Roadha Mihaaru
ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!

ބަދަލު ހޯދައިދެވޭނީ އިންޝުއާ ކުރުވައިގެން!

26 ސެޕްޓެމްބަރ 2019

ހ. ތިލަފުށީ ގޭގައި ހުރި ގުދަނުގައި ރޯވެ، މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީގެ ގޮތުގައި ދޭނީ ލިބުނު ގެއްލުމުގެ 20 ޕަސެންޓް ކަމަށް ސަރުކާރުން ބުނުމާ އެކު އާއްމުންގެ މެދުގައި ބޮޑު ބަހުސެއް ފެށިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހ. ތިލަފުށީ ގޭގައި ހުރި ގުދަނުގައި ރޯވެ، މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީގެ ގޮތުގައި ދޭނީ ލިބުނު ގެއްލުމުގެ 20 ޕަސެންޓް ކަމަށް ސަރުކާރުން ބުނުމާ އެކު އާއްމުންގެ މެދުގައި ބޮޑު ބަހުސެއް ފެށިއްޖެ އެވެ.

އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ހާދިސާގައި، ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. ހާލުގައި ޖެހުނު މީހުންގެ ތެރެއިން މިހާރު ވަގުތީ ހިޔާތަކުގައި ތިބީ 52 ގެއެއްގެ 300 މީހުންނެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ފަދަ އެހެން ހާދިސާތަކުގައި ވެސް ގެއްލުން ލިބޭ މީހުންނަށް މާލީ އެހީގެ ގޮތުގައި ސަރުކާރުން އަބަދު ވެސް ދެނީ ގެއްލުމުގެ 20 ޕަސެންޓް ކަމަށެވެ. އެހެންވެ، މި ފަހަރު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އުމަރު ފިކުރީ ކުރިން ވިދާޅުވި އެވެ. ގެއްލުމުގެ ބަދަލަށް، ބަދަލު ދައުލަތުން ނުދޭނެ ކަމަށާއި އެއީ އެ މީހުންގެ އެ ހާލަތުން އަރައިގަތުމަށް ދޭ އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެެ.

އަލިފާނުގެ ހާދިސާގައި މިގޮތަށް އަމަލުކުރަން ސަރުކާރުން ނިންމި އިރު ބައެއް ކުންފުނިތަކުން ގަސްދުގައި މީހުންނަށް އޮޅުވާލައި ލަނޑުދިން ހާލަތްތަކުގައި ސަރުކާރުން ވަނީ ގެއްލުން ލިބުނު މީހުންނަށް ފުރިހަމަ ބަދަލެއް ދީފަ އެވެ. މީގެ މިސާލަކީ ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓްތަކެއް އަޅަން ހަވާލުވެ، މީހުން އަތުން ފައިސާ ނެގުމަށް ފަހު އެ މަސައްކަތް ނުކުރި، ސީލައިފްގެ މައްސަލަ އެވެ. ސީ ލައިފަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުން މިހާރު ވަނީ ބަދަލު ދީފަ އެވެ.

ސަރުކާރުން އޭރު ބުނީ އެ މީހުންނަށް ބަދަލު ދެނީ ޕާފޯމެންސް ސެކިއުރިޓީގެ ގޮތުގައި ސީލައިފުން އެޗްޑީސީ އަށް ދައްކާފައިވާ ފައިސާއިން ކަމަށެވެ. އެކަމަކު އެ މީހުންނަށް ސަރުކާރުން ވަނީ އެއަށް ވުރެ އިތުރަށް ވެސް އެހީވާން ނިންމައިފަ އެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ދެ އަހަރުގެ ތެރޭގައި އެ މީހުންނަށް ފްލެޓް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ސީލައިފްގެ އޮޅުވައިލުމުގެ ގެއްލުން ލިބުނު މީހުންނަށް މިވަރުގެ އެހީތެރިކަމެއް ސަރުކާރުން ދިން އިރު އެމީހުންނަކީ ކުއްލިއަކަށް ގެދޮރު ގެއްލި ހާލުގައި ޖެހުނު ބައެއް ނޫނެވެ. އެކަަމަކު އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުން ލިބުނު މީހުންގެ މުޅި ދިރިއުޅުން އެވަނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގެއްލިފަ އެވެ. އަނދައިގެން ދިޔައީ އޭގެ ތެރެއިން ބައެއް މީހުން އުމުރު ދުވަހު ކުރި މަސައްކަތުން އަޅާފައިވާ ގެދޮރެވެ.

