Roadha Mihaaru
ހިޔާ ފްލެޓުތަކަށް ކުނީގެ ބިލްކުރަން އަންނަ ޖެނުއަރީގައި

ހިޔާ ފްލެޓުތަކަށް ކުނީގެ ބިލްކުރަން އަންނަ ޖެނުއަރީގައި

30 ނޮވެމްބަރ 2021

ހިޔާ ފްލެޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް ބިލްކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށް ވެމްކޯއިން ބުނެފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިޔާ ފްލެޓުތަކުން ކުނި އުކާލުމުގެ ހިދުމަތަށް ބިލްކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ކަމަށް ވެމްކޯއިން ބުނެފި އެވެ.

ހިޔާ ފްލެޓުތަކުން ކުނި އުކާލުމަށް އެދި ރެޖިސްޓާ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ހިދުމަތުގެ ފޯމުގައި ކުރިން ބުނެފައި ވަނީ މި މަހުން ފެށިގެން ކުނި އުކާލުމުގެ ހިދުމަތަށް ބިލްކުރަން ފަށާނެ ކަމަށެވެ.

އެކަމަކު ވެމްކޯއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފޭސް ދޭއްގައި ރައްޔިތުން އާބާދުވާ ވަރަށް ބަލައި، އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިޔާ ފްލެޓްގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ކޯޕަރޭޝަނުން ބިލް ކުރަން ފެށުމަށް ހަމަޖެހިފައިވާ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ އެކަކަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

ހިޔާ ފްލެޓުތައް ކައިރީ ހުންނަ ކުނި ގިނަވެ، މުޅި އެ ސަރަހައްދުގައި ކުނީގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ވެމްކޯއިން އެ ސަރަހައްދުން ކުނި ނަގަން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ.

ކުނި ނެގުމަށް ބިލްކުރުން ފަސްކުރަން ވެމްކޯއިން ނިންމި ނަމަވެސް ހިޔާ ޓަވަރުތަކުގެ 3،500-4،000 ދެމެދުގެ ފްލެޓަކަށް އެމްޑަބްލިއުއެސްއީން މިހާރު ވަނީ ފެން ބިލު ފޮނުވަން ފަށައިފަ އެވެ. އަދި ހިޔާ ޓަވަރުތަކުގެ ފިނިޝިން ޕީރިއަޑަށް ދީފައިވާ ގްރޭސް ޕީރިއަޑް ނިމި، ކުލި ނަގަން ފަށަން ނިންމާފައި ވަނީ ވެސް އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.