Roadha Mihaaru
އޭސީސީން ސުވާލުކުރާތީ މިނިސްޓަރު ސަމީރު ޝަކުވާކުރެއްވި

ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރާތީ ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު ނުރުހުން ފާޅުކުރެއްވި: އޭސީސީ

21 އޮކްޓޯބަރ 2019

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރަން އުޅުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ގުޅުއްވައި ނުރުހުން ފާޅުކުރެއްވި ކަމަށް އެ ކޮމިޝަނުގެ އާ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކާ ސުވާލުކުރަން އުޅުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ގުޅުއްވައި ނުރުހުން ފާޅުކުރެއްވި ކަމަށް އެ ކޮމިޝަނުގެ އާ ރައީސް މަރިޔަމް ޝިއުނާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޝިއުނާ ވިދާޅުވީ، ސަމީރު ގުޅުއްވީ ސަމީރާ ގުޅުމެއް ނެތް ކަމެއްގައި ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ ވަކި ގޮތަކަށް ކަމެއް ކުރުވަންކަން ވާހަކަ ދެއްކެވި ގޮތުން އެނގި ވަޑައިގެންނެވި ކަމަށެވެ. "ރައީސް އޮފީހުގެ މިނިސްޓަރަކު އެބޭފުޅާއާ ގުޅުން ނެތް ކަމެއްގައި އަޅުގަނޑަށް ގުޅާފައި ވާހަކަ ދެއްކެވި ގޮތުން އަޅުގަނޑަށް އެ ވަގުތު މާނަ ކުރެވުނު އަސްލުގައި އެ ވާހަކަ ދެއްކެވެނީ އަަޅުގަނޑު ލައްވައި ވަކި ގޮތަކަށް ކަމެއް ކުރަން ކަން. އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އަޅުގަނޑު ނަން ވެސް ބުނެލާނަން،" ޝިއުނާ ވިދާޅުވި އެވެ. މައްސަލައާ ގުޅިގެން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ވެސް ކުރުވަފާނެ ކަމަށް ވިދާޅުވެ ސަމީރު ވާހަކަ ދެއްކެވި ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެކަމާ ހިތްހަމަ ޖެހިވަޑައިނުގެން އޭސީސީގެ އެހެން މެމްބަރުންނާ ވެސް އެ ވާހަކަ އެ ދުވަހު ހިއްސާކުރެއްވި ކަމަށް ޝިއުނާ ވިދާޅުވި އެވެ. ސަމީރު ހިތްހަމަނުޖެހުން ފާޅުކުރެއްވީ ކޮން މައްސަލައަކާ ގުޅިގެންތޯ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ، އެއީ ސްޓޭޓް މިނިސްޓަރަކާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތް ޝަކުވާއެއްގައި އެ ސްޓޭޓް މިނިސްޓަރު ކޮމިޝަނަށް ހާޒިރު ކުރާތީ ކަމަށެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި، ސްޓޭޓް މިނިސްޓަރު އެގޮތަށް ހާޒިރުކުރުން ހުތުރު ކަމަށް ސަމީރު ވިދާޅުވި އެވެ. އެހެންވެ، އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިޓި އަށް ވެސް ހާޒިރު ކުރުވަފާނެ ކަމަށް ސަމީރުއާ ހަވާލާ ދެއްވައި ޝިއުނާ ވިދާޅުވި އެވެ. ސްޓޭޓް މިނިސްޓަރު ހާޒިރުކުރާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އަންގަވާނެ ކަމަށާއި އީވާ އަށް އެންގުމުން ކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށް ސަމީރު ވިދާޅުވި ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ޝިއުނާ، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭސީސީގެ ރައީސް ޝިއުނާ، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ސްޓޭޓް މިނިސްޓަރަކާ ގުޅޭ ޝަކުވާއެއް ހުށަހެޅިގެން. ދެން އަޅުގަނޑުމެން އޭސީސީ އަށް ހާޒިރުވާން އެންގީމާ ހިތްހަމަ ނުޖެހިގެން އަސްލު މި އުޅެނީ. ދެން އަޅުގަނޑު ކައިރީގައި އެހެން ބުނެވިގެން ވެސް ނުވާނެ އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީ އަށް ހާޒިރު ކުރުވާނެ ކަމަށް ބުނުމަކީ ބިރުދެއްކުން ކަމަށް ބެލިދާނެ ކަމަށާއި ހާރިޒު ކުރުވިޔަސް މައްސަލައެއް ނެތް ކަމަށާއި ޖަވާބުދާރީ ވާނެ ކަމަށް ވެސް ސަމީރަށް ދެންނެވި ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރު އިބްރާހީމް ޝަކީލް ކޮމިޓީގައި ވިދާޅުވީ، ސަމީރު ގުޅުއްވީ ސްޓޭޓް މިނިސްޓަރު ހާޒިރު ކުރަން އޮތް ގަޑި ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށާއި އޭނާ ގުޅުއްވި ނަމަވެސް ސްޓޭޓް މިނިސްޓަރު ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

