Roadha Mihaaru
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް

އަނެއްކާ ވެސް އެންމެ ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް

13 ޖެނުއަރީ 2022

އަަންނަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އޭނާގެ ޖާދޫގައި ބެލުންތެރިން ވަރަށް ބޮޑަށް ޖައްސުވާނެ ފިލްމަކަށް ވާނެ ކަމަށް އޭގެ ލީޑް އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަަންނަ އަހަރު ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އޭނާގެ ޖާދޫގައި ބެލުންތެރިން ވަރަށް ބޮޑަށް ޖައްސުވާނެ ފިލްމަކަށް ވާނެ ކަމަށް އޭގެ ލީޑް އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.

ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް ފިލްމަކީ ކަރަން މީގެ ކުރިން ގެނެސްދިން ފިލްމުތަކުގައި ހެޔޮވަރުކޮށްފައި ހުރި ހުރިހާ ރަހައެއް އެކުލެވޭނެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ ކަމަށެވެ. އޭނާ 2001 ގައި ގެނެސްދިން ކަބީ ހުޝީ ކަބީ ގަމް (ކޭ3ޖީ) ގެ ހަނދާންތަކުގެ ތެރެއަށް ވެސް މި ފިލްމު ގެންގޮސްދޭނެ ކަމަށް ބުންޏެވެ.

"މީގެ ކާސްޓާއި އެ މީހުންގެ ކޮސްޓިއުމާއި މޭކަޕާއި ގްލެމާ އާއި ފިލްމުގެ ވާހަކަ އާއި މިީގައި ދައްކުވައިދޭނެ ލޯތްބާއި އާއިލީ ގުޅުމާއި ފިލްމުގެ ލަވަތަކާއި ހިއުމާ އާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތް ބެލުންތެރިންގެ މޫނު މައްޗަށް އުފާވެރިކަން ގެންނަ ކަހަލަ ކިތަންމެ ކަމެއް ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގައި އެކުލެވޭނެ،" ކަރަން ޑައިރެކްޓްކުރާ ފިލްމެއްގައި އަލަށް މަސައްކަތްކުރާ އެކްޓަރު ބުންޏެވެ.

"ކުރުކޮށް ސިފަކުރަންޏާ މި ފިލްމަކީ ކަރަންގެ ޓިޕިކަލް ފިލްމެއް."

ފިލްމުގެ އިސް ރޯލުތައް ކުޅެނީ ރަންވީރާއި އާލިއާ ބަޓެވެ. އަދި ކާސްޓްގައި ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ރޯލަކުން ޕްރިތީ ޒިންތާ ވެސް ފެންނާނެ އެވެ.

ރަންވީރު ބުނި ގޮތުގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އޭގެ މަސައްކަތްކުރާ އިރު އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ވެސް ވަރަށް އުފާވާ ކަހަލަ ފިލްމެކެވެ. އަދި މިއަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"އެންމެނަށް ވެސް އެނގޭނެ ކަރަން އަކީ ކޮން ފެންވަރެއްގެ ޑައިރެކްޓަރެއް ކަން. މިހާތަނަށް ފިލްމުގެ ފަސްދޮޅަސް ވަރަކަށް ޕަސެންޓްގެ މަސައްކަތް ނިންމާލެވިފައިވާ އިރު އަހަންނަށް ވަރަށް ޔަގީންމާ އެކު ބުނަން ވެސް ކެރިދާނެ މި ފިލްމަކީ ކަރަން މިހާތަނަށް ގެނެސްދޭ ވަރަށް ތަފާތު ފިލްމަކަށް ވެސް ވާނެ ކަމަށް." ކުޗް ކުޗް ހޯތާ ހޭ އާއި ސްޓޫޑަންޓް އޮފް ދި އިޔާ ވެސް ގެނެސްދިން ޑައިރެކްޓަރާ ބެހޭ ގޮތުން ރަންވީރު ބުންޏެވެ.

ކަރަން ޑައިރެކްޓްކުރާ 8 ވަނަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ. އޭނާގެ އެންމެ ފަހިގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.