Roadha Mihaaru
ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި

ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި

03 ޑިސެމްބަރ 2021

މިހާރު ޝޫޓިން ކުރިއަށްދާ ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ޕްރޭމް ކަހާނީ" ގައި ކުޅޭ ރޯލަށް 10 ކިލޯ ލުއިކުރަން ޖެހުނު ކަމަށް ކުޅަދާނަ ބަތަލާ ޝަބާނާ އާޒްމީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ޝޫޓިން ކުރިއަށްދާ ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ޕްރޭމް ކަހާނީ" ގައި ކުޅޭ ރޯލަށް 10 ކިލޯ ލުއިކުރަން ޖެހުނު ކަމަށް ކުޅަދާނަ ބަތަލާ ޝަބާނާ އާޒްމީ ބުނެފި އެވެ.

ބަތަލާ އާލިއާ ބަޓްގެ މާމަގެ ރޯލާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ޅެންވެރިޔާ ޖާވިދު އަޚްތަރުގެ އަންހެނުން ބުނީ އޭނާގެ ކެރެކްޓާ އަކީ "ވަރަށް ސްޓައިލިޝް ސެކްސީ" މާމައެއްގެ ރޯލު ކަމަށެވެ. އެހެންވެ އެ ރޯލަށް ފިޓްވާން ބަރުދަން ލުއިކޮށް، ބައްޓަން ރީތިކުރަން މަސައްކަތް ކުރަން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.

"ފިލްމުގައި އަހަރެން ފެންނާނީ ވަރަށް ގޮތްބޮޑު މާމައެއްގެ ގޮތުގައި. މި ކެރެކްޓާ އަށް ފުރިހަމަކަން ގެނެސްދިނުމުގައި ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާގެ ކޮސްޓިއުމް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ،" ކުޅޭ ގްލެމަރަސް ރޯލާ ބެހޭ ގޮތުން ޝަބާނާ ބުންޏެވެ. "އެހެންވެ ކަރަން ބޭނުންވީ ވަރަށް އަވަހަށް ސްލިމްކޮށް ލޫޅާފަތިކޮށް ހުންނަން."

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް 10 ކިލޯ ލުއި ކުރި އިރު، މީގެ 38 އަހަރު ކުރިން ކުޅުނު ފިލްމު "މަންޑީ" އަށް ޝަބާނާ 10 ކިލޯ ބަރުވެ، އެ ފިލްމު ނިންމާފައި އެހެން ޕްރޮޖެކްޓްތަކަށް ވަރަށް އަވަހަށް ބަރުދަން ލުއި ވެސް ކުރި އެވެ.

"އެކަމަކު އަހަރެން އުމުރުގެ މީހުން ބަރުދަނާ މާ ބޮޑަށް ކުޅެން ހެދުމަކީ ލަފާދޭނެ ކަމެއް ނޫން. އެހެން ވިޔަސް ހިތްހަމަޖެހޭ ކަމަކީ ބަހަނާއަކަށް ނަމަވެސް ބަރުދަން ލުއި ކުރެވުނީމަ." ޝަބާނާ، 71، ބުންޏެވެ.

ފަސް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުނި ގޮތުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ ކަރަން ވަރަށް ފަރުވާތެރިކަމާ އެކު ހަދަމުން އަންނަ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ އެވެ.

"އަހަރެން އެންމެ ހައިރާންވަނީ އޭނަ މަސައްކަތަށް ބަހައްޓާ ޝައުގުވެރިކަމާއި ފަރުވާތެރިކަން ފެނިފައި. އަނެއްކާ މި ފިލްމުގެ ޕްލޮޓާއި ކޮންމެ ކެރެކްޓާއަކަށް އެހާ ބޮޑު ސަމާލުކަމެއް ދިގެން މަސައްކަތް ކުރިއަށް ދަނީ." ކަރަންއާ އެކު އަލަށް މަސައްކަތްކުރާ ޝަބާނާ ބުންޏެވެ. "ކަރަން އަކީ ހަމަ ހަގީގަތުގައި ވެސް އާދައިގެ ޑައިރެކްޓަރެއް ނޫން."

ލައިޓް-ހާޓެޑް ފިލްމެއްގެ ގޮތުގައި ހަދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް" ކަހާނީގެ ކާސްޓްގައި ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޖަޔާ ބައްޗަން ވެސް ހިމެނެ އެވެ.

ރަންވީރު ސިންގް ލީޑް ބަތަލުގެ ރޯލު ކުޅޭ ފިލްމު ސިނަމާތަކަށް ގެންނާނީ ފެބްރުއަރީ 10، 2023 ގަ އެވެ.