Roadha Mihaaru
މިއަހަރު ނަރުދަމާގެ 20 ޕްރޮޖެކްޓް ނިންމާނަން: ޝާހު

މިއަހަރު ނަރުދަމާގެ އިތުރު 20 ޕްރޮޖެކްޓް ނިންމާނަން: ޝާހު

26 މެއި 2022

އެމްޑަބްލިއުއެސްސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހިންގަމުން އަންނަ ފެނާއި ނަރުދަމާގެ 31 ޕްރޮޖެކްޓްގެ ތެރެއިން 20 ޕްރޮޖެކްޓެއް މިއަހަރު ތެރޭ ނިންމާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝާހު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޑަބްލިއުއެސްސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހިންގަމުން އަންނަ ފެނާއި ނަރުދަމާގެ 31 ޕްރޮޖެކްޓްގެ ތެރެއިން 20 ޕްރޮޖެކްޓެއް މިއަހަރު ތެރޭ ނިންމާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝާހު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ، މިއަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ އަހަރު ކަމަށެވެ. އޭގެ ތެރެއިން މިހާރު ވެސް ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޓީމުގެ އަމާޒަކީ މިއަހަރު ތެރޭ އިތުރު 20 މަޝްރޫއު ނިންމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ އިތުރުން މާލޭގައިި ފެން ރައްކާ ކުރެވޭނެ ކެޕޭސިޓީ އިތުރު ކރަން 13،000 ކިއުބިކްމީޓަރުގެ ދެ ފެންތާންގީ ބެހެއްޓުމުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

"މާލޭގެ ނަރުދަމާގެ ނިޒާމަކީ އަންދާޒާކުރި ވަރަށް ވުރެ މާބޮޑު ލޯޑެއް އޮތް ނިޒާމެއް. އެޅިފައިވާ ހޮޅިތައް ސާފުކުރަން އިތުރު ޕަމްޕް ސްޓޭޝަންތަކުން ވަރަށް ބޮޑު ލުޔެއް މިދަނީ ހޯދައިދެމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލައަށް މި ބަދަލާ ގުޅިގެން ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި އެމްޑަބްލިއުއެސްސީން މީގެ 10 އަހަރުކުރިން ބެހެއްޓި ފެން މީޓަރުތައް ބަދަލުކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީއިން ހިންގާ އިތުރު ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ޝާހު ވިދާޅުވީ، ބިއްލޫރިފުޅީގައި ފެން ބައްދުކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. އެކަމަށްޓަކައި އެކުންފުނީގެ ބޮޓްލިން ފެކްޓްރީއަށް ބަދަލުތައް ގެނެސް ބިއްލޫރި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.