Roadha Mihaaru
އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި

އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި

02 ޑިސެމްބަރ 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއްކޮށް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ނިންމާފައި ވަނިކޮށް، ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންގެ ޕާފޯމަންސް އޮޑިޓެއްކޮށް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ނިންމާފައި ވަނިކޮށް، ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ "މިހާރު"އަށް ވިދާޅުވީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުއްވާފައިވާ ކަމަށެވެ.

އޭސީސީގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރަކު އޭނާގެ މެންބަރުކަމުގެ އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަނުގެ މެންބަރުކަމުން ވަކިވީ އެވެ.

އޭސީސީން ވަކިވެވަޑައިގަންނަވަނީ، އަޝްރަފް ވިދާޅުވި ގޮތުގައި، އެތަނުގެ އެއްވެސް މައްސަލައެއް އޮވެގެން ނޫނެވެ. އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށާއި އޭނާ އިސްތިއުފާއާ މަޖިލީސް ކޮމިޓީގައި ހިނގަމުންދާ މައްސަލައަކާ ވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ މިހާރު، މި ވަގުތަށް ބޭނުންވީ އަމިއްލަ ސަބަބުތަކަކަށްޓަކައި ވަކިވާން،" އޭނާ ވިދާޅުވި އެވެ.

އޭސީސީން އަޝްރަފް ވަކިވެވަޑައިގަންނަވާ އިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނިންމުމަކީ ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ މަސައްކަތާ ގުޅޭ އޮޑިޓަކަށް ފަހު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. އެ މަރުހަލާ ކުރިއަށް ގެންދަން މެމްބަރުން ކޮމިޓީއަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އޭސީސީން މިިދިޔަ މާޗު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސީސީން މިިދިޔަ މާޗު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިގޮތަށް ނިންމީ އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާ އެކު، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އޭސީސީން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައިދީފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑު އަވަސްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

މި ވެރިިކަމުގައި އޭސީސީއަށް އައްޔަންކުރި މެމްބަރުންނަށް މައްސަލަތައް ނުބެލޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮތް އިރު ކުރީގެ ސަރުކާރުގައި އެެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ އޭސީސީ ނުފޫޒެއްގެ ދަށުވެފައި އޮތުމެވެ.