Roadha Mihaaru
ވިނޯދަށް ނަވާޒުއްދީންގެ ޓްރިބިއުޓެއް

ވިނޯދު ކަންނާ އަށް ނަވާޒުއްދީންގެ ޓްރިބިއުޓެއް

05 ޑިސެމްބަރ 2021

ދާދި ފަހުން އިނގިރޭސިވިލާތުގައި ޝޫޓްކޮށް ނިންމައިލި ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕަންތީ 2" ގެ ވިލަންގެ ރޯލު ކުޅޭ އެކްޓަރު ނަވާޒުއްދީން ސިއްދީގީ އެ ފިލްމުގައި ކުރީގެ އެކްޓަރު ވިނޯދް ކަންނާ އަށް ޓްރިބިއުޓެއް ދޭނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން އިނގިރޭސިވިލާތުގައި ޝޫޓްކޮށް ނިންމައިލި ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕަންތީ 2" ގެ ވިލަންގެ ރޯލު ކުޅޭ އެކްޓަރު ނަވާޒުއްދީން ސިއްދީގީ އެ ފިލްމުގައި ކުރީގެ އެކްޓަރު ވިނޯދް ކަންނާ އަށް ޓްރިބިއުޓެއް ދޭނެ ކަމަށް ބުނެފި އެވެ.

އެހުމަދު ޚާން ޑައިރެކްޓް ކޮށްފައިވާ ފިލްމާ ބެހޭ ގޮތުން ނަވާޒުއްދީން ބުނީ ފިލްމުގައި އޭނާގެ ހިނގުމުގެ ސްޓައިލް ކޮޕީކޮށްފައި ވަނީ ވިނޯދުގެ ހިނގުމާ ކަމަށެވެ. އަދި މިކަން ބެލުންތެރިންނަށް ފިލްމުން ވަރަށް ބޮޑަށް ފާހަގަ ކުރެވޭނެ ކަމަށާއި އެކަން އޯޑިއަންސަށް ވަރަށް ކަމުދާ ކަމަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"އަހަރެންގެ އެންމެ ފެވަރިޓް އެކަކު ވިނޯދަކީ. ސްޓާރެއްގެ ކޮލިޓީ ވަރަށް ބޮޑަށް ލިބިގެންވީ ފަންނާނެއް އެއީ. އެގޮތުން ލުކާއި ވިނޯދުގެ ހިނގުމުގެ ސްޓައިލަކަކީ އޭނަގެ ހަމަ ސިގްނޭޗާ ސިފަތައް،" ނަވާޒިއްދީން ބުންޏެވެ. "އަހަރެން އޭނަގެ ކޮޕީކޮށްގެން ގެނެސްދޭ ޓްރިބިއުޓް ވިނޯދު ފޭނުންނަށް ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށް އުންމީދުކުރަން."

އޭނާ ބުނި ގޮތުގައި ފިލްމެއްގައި މިފަދަ ގޮތަކަށް ވިނޯދަށް ޓްރިބިއުޓެއް ދޭން ފުރުސަތު ލިބުމަކީ ޝަރަފެކެވެ. އަދި ކެރިއަރުގެ ވަރަށް ކުރީކޮޅު ވިނޯދާ އެކު މަންޒަރެއް ޝޫޓްކުރަން ލިބުނު ދުވަހަކީ ވަރަށް އުފާވި ދުވަހެއް ކަމަށް ބުންޏެވެ.

"އޭގެ ނަމެއް މިހާރަކު އަހަރެން ހަނދާނެއް ނެތް. އެކަމަކު އެ ދުވަހު ވިނޯދާ އެކު ޝޮޓެއް ނަގަން ލިބުމުން އޭނައާ ދިމާ އަށް ހަމަ ބަލަން ހުރެވެނީ. ވަރަށް ވެސް ވަރުގަދަ ޝަހުސިއްޔަތެއް އެއީ." ނަވާޒުއްދީން ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ހިންދީ ސިނަމާ އިން ފެނުނު އެންމެ ރީތި އެއް އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ވިނޯދަކީ އެކްޓަރުން ކަމަށްވާ އަކްޝޭ އާއި ރާހުލް ކަންނާގެ ބައްޕަ އެވެ. އޭނާ ކެންސަރު ބަލީގައި އުމުރުން 71 އަހަރުގައި މަރުވީ 2017 ގަ އެވެ.

"ހީރޯޕަންތީ" އަކީ އަންނަ އަހަރުގެ އެޕްރީލް 29 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ނުކުތް "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. އެ ފިލްމުގެ ބަތަލާ ކްރިތީ ސެނަންގެ ބަދަލުގައި "ހީރޯޕަންތީ 2" ގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ.