Roadha Mihaaru
އޭސީސީން ލަފާ ދިން އިރު ސެޓްލްމެންޓް ކޮމިޓީއެއް ނެތް!

އިސްލާހުކުރަން އޭސީސީން ލަފާ ދިން އިރު ސެޓްލްމެންޓް ކޮމިޓީ އޮތީ އުވާލާފައި!

13 ސެޕްޓެމްބަރ 2021

ކުރީގެ ސަރުކާރުތަކުން ގާނޫނާ ހިލާފަށް އުވައިލި އެއްބަސްވުންތަކަށް ދައުލަތުން މާލީ ބޮޑެތި ބަދަލުތަކެއް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ފަދަ ކަންތައްތަކެއް ހުރި ކަމަށް ކަނޑައަޅައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިސްލާހުކުރަން ލަފާދިން އިރު، އެ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ސެޓްލްމެންޓް ކޮމިޓީ އޮތީ އުވާލައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުތަކުން ގާނޫނާ ހިލާފަށް އުވައިލި އެއްބަސްވުންތަކަށް ދައުލަތުން މާލީ ބޮޑެތި ބަދަލުތަކެއް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ފަދަ ކަންތައްތަކެއް ހުރި ކަމަށް ކަނޑައަޅައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިސްލާހުކުރަން ލަފާދިން އިރު، އެ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ސެޓްލްމެންޓް ކޮމިޓީ އޮތީ އުވާލައިފަ އެވެ.

ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީ މެދުވެރިކޮށް އެކި ކުންފުނިތަކަށް ދައުލަތުން ބަދަލު ދެމުން އަންނަ ގޮތުގެ ޝަކުވާ ބޮޑުވުމުން އޭސީސީގެ އިސްނެގުމަށް މައްސަލަ ބަލަން ފެށީ، އޮކްޓޯބަރު 2019 ގަ އެވެ. ކޮމިޝަނުން އޭރު ނިންމީ ބަދަލު ދިން ހުރިހާ އެއްބަސްވުންތަކެއް ދިރާސާކުރާށެވެ.

އެ މަސައްކަތް ދެ އަހަރުން ނިންމައި އޭސީސީން އާއްމުކުރި "ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ" ރިޕޯޓުގައި ބުނެފައި ވަނީ ބަދަލުދިނުމުގައި ވަކި އުސޫލެއް ނުވަތަ ގަވާއިދެއް އެއްވެސް މުއައްސަސާއަކުން ނުވަތަ ކޮމިޓީއަކުން ވެސް ހަދާފައި ނުވާ ކަމަށެވެ. އެފަދަ އުސޫލެއް ނެތުމުގެ ސަބަބުން، އެކި މައްސަލަތައް ނިންމުމުގައި ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާ އަދަދު ކަނޑައެޅުމުގައި އެއް ހަމައެއް ގެންގުޅެވިފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ހާމަކަންބޮޑު، ދެފުށް ފެންނަ ވާދަވެރި އުސޫލަކުން ކުރެވެން އޮންނަ ކަންކަން އެ ބީދައިން ނުކުރުމުގެ ސަބަބުން ފަހުން އެކަމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭސީސީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.

އެކަންކަން އިސްލާހުކުރަން އޭސީސީން އާއްމުކުރި ލަފާގައި ކޮންޓްރެކްޓާ ހިލާފުވާ ނަމަ ނުވަތަ އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ނުދާ ނަމަ ކޮންޓްރެކްޓުގައި އަޅާނެ ކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމާއި އެއްބަސްވުމަކާ ހިލާފު ވެގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ އަދަދާ އެއްވަރަށްކަން އެއްބަސްވުމުގައި ތަފްސީލު ކުރުން ހިމަނާފައިވެ އެވެ.

ސެޓްލްމެންޓް ކޮމިޓީ އުވާލާފައި އޮތް ކަން ރައީސް އޮފީހުން ހާމަކުރީ އޭސީސީގެ ލަފައާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުންނެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ސެޓްލްމެންޓް ކޮމިޓީގެ ބައިވެރިވުމާ އެކު ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކޮމިޓީގެ ނިންމުންތައް އަހްމަދު އަބްދުﷲ އަފީފް ދިފާއުކުރެއްވި އިރު ވެސް ކޮމިޓީ އުވާލާފައި އޮތް ކަމަށް ވިދާޅެއް ނުވެ އެވެ.

ރައީސް އޮފީހުން ބުނީ ކޮމިޓީގެ ފަހު ބައްދަލުވުން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ބާއްވައި ސެޕްޓެމްބަރު މަހުގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެޓްލްމެންޓް ކޮމިޓީ އުވާލައްވާފައިވާ ކަމަށެވެ. އެހާތަނަށް އެ ކޮމިޓީ އަށް 37 މައްސަލައެއް ހުށަހެޅި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ ތެރެއިން ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން ކުންފުންޏަކަށް ބަދަލު ދީފައި ވަނީ ނޫމަޑިއަށް އެކަނި ކަމަށް ރައީސް އޮފީހުން ހިއްސާކުރި މައުލޫމާތުތަކުގައިވެ އެވެ. ބަދަލު ދިން ގިނަ މައްސަލަތަކަކީ ކުރީގެ ސަރުކާރުން ގާނޫނާ ހިލާފަށް ވަކިކޮށްފައިވާ މުވައްޒަފުންނަށް ބަދަލު ނަގައިދިނުމުގެ މައްސަލަތަކެވެ.

މައްސަލަ ބެލުމުގައި އުސޫލެއް ނެތް ކަމަށް އޭސީސީގެ ރިޕޯޓުގައި އޮތަސް ރައީސް އޮފީހުން ބުނީ ކޮމިޓީން އަމަލުކުރަމުން އަންނަ ގޮތުގެ އުސޫލް އެޓާނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާނެ ކަމަށެވެ.

ސެޓްލްމެންޓް ކޮމިޓީއަށް ހުށަހެޅި މައްސަލަތައް ނިންމުމުގައި ހަރުދަނާ އުސޫލަކަށް އަމަލުކުރަން އޭސީސީން ލަފާ ދިންއިރު، އެ ކޮމިޓީ އުވާލި އިރު ބަދަލުގެ ގޮތުގައި ދޭން ނިންމީ ކިހާ އަދަދެއް ކަން ސާފެއް ނޫނެވެ.

ސަރުކާރުން އެންމެ ކުރިން ބުނަމުން އަންނަނީ ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސެޓްލްމެންޓް ކޮމިޓީގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފު ހިމެނިވަޑައިގަތެވެ.