އެހީގެ ގޮތުގައި 20 ޕަސެންޓް ދޭން ސަރުކާރުން ނިންމުމުން މި ދެކަންތައް އަޅާ ކިޔާ މީހުންގެ ވާހަކައަކީ މި އެވެ.

ގުދުރަތީ ގޮތުން ދިމާވި ބޮޑެތި ހާދިސާތަކުގައި ސަރުކާރުން މީގެ ކުރިން ވަނީ ބޯހިޔާވަހިކަން ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ދީފަ އެވެ. އެގޮތުން ސުނާމީގައި ގެދޮރު ގެއްލުނު އެންމެނަށް ގެދޮރު އަޅައިދިނެވެ.

އަލިފާނުގެ ހާދިސާތަކާއި މީހުންގެ އިހުމާލުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ސަރުކާރުން އެޅިދާނެ ރަނގަޅު ފިޔަވަޅުތައް އެބަހުއްޓެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެ އިންތިޒާމް ހަމަަޖައްސަނީ ތާޑްޕާޓީ އިންޝުއަރެންސްގެ ތެރެއިންނެވެ. އެގޮތުން ހާދިސާއެއް ހިނގުމުގެ ބޮޑު މަސައްކަތްތައް ކުރާ ތަންތަން ތާޑް ޕާޓީ އިންޝުއަރެންސް ޕޮލިސީއެއް ނަގަން ސަރުކާރަށް ލާޒިމު ކުރެވިދާނެ އެވެ.

އަލިފާނުގެ ބޮޑު ހާދިސާގައި ރޯވި ގުދަނަކީ ތާޑްޕާޓީ އިންޝުއަރެންސް ކޮށްފައިވާ ތަނަކަށް ވީ ނަމަ، އެހާދިސާގެ ސަބަބުން އެނދި ގެތަކަަކަށް އިންޝުއަރެންސް ކުންފުނިން ބަދަލުދޭނެ އެވެ.

ވިޔަފާރިވެރިޔާ މައްލާ އަހުމަދު ނާސިރު ވިދާޅުވަނީ އަގުބޮޑު އިމާރާތްތައް އިންޝުއަރެންސް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭނާ އެކަން ފަރުވާތެރި ކަމާ އެކީ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުދާ ކުރިން ވެސް އެބަހުރި އަނދާފައި. އެކަމަކު އެ ހުރިހާ ތަންތަން ވެސް ހުރީ އިންޝުއާ ކޮށްފައި ކަމަށް ވާތީ ގެއްލުން ކުޑަ ކުރެވުނު،" ކުރިން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދައިދޭން ބޭނުންވާ ނަމަ "ބޮޑެތި އިންވެސްޓްމެންޓްތައް އިންުޝުއާ ކުރަން ޝައުގުވެރި ކުރުވަން ޖެހޭ" ކަމަށެވެ. އިންޝުއާ ކުރަން މަޖުބޫރު ކުރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ކުރެވިދާނެ ކަމެކެވެ.

"އަލިފާނާއި ގުުދުރަތީ ކާރިސާތަކުން ލިބޭ ބޮޑެތި ގެއްލުމުން އަރައިގަނެ، މީހުންނަށް ދިރިއުޅުމެއް ހޯދައިދޭން ބޭނުން ނަމަ، ކޮށްފައި ހުރި ބޮޑެތި އިންވެސްޓްމެންޓްތައް އިންޝުއާ ކުރަން ޝައުގުވެރިކުރުވަން ޖެހޭ. ނުވަތަ މަޖުބޫރު ކުރަން ޖެހޭ. އަމުދުން ކުއްޔަށް ދޭން ޖެހޭނީ އިންޝުއާ ކޮށްފައި،" އޭނާ ވިދާޅުވި އެވެ.