Roadha Mihaaru
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ

ކޮރަޕްޝަނުގެ ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ

28 ޖުލައި 2020

ކުއާލަ ލަމްޕޫރު (ޖުލައި 28) - މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ކޮރަޕްޝަނުގެ ހަތް ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެ، ކުށްވެރިވާ ކަމަށް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ޖުލައި 28) - މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ކޮރަޕްޝަނުގެ ހަތް ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެ، ކުށްވެރިވާ ކަމަށް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ ލޫޓުވާލި މައްސަލައިގައި ނަޖީބުގެ މައްޗަށް އުފުލި ފުރަތަމަ ހަތް ދައުވާ ސާބިތުވި ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ކުށެއް ނުކުރައްވާ ކަމަށެވެ. މެލޭޝިއާގައި 2009 އިން 2018 އަށް ބޮޑުވަޒީރުގެ މަގާމުގައި ނަޖީބު ހުންނެވި އިރު ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވެ އެވެ.

ކޮރަޕްޝަނުގެ ކުށުގައި ނަޖީބު ކުށްވެރިވުމުން އެތައް އަހަރެއްގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ބެލެވެ އެވެ. ބެލެވޭ ގޮތުގައި ކޮންމެ ކުށަކަށް 15-20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް އިސްތިއުނާފުގެ މަރުހަލާތައް ނިމެންދެން އޭނާ ބަންދުން ދޫކޮށްލާނެ އެވެ. ހުކުމުގެ ކުރިން ނަޖީބު ވިދާޅުވީ ކުށްވެރި ވެއްޖެ ނަމަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

"މި މައްސަލައިގައި ހުރި ހެކިތަކަށް ބަލާއިރު އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށްކުރި ކަމަށް ސާބިތުވޭ،" ކުއާލަ ލަމްޕޫރުގެ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލާން މުހައްމަދު ގަޒާލީ އިއްވެވި ހުކުމުގައި ވިދާޅުވި އެވެ.

މިއަދުގެ ހުކުމް އައިސްފައި ވަނީ 1އެމްޑީބީގެ އެކައުންޓުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކޮށްފައިވާ މައްސަލައަށެވެ.

ނަޖީބުގެ ޑިފެންސް ޓީމުން ބުނެފައި ވަނީ އޭނާގެ އެކައުންޓުގައި ހުރި ފައިސާ އަކީ ސައުދީގެ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށެވެ.

ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު 1އެމްޑީބީ އުފެއްދީ މެލޭޝިއާގެ އިގްތިސާދަށް ކުރިއެރުން ގެނައުމަށްޓަކައި އިންވެސްޓްމަންޓް ބޭންކެއްގެ ގޮތުގަ އެވެ. އެ ބޭންކުން ކޮރަޕްޝަން ހިންގާފައިވާކަން ފަޅާ އަރަން ފެށީ 2015 ވަނަ އަހަރު އެވެ. މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ.

ނަޖީބުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ އެހެން ދައުވާތަކުގެ ތެރޭގައި 2011 އާއި 2014 އާ ދެމެދު 1އެމްޑީބީން 2.28 ބިލިއަން ރިންގިޓް (550 މިލިއަން ޑޮލަރު) ނަންގަވާފައިވުން ހިމެނެ އެވެ. ނަޖީބުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ 21 ދައުވާ އާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ހަތަރު ދައުވާ އުފުލައިފަ އެވެ. ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް ވެސް ވަނީ މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރު ހެދުމުގެ ދައުވާ އުފުލައިފަ އެވެ.