Roadha Mihaaru
ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި

ޕްރޮސެކިއުޓަރުން އެދިގެން ނަޖީބުގެ ޝަރީއަތް ފަސްކޮށްފި

19 އޯގަސްޓް 2019

ކުއާލަ ލަމްޕޫރު (އޮގަސްޓް 19) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަން މައްސަލަތަކުގެ ޝަރީއަތް، ޕްރޮސެކިއުޓަރުން އެދިގެން އަންނަ ހަފުތާގެ ހޯމަ ދުވަހަށް ފަސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 19) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަން މައްސަލަތަކުގެ ޝަރީއަތް، ޕްރޮސެކިއުޓަރުން އެދިގެން އަންނަ ހަފުތާގެ ހޯމަ ދުވަހަށް ފަސްކޮށްފި އެވެ.

ނަޖީބުގެ ވެރިކަމުގައި 1މެލޭޝިއަން ޑިވެލޮޕްމަންޓް ބަރުހާދު (1އެމްޑީބީ) އިން ވަނީ ބިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގައިފަ އެވެ. މިއަދުގެ ޝަރީއަތް އޮތީ 1އެމްޑީބީގެ 2.28 ބިލިއަން ރިންގިޓް (550 މިލިއަން ޑޮލަރުގެ) ކޮރަޕްޝަން މައްސަލައަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް މައްސަލައިގެ އިސް ޕްރޮސެކިއުޓަރު ގޯޕާލް ސްރީ ރާމް ވަނީ އަންނަ މަހަށް ޝަރީއަތް ފަސްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

"މި ޝަރީއަތައިގެން މި ވަގުތު ކުރިއަށް ދިއުމަށް ދަތިތަކެއް އެބަހުރި. ނަޖީބުގެ އެހެން ޝަރީއަތެއް ވެސް ކުރިއަށް އެބަދޭ. އެހެންވެ ދިފާއީ ވަކީލުންނަށް ލިޔުންތައް ހަވާލު ކުރަން ވަގުތު ބޭނުންވޭ،" ކުއާލަ ލަމްޕޫރު ކޯޓުގައި އޭނާ މިއަދު ވިދާޅުވި އެވެ.

ކޮރަޕްޝަނުގެ ޝަރީއަތަށް ކުއާލަ ލަމްޕޫރުގެ ހައި ކޯޓަށް ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކޮރަޕްޝަނުގެ ޝަރީއަތަށް ކުއާލަ ލަމްޕޫރުގެ ހައި ކޯޓަށް ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ނަމަވެސް ފަނޑިޔާރު ނިންމެވީ އަންނަ ހޯމަ ދުވަހަށް ޝަރީއަތް ފަސްކުރުމަށެވެ.

1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި ނަޖީބުގެ މައްޗަށް ވަނީ މަނީ ލޯންޑްރީންގެ 21 މައްސަލައަކާއި މަގާމުގެ ނާޖާއިޒް ބޭނުން ކުރުމުގެ ހަތަރު މައްސަލައެއްގައި ދައުވާކޮށްފަ އެވެ. މި ހުރިހާ ތުހުމަތަކަށް ނަޖީބު އިންކާރު ކުރައްވައިފަ އެވެ.

1އެމްޑީބީން ނަޖީބުގެ އަމިއްލަ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް ޖަމާކުރިކަން އޭނާގެ ވެރިކަމުގައި ފަޅާއެރުމުން އޭރުގެ އެޓާނީ ޖެނެރަލް ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށް ބުނެ ނަޖީބު ސަލާމަތްކޮށްދީފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމާ ގުޅިގެން އާ ސަރުކާރުން ވަނީ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ މައސަލަތައް ބަލަން ފަށައިފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރަނީ 1އެމްޑީބީގެ ޚިޔާނާތް 4.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.