Roadha Mihaaru
ތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ތަކަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

02 ޑިސެމްބަރ 2021

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގާއި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމެވެ. މި ރަސްމިއްޔާތުގައި ޝާހުގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމު ކުރަން ބޭނުންވާ ހޮޅި ވަޅުލުމާއި ފެން ޕްލާންޓު ބަހައްޓާ ފެސިލިޓީގެ އިމާރާތުގެ މަސައްކަތް ވެސް ކުރިއަށް ދެ އެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. އަދި ފެން އުފައްދަން ދެ އާރުއޯ ޕްލާންޓު ބަހައްޓަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.33 ކިލޯމީޓަރުގެ ނަރުދަމާ ހޮޅިގެ މައި ނެޓްވޯކެއް ގާއިމްކޮށް 1.04 ކިލޯމީޓަރުގެ ޕަންޕިންލައިނެއް އަޅާނެ އެވެ. އަދި ތަކަންދޫގައި ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ވެސް ގާއިމު ކުރާނެ އެވެ.

މީގެ އިތުރުން އެ ރަށުގެ ގެތަކަށް ފެނާއި ނަރުދަމާ ގުޅުވައިދީ، ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.

މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ 76.75 މިލިއަން ރުފިޔާ އަށެވެ.