައި އެންމެ ގެއްލުން ލިބުނު އެއް ތަން،" އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި ބްރަދަހުޑް ގުރޫޕްގެ ގުދަން ވަނީ އަނދައި ހުލިިވެފަ އެވެ. ދަގަނޑާއި ދަގަނޑު ޓިނުން ފަސް ބުރިއަށް ހަދާފައި ހުރި ގުދަނުގައި ސާޅީހަކަށް މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް، ކުންފުނީގެ އޮފިޝަލަކު ކުރިން ބުންޏެވެ. ބްރަދަހުޑްގެ ގުދަނުގެ އިތުރުން އެތަނާ ކައިރީގައި ހުރި އެމްއެސް ކާޕެންޓްރީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ކޮންސްޓްރަކްޝަން މަސައްކަތާއި ވަޑާމުގެ މަސައްކަތްތައް ކުރަން ބޭނުންކުރާ ބޮޑެތި މެޝިންތައް ވެސް ވަނީ މި ހާދިސާގެ ސަބަބުން އެއްކޮށް އަނދައި ހުލިވެފަ އެވެ. އެ ކުންފުނިން އަންދާޒާކުރާގޮތުގައި 18 މިލިއަނެއްހާ ރުފިޔާ ގެއްލުން ލިބޭނެ އެވެ.