Roadha Mihaaru
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް

އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް

25 ޑިސެމްބަރ 2021

ރިތިކް ރޯޝަނާ އެކު "ވޯ" ގައި ވަރުގަދަ ރޯލެއް ކުޅުނު ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފަށް އަކްޝޭ ކުމާރާ އެކު ވެސް ވަރުގަދަ އެކްޝަން ފިލްމެއް ކުޅެން ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިތިކް ރޯޝަނާ އެކު "ވޯ" ގައި ވަރުގަދަ ރޯލެއް ކުޅުނު ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފަށް އަކްޝޭ ކުމާރާ އެކު ވެސް ވަރުގަދަ އެކްޝަން ފިލްމެއް ކުޅެން ލިބިއްޖެ އެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމަކީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު، ބޮޑު ބަޖެޓަކުން ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓާ ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. އެ ނޫހުން ބުނިގޮތުގައި ފިލްމުގެ ސްކްރިޕްޓް ވެސް ނިންމައި އަކްޝޭ އާއި ޓައިގާ އަށް، އަލީ އެ ނެރޭޓް ވެސް ކޮށް ދީފައިވާ އިރު، ދެ ތަރިންނަށް ވެސް އެ ފިލްމް ކަމުދިޔަލެއް ބޮޑުކަމުން ވަގުތުން ފިލްމަށް އެއްބަސްވެފައިވެ އެެވެ.

އެހެންވެ މިހާރު ޝާހިދު ކަޕޫރާ އެކު އަލީ މަސައްކަތް ފަށާފައި އޮތް ފިލްމު "ބްލަޑީ ޑެޑީ" ނިންމާފައި ދެން ވަގުތު ހުސްކުރާނީ އަކްޝޭ، 54، އާއި ޓައިގާ، 31، ގެ ފިލްމަށެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަލީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާރަތު" އެވެ.

އޭނާގެ ވަރުގަދަ އެކްޝަން ފިލްމަކަށް އަކްޝޭ އާއި ޓައިގާ ގެންނަ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެ ތަރިން ވެސް ހިމެނެނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގައި ކަމެވެ. އަދި ފިލްމު ވާނީ އަކްޝޭއާ އެކު ޓައިގާ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. މި ދެ ތަރިން އަދި އަލީއާ އެކު މަސައްކަތްކޮށްފައި ނުވާތީ އެގޮތުން ވެސް ފިލްމު ހާއްސަވާނެ އެވެ.

މިދިޔަ އަހަރު "ބާގީ 3" އިން ފެނިގެން ދިޔަ ޓައިގާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ އެޕްރީލް 29 އަށް ތާވަލު ކޮށްފައިވާ "ހީރޯޕަންތީ 2" އެވެ. އޭނާ މިހާރު އަންނަނީ އިނގިރޭސިވިލާތުގައި ޑައިރެކްޓަރު ވިކާސް ބާލްގެ "ގަނަޕަތު" ގެ ފުރަތަމަ ބައިގެ މަސައްކަތް ކުރަމުންނެވެ.

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "އަތުރަންގީ ރޭ" އެވެ. އަދި އަންނަ މަހުގެ 21 ގައި އޭނަގެ "ޕްރިތުވީރާޖް" ސިނަމާތަކަށް އަންނާނެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު އަކްޝޭއާ އެކު ޓައިގާ އަށް މަސައްކަތް ކުރަން ލިބުނު އިރު، އޭނާ އާއި ރިތިކް ކުޅުނު 2019 ގެ "ވޯ" އަކީ އެ އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި ފިލްމުގައި ޓައިގާ ދެއްކި ހުނަރަށް ރިތިކް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފައިވެ އެވެ.

"ވޯ" ގެ ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ވައެއް ވެސް ހަދަން ނިންމާފައިވެ އެވެ.