Roadha Mihaaru
ސީއެންއެން އިން ކްރިސް ކުއޯމޯ ވަކިކޮށްފި

ސީއެންއެން އިން ކްރިސް ކުއޯމޯ ވަކިކޮށްފި

05 ޑިސެމްބަރ 2021

ނިއު ޔޯކުގެ ގަވަރުނަރުގެ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ އެތައް ތުހުމަތުކުރެވި މަގާމުން އިސްތިއުފާ ދެއްވި އެންޑްރޫ ކުއޯމޯގެ ކޮއްކޮ ކްރިސް ކުއޯމޯ ސީއެންއެން އިން ވަކިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިއު ޔޯކުގެ ގަވަރުނަރުގެ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ އެތައް ތުހުމަތުކުރެވި މަގާމުން އިސްތިއުފާ ދެއްވި އެންޑްރޫ ކުއޯމޯގެ ކޮއްކޮ ކްރިސް ކުއޯމޯ ސީއެންއެން އިން ވަކިކޮށްފި އެވެ.

އޭނާ އެ ތަނުން ވަކިކުރީ ބޭބެ މައްޗަށް ފެންމަތިވި މައްސަލަތަކާ އެކު އޭނާ ދިފާއުކޮށް، މައްސަލަތައް އޮއްބަން ކްރިސް މަސައްކަތްކުރިކަން ސާބިތުވާ އިތުރު ހެކިތަކާ ގުޅިގެންނެވެ. ދެހާސް ތޭރައިގައި ސީއެންއެންއާ ގުޅުނު ކްރިސް އެތަނުން ހޮނިހިރު ދުވަހު ވަކިކުރީ މިދިޔަ ހަފުތާގައި އެންޑްރޫގެ މައްސަލާގައި ނިއު ޔޯކުގެ އެޓާނީ ޖެނެރަލް ނެރުއްވި ލިޔުންތަކުގައި ކްރިސްއާ ބެހޭ ގޮތުން ހާމަކޮށްފައި ހުރި ވާހަކަތަކާ ގުޅިގެން އޭނާ މިދިޔަ އަންގާރަ ދުވަހު މުއްދަތެއް ނެތް ގޮތަށް ސީއެންއެން އިން ސަސްޕެންޑް ވެސް ކޮށްފައިވަނިކޮށެވެ.

ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނީ ކްރިސް ވަކިކުރީ އޭނާއާ ބެހޭ ގޮތުން ފެންމަތިވި އެތައް ވާހަކައެއް ރިވިއުކުރުމަށް ފަހު ކަމަށެވެ. އަދި ސީއެންއެން އަކީ އަބަދުވެސް އުސޫލުތަކާއި ހަމަތަކުގެ މަތީގައި މަސައްކަތްކުރާ ތަނެއް ކަމަށާއި އެތަނުގެ އުސޫލާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

"ކްރިސް ވަކިކުރި ނަމަވެސް އޭނާގެ މައްސަލައާ ބެހޭ ގޮތުން އިތުރަށް އަހަރެމެން ކަންކަން ބަލާނަން،" ސީއެންއެން އިން ބުންޏެވެ. "އަދި އެކަމާ ބެހޭ މައުލޫމާތު ވެސް އާންމުކުރާނަން."

ސީއެންއެެން އިން ވަކިކުރުމުން އެކަމާ ހިތާމަކޮށް ކްރިސް ވެސް ބަޔާނެއް ނެރެފައިވެ އެވެ. އޭނާ ބުނީ ސީއެންއެން އަށް އަލްވަދާއު ކިޔަން ޖެހުނީ އުންމީދުކުރި ކަހަލަ ގޮތަކަށް ނޫން ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ސީއެންއެންގައި ކުރި މަސައްކަތްތަކާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި އެތަނުގެ ޓީމުގެ މަތިން ވަރަށް ހަނދާން ވާނެ ކަމަށް ވެސް ބުންޏެވެ.

މަގާމުން ވަކިކުރި އިރު ކްރިސް، 51، އަކީ ސީއެންއެންގެ "ކުއޯމޯ ޕްރައިމް ޓައިމް" ގެ ނަމުގައި ސީއެންއެންގައި ޝޯއެއް ހުށަހަޅައިދެމުން އައި ޕްރެޒެންޓަރެކެވެ.