Roadha Mihaaru
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ

ބުޅާ މަރައި، އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ބުނާ ބިދޭސީއެއްގެ މައްސަލަ ފެންމަތިވެއްޖެ

19 އޯގަސްޓް 2024

މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައުލޫތު އާންމުވުމާ އެކު، އޭނާ ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އިއުލާންކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައުލޫތު އާންމުވުމާ އެކު، އޭނާ ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އިއުލާންކޮށްފި އެވެ.

ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ހޯދަން އިއުލާންކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ އަރްފާތް ހޮސެއިން 32، އެވެ.

އިމިގްރޭޝަނުން ބުނީ އޭނާ ހޯދަނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ބިދޭސީމީހާއަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށާއި އޭނާ ހޯދަނީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާތަކެތި ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

ފަސް ދުވަސް ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އެ މީހާ އަށް މިއަދު ވަނީ އަންގައިފަ އެވެ. އިމިގްރޭޝަނަށް ހާޒިރުވާން އެންގީ ބިދޭސީމީހާ އުޅޭ ތަނަށް އެ އިދާރާގެ އޮފިސަރުން މިއަދު ދިޔައިރު އެ ތަނުން އޭނާ ނުފެނުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނީ އެ މައްސަލަ އެ މިނިސްޓްރީން ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އަދި ފުލުހުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ބިދޭސީމީހާ އާ ދިވެއްސަކު ސުވާލުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ބިދޭސީމީހާ މަޑުކޮށްގެން ހުރީ މާލޭގެ ބޮޑުތަކުރުފާނު މަގުން މޭރީބްރައުން ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގަ އެވެ. އެއީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެކެވެ.

ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީމީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބުނީ އެއީ ބުޅާތައް ގެ އަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.

ވީޑިއޯ ތައްޔާރުކުރި ދިވެހި މީހާ ވަނީ ބިދޭސީމީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފަ އެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭގެ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށެވެ އެވެ.

"އަދި ބުޅާ ރޯތީ އަޑު އިވިފައި އެބަހުރި. މި ތަނަށް ވަދެ ބަލައިލުމުން ވެސް އެބަ އެނގޭ މި ތަނަކީ މިއީ ކާބޯތަކެތި ތައްޔާރުކުރުމަށް ހާއްސަ ކޮށްފައި ހުރި ތަނެއް ކަން. މައްޗަށް ނަގާފައި މި ފެންނަ ދުންހޮޅިއަކީ މި ބިދޭސީމީހާ ދިރިއުޅޭ ގޭގައި ހަރުކޮށްފައި އިން އެއްޗެއް،" އެ ވީޑިއޯގައި ބުންޏެވެ.

ހަނި ގޯޅިއަކުން ވަދެވެން ހުންނަ އެ ގޭގެ ތެރެއަށް ވަދެ ދިވެހި މީހާ ވަނީ ވީޑިއޯ ވެސް ކޮށްފަ އެވެ. އެ ބިދޭސީ މީހާ ދިރިއުޅޭ ބައި ހުންނަ ހިސާބަށް ދިވެހި މީހާ ދާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނުގައި ހަރުކޮށްފައި ހުންނަ ބޮޑު ދުންހޮޅިއެއް ވެސް އެ ތަނުގައި ހުއްޓެވެ.

މީގެ ކުރިން އެ ބިދޭސީމީހާ ބާގާ އާއި ސަބްމެރިން ވިއްކަމުން ދިޔައީ އިނގިރޭސި ބަހުން ލިޔެ، ލޯގޯ ޖަހައިގެން ނަމަވެސް މިހާރު އޭނާ އެ ތަކެތި ވިއްކަނީ ލޯގޯ ނުޖަހައި ކަމަށް ވެސް އެ ވީޑިއޯގައި ދިވެހި މީހާ ބުންޏެވެ. އޭރު އެ މީހާ ބޭނުންކުރި ލޯގޯތައް ވެސް ވީޑިއޯ އިން ދައްކަ އެވެ.

އަދި ބުޅާ ރޯތީ އަޑު އިވިފައި އެބަހުރި. މި ތަނަށް ވަދެ ބަލައިލުމުން ވެސް އެބަ އެނގޭ މި ތަނަކީ މިއީ ކާބޯތަކެތި ތައްޔާރުކުރުމަށް ހާއްސަ ކޮށްފައި ހުރި ތަނެއް ކަން. މައްޗަށް ނަގާފައި މި ފެންނަ ދުންހޮޅިއަކީ މި ބިދޭސީމީހާ ދިރިއުޅޭ ގޭގައި ހަރުކޮށްފައި އިން އެއްޗެއް،" --- ވީޑިއޯ

"ބާގާ، ސަބްމެރިންއަކީ އަޅުގަނޑުމެންގެ ޅަދަރިން ސްކޫލަށް ގެންދާއިރު އިންޓަވަލަށް ބޭނުންކުރުމަށް ހޯދާ ތަކެތި. އެހެންވީމާ މިފަދަ ތަކެތި އަޅުގަނޑުމެންނަށް އޮޅުވާލައިގެން މި ގޮތަށް ދިނުމަކީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މި ތިބީ މިއަދު ވަރަށް ކަންބޮޑުވެފައި" ވީޑިއޯގައި ދިވެހި މީހާ ބުނެ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމެވެ. އެކަމަށް ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ހުއްޓުވައި އޭގެތެރެއިން ބައެއް މީހުން ވަނީ ޑިޕޯޓްކޮށްފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ފުޅާކޮށް ވިޔަފާރި ހިންގަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. ހާއްސަކޮށް ވަރަށް މުޑުދާރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ބިދޭސީން ވަނީ އަތުލައިގަނެފަ އެވެ.