Roadha Mihaaru
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި

ނަޖީބު ރައްޒާގުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި

08 ޑިސެމްބަރ 2021

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވި ކޮރަޕްޝަންގެ މައްސަލައިގައި، ހައި ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް އެ ގައުމުގެ އިސްތިއުނާފު ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވި ކޮރަޕްޝަންގެ މައްސަލައިގައި، ހައި ކޯޓުން އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް އެ ގައުމުގެ އިސްތިއުނާފު ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ނަޖީބުގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަކީ، ވަން މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދު (1އެމްޑީބީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލް އިން، 42 މިލިއަން ރިންގިޓް (9.88 މިލިއަން ޑޮލަރު) އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އިއްވާފައިވާ ހުކުމެކެވެ.

މީގެ އިތުރުން ވެސް، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ދައުލަތުގެ ފައިސާއިން އެތައް ބިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް މިހާރުވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

ޕުޓްރަޖާޔާގައި ހުންނަ އިސްތިއުނާފް ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ބުނެފައިވަނީ، ހައި ކޯޓުގެ ނިންމުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ދައުވާ ރައްދުވާ ފަރާތުން އިސްތިއުނާފުކުރި ހުރިހާ ނުކުތާތަކެއް ބާތިލު ކަމަށް ވެސް ހުކުމްގައި ތިން ފަނޑިޔާރުން އިއްތިފާގުވެފައިވެ އެވެ.

މި ހުކުމް އިއްވަމުން ފަނޑިޔާރުން ވިދާޅުވެފައިވަނީ، ކަފާލާތުގެ ދަށުން މިނިވަންކުރުމުގެ މައްސަލައެއް، މެލޭޝިޔާގެ އެންމެ މަތީ ކޯޓު ކަމަށްވާ ފެޑެރަލް ކޯޓަށް ހުށަހަޅާފައިވާތީ، އެ މައްސަލައިގައި ގޮތެއް ނިންމަންދެން، މިނިވަންކަމާ އެކު އުޅުމުގެ ހައްގު، ނަޖީބު ރައްޒާގަށް ލިބިގެންވާ ކަމަށެވެ.

އެސްއާރްސީ އިންޓަނޭޝަނަލްގެ ފައިސާތަކަކަށް ހިޔާނާތްތެރިވުމުގެ މައްސަލައިގައި ނަޖީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި، މަނީ ލޯންޑާކުރުމާއި، ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުމުގެ ދައުވާ ވެސް ހިމެނެ އެވެ.

އިސްތިއުނާފު ކޯޓުގައި ހިނގި ޝަރީއަތުގައި ނަޖީބުގެ ވަކީލުން ވިދާޅުވެފައިވަނީ، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އިރު ނަޖީބު ކުރެއްވި ކޮންމެ ކަމެއް ކުރައްވާފައިވަނީ ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.

ވަކީލުންގެ އެ ވާހަކަތަކަށް ރައްދު ދެއްވީ، މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އިސް ފަނޑިޔާރު އަބްދުލްކަރީމް އެވެ.

"މިއީ ގައުމީ މަސްލަހަތުގައި ކުރެއްވި ކަމެކޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތް. މިކަމުގައި ގައުމީ މަސްލަހަތެއް އެއްވެސް ގޮތަކަށް ނެތް. މިއީ ގައުމީ ފުރައްސާރަކުރުމެއް،" ފަނޑިޔާރު ވިދާޅުވި އެވެ.