Roadha Mihaaru
ލެރީ ކިންގަށް ކޮވިޑް-19 ޖެހި ފަރުވާ ހޯދަނީ

ލެރީ ކިންގަށް ކޮވިޑް-19 ޖެހި ފަރުވާ ހޯދަނީ

03 ޖެނުއަރީ 2021

އެމެރިކާގެ ލެޖެންޑަރީ ޓީވީ ހޯސްޓް ލެރީ ކިންގް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލެޖެންޑަރީ ޓީވީ ހޯސްޓް ލެރީ ކިންގް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 87 އަހަރުގެ ލެރީ ކިންގް ލޮސް އެންޖެލިސްގެ ސިޑާޒް ސިނައި މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ މިހާރު ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ. ލެރީ ކޮވިޑް ޖެހިގެން ފަރުވާ ހޯދާ އިރު، އޭނާ އަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން ޓައިޕް 2 ޑައިބިޓީޒަށް ވެސް ފަރުވާ ހޯދާ ލެރީ އަށް އެތައް ފަހަރެއްގެ މަތިން ހާޓްއެޓޭކް ޖެހިގެން 1987 ގައި ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެވެ. އަދި 2017 އިން ފެށިގެން އޭނާ އަންނަނީ ފުއްޕާމޭގެ ކެންސަރަށް ވެސް ފަރުވާ ހޯދަމުންނެވެ.

ވަރަށް ކުޅަދާނަ ޓޯކް ޝޯ ޓީވީ ހޯސްޓެއްގެ ގޮތުގައި އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދި ލެރީ އަކީ ގިނަ ދުވަސްތަކެއް ވަންދެން ސީއެންއެންގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. ސީއެންއެންގައި އޭނާ ހޯސްޓްކުރީ "ލެރީ ކިންގް ލައިވް" އެވެ.

ފްލޮރިޑާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރަށް ލެރީ އަކީ ރޭޑިއޯ ދާއިރާގައި ވެސް ކުރިން މަސައްކަތްކުރި ފަންނާނެކެވެ. އަދި 2012 އިން މިދިޔަ އަހަރާ ހަމައަށް އޭނާ ވަނީ ހުލޫ އާއި އާރްޓީ އެމެރިކާ އަށް "ލެރީ ކިންގް ނައު" ހޯސްޓްކޮށް ދީފަ އެވެ. މީގެ އިތުރުން އެ ދެ ޕްލެޓްފޯމަށް 2013 އިން ފެށިގެން ހަފުތާ ޝޯއެއްގެ ގޮތުގައި "ޕޮލިޓިކްކިންގް ވިތު ލެރީ ކިންގް" ގެ ނަމުގައި ވެސް ޝޯއެއް ހޯސްޓްކުރަމުން ގޮސްފައިވެ އެވެެ.

ހޯސްޓްކުރުމުފެ ދާއިރާ އިން އެމީގެ އިތުރުން އެހެން އެވޯޑްތައް ވެސް ހާސިލުކޮށްފައިވާ ލެރީ 8 ކައިވެނިކޮށްފައިވާ އިރު ފަސް ދަރިން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ.

ލެރީ އަކީ ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މާލީގޮތުން އެހީވާން "ލެރީ ކިންގް ކާޑިއަކް ފައުންޑޭޝަން" ގެ ނަމުގައި އަމިއްލަ ފައުންޑޭޝަނެއް ވެސް ހިންގާ ފަންނާނެކެވެ.