Roadha Mihaaru
ބަންގްލަދޭޝް ލޭބަރުންގެ ދެބައިކުޅައެއްބައި ގާނޫނާ ހިލާފު

ބަންގްލަދޭޝްގެ 100،000 މީހުން؛ ގާނޫނާ ހިލާފަށް 50،000

05 ޑިސެމްބަރ 2021

ރާއްޖޭގައި ބަންގްލަދޭޝްގެ ލައްކައެއްހާ މަސައްކަތު މީހުން އުޅޭ ކަމަށާއި އޭގެ ތެރެއިން ބައި ލައްކަ އަކީ ގާނޫނާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލާދޭޝް ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ ލައްކައެއްހާ މަސައްކަތު މީހުން އުޅޭ ކަމަށާއި އޭގެ ތެރެއިން ބައި ލައްކަ އަކީ ގާނޫނާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލާދޭޝް ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަންގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައި ކޮމިޝަނަރު ދެއްކެވި ވާހަކަތަކާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަތައް ހައްލުކޮށް އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފަށައިފަ އެވެ.

އޭނާ އިޝާރާތް ކުރައްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅަށެވެ. އެ ދަތުރުފުޅުގައި ފައިސަލް ވަނީ ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިފަ އެވެ.

"މިދިޔަ ދެ އަހަރު ވެސް ވަނީ ބަންގްލަދޭޝް މީހުންގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްތަކެއް ކޮށްފައި،" ހައި ކޮމިޝަނަރު ވިދާޅުވި އެވެ.

"ކޮވިޑް-19 ގެ ސަބަބުން ވެސް ބަންގްލަދޭޝްގެ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި."

ހައި ކޮމިޝަނަރު ނަޒްމުލް ހަސަން ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ އަށް ވަޑައިގަތުމަށް ދެއްވާފައިވާ ދައުވަތަށް މި މަހު ވެސް ވަޑައިގަތުން އެކަށީގެންވެ އެވެ. މި ދަތުރުފުޅުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވިޔަފާރީގެ ގުޅުންތައް ރަނގަޅު ކުރުމާއި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތު މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ކުރާ މަސައްކަތަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝްގެ ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނަޒްމުލް/ޓްވިޓާ

ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝްގެ ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނަޒްމުލް/ޓްވިޓާ

"ގާތްގަނޑަކަށް، ބަންގްލަދޭޝްގެ 100،000 މަސައްކަތު މީހުން ރާއްޖޭގައި އެބަ އުޅޭ. މީގެ ތެރެއިން 50،000 މީހުންނަކީ ގާނޫނާ ހިލާފަށް އުޅޭ މީހުން،" ނަޒްމުލް ހަސަން ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގައި ބަންގްލަދޭޝް މީހުންގެ ކުށުގެ އަމަލުތައް ގިނަވަމުން ދާތީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ.

"މިހާރު ވެސް ބަންގްލަދޭޝްގެ 100 ވަރަކަށް މީހުން ރާއްޖޭގެ ޖަލުގައި އެބަތިބި. ޑްރަގްސްގެ މައްސަލަތާކާއި ކުޑަކުދިންނާ ބެހުމާއި އެކި ކަހަލަ މައްސަލަތަކުގައި ހިމެނޭ މީހުން މީގެ ތެރޭ އެބަ އުޅޭ. މި މީހުންގެ ތެރެއިން 30 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށް،" ނަޒްމުލް ހަސަން ވިދާޅުވި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ދަތުރުކުރުމުގެ އަގު ބޮޑުކޮށް އޮތުމަށް ފަހު މިހާރު އަގު ހެޔޮވެފައިވާ ކަމަށް ވެސް ހައި ކޮމިޝަނަރު ވިދާޅުވި އެވެ. އެއީ ރާއްޖެ އަށް އަލަށް ދަތުރުތައް ފެށި ޔޫއެސް-ބަންގްލާ އެއާލައިންގެ ސަބަބުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ގާތްގަނޑަކަށް 583 ޑޮލަރަށް ލިބުނު ޓިކެޓްގެ އަގު މިހާރު ވަނީ 400 ޑޮލަރަށް ދަށްވެފަ އެވެ. މިއީ ބަންގްލަދޭޝްގެ ފައިސާ އިން ބަލާ ނަމަ 50،000 އިން 35،000 އަށް ދަށްވުމެކެވެ. ހައި ކޮމިޝަނަރު ވިދާޅުވީ، ބީމާން ބަންގްލާދޭޝް އެއާލައިނުން ވެސް ރާއްޖެއަށް ދަތުރުތައް ފަށަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވީ ކަމަށް ވިދާޅުވި އެވެ.