އޭސީސީގެ އާ ރައީސް ޝިއުނާ (ވ) އަދި ނައިބު ރައީސް އަނޫލާ، އެ ބޭފުޅުންގެ ފުރަތަމަ ނިއުސް ބްރީފިންގައި މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭސީސީގެ އާ ރައީސް ޝިއުނާ (ވ) އަދި ނައިބު ރައީސް އަނޫލާ، އެ ބޭފުޅުންގެ ފުރަތަމަ ނިއުސް ބްރީފިންގައި މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވި ގޮތުގައި އޭސީސީގެ ރައީސް ޝިއުނާ ދެއްކެވީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ވާހަކަަ އެކެވެ. އެހެންވެ، ކޮމިޓީން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ކޮމިޓީގައި އެކަމާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭސީސީން އޭރު ބަލަމުން ދިޔައީ ކޮން ސްޓޭޓް މިނިސްޓަރަކާ ގުޅޭ މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެއީ ތިޔަ ކޮމިޝަން އުފެދިގެން މިހާ ޅަފަތުގައި ކޮމިޝަނާ ދިމާލަށް ތިޔަ ކަހަލަ ގޮތަކަށް އަމާޒުވެގެން ކަންކަން އައުމަކީ އަޅުގަނޑުމެންނަކަށް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ކަންކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަމުން މި ގެންދަނީ. އާ ކޮމިޝަނެއް އައުމާ އެކީގައި އަަޅުގަނޑުމެން މިތިބެނީ ވަރަށް ބޮޑަށް ހަމަ އުއްމީދު އާލާވެފައި ރާއްޖޭން ކޮރަޕްޝަން ހުއްޓުވުމުގައި ތިޔަ ބޭފުޅުންގެ ފަރާތުން ހަަމަ ނަމޫނާ މަސަައްކަތްތަކެއް ފެނިގެން ދާނެ ކަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.

އޭސީސީގެ އާ ރައީސް ޝިއުނާ، މަޖިލީހުގެ ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަތައް ބައްލަވާނެ ކަމަށް ރޮޒައިނާ ވިދާޅުވި.---ފޮޓޯ: މިހާރު

އޭސީސީގެ އާ ރައީސް ޝިއުނާ، މަޖިލީހުގެ ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަތައް ބައްލަވާނެ ކަމަށް ރޮޒައިނާ ވިދާޅުވި.---ފޮޓޯ: މިހާރު

ރޮޒައިނާ ވިދާޅުވީ ޝިއުނާ ދެއްކެވި ވާހަކަތައް ރައީސް އޮފީހާ ވެސް ހިއްސާ ކުރައްވާނެ ކަމަށެވެ. ވަކި ބޭފުޅެއްގެ މައްސަލަ ބަލާތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސަކަށް ވެވަޑައިގެންނެވި ފަހުން ތަންތަނުގެ އިސް ފަރާތްތަކުން މެސެޖްތައް ލިބިވަޑައިގަންނަަވާ ކަމަށާއި ނަމްބަރު ހޯއްދަވަން ވެސް ބައެއް ބޭފުޅުން އުޅުއްވާ ކަމަށް އޭސީސީގެ ރައީސް ޝިއުނާ މިއަދު ވިދާޅުވި އެވެ. ނަމަވެސް ވަކި ގޮތަކަށް ކަމެއް ކުރުވަން ވާހަކަ ދައްކަވާ ނަމަ އެފަދަ ވާހަކަ ވަކިކުރަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް ތަފާތު ކުރަން އެނގޭ އެކި ބޭފުޅުން ވާހަކަ ދައްކާ ގޮތުން އެ އުޅެނީ އަޅުގަނޑު ލައްވާ ވަކި ހާއްސަ ކަމެއް ކުރައްވަން ކަން. ނުފޫޒެއް ފޯރުވަން ދައްކާ ވާހަކަ އަޅުގަނޑަށް ވަކިިކުރަން އެނގޭ،" އޭނާ ވިދާޅުވި އެވެ.