Roadha Mihaaru
ރަންވީރާއި އާލިއާ ގޮވައިގެން ކަރަން މޮސްކޯ އަށް

ރަންވީރާއި އާލިއާ ގޮވައިގެން ކަރަން މޮސްކޯ އަށް

24 ސެޕްޓެމްބަރ 2021

ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފެށި ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވައެއްގެ ޝޫޓިން، ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު ރަޝިއާގައި ނަގާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފެށި ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވައެއްގެ ޝޫޓިން، ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓާ އެކު ރަޝިއާގައި ނަގާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ލަވަ އަށް އަންނަ މަހުގެ ތެރޭގައި މޮސްކޯ އަށް ފުރާނެ ކަމަށާއި ލަވައިގެ ކޮރިއޯ ހަދަނީ ރެމޯ ޑި ސޫޒާ ކަމަށެވެ. "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސްޓައިލިސްޓަކީ ކަރަންގެ ފިލްމުތަކުގައި ތަރިން އާންމުކޮށް ސްޓައިލްކޮށްދޭ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އެވެ.

ކަރަން ޑައިރެކްޓްކުރާ އަށް ވަނަ ފިލްމުގެ ލަވައެއްގެ މަންޒަރު ރަޝިއާގައި ނަގާ ގޮތަށް ހަމަޖެހުނު ވާހަކަ މީޑިއާތަކުން ބުނެފައި މި ވަނީ ފިލްމުގެ ބަޖެޓް ބޮޑުނުކުރުމަށްޓަކައި ބޭރުގެ އެއްވެސް ލޮކޭޝަނެއްގައި ފިލްމުގެ އެއްވެސް މަންޒަރެއް ނުނަގާނެ ކަމަށް ކުރިން ބައެއް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ކަރަން ޑައިރެކްޓްކުރާ ފިލްމެއް ނަމަ އަބަދު ބެސް ބޭރުގެ ހިތްގައިމު ލޮކޭޝަންތައް ދައްކުވައިދޭ ކަމެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ކަހާނީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. މި ފިލްމަކީ 2019 ގެ "ގަލީ ބޯއި" އަށް ފަހު ރަންވީރާއި އާލިއާ އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. އަދި މިއީ ކަރަން ޑައިރެކްޓްކުރާ ފިލްމެއްގައި ރަންވީރު މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

އާލިއާ އަކީ ކަރަންގެ 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ނެރުނު ބަތަލާއެކެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތް ފެށި އިރު، ